އާޖެންޓީނާއާ ދެކޮޅަށް މިރޭ ކުޅޭ މެޗަކީ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ އަށް އޮތް އެންމެ ފަސޭހަ މެޗު ކަމަށް އެޓީމުގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނެފިއެވެ.

މިރޭގެ މެޗަށް ނިކުންނައިރު ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ކްރޮއޭޝިއާ ވަނީ މޮޅުވެފައެވެ. އެ މެޗުން އެޓީމު މޮޅުވީ ނައިޖީރިޔާއާ ބައްދަލުކޮށް 0-2 އިންނެވެ. ނަމަވެސް އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ. އެޓީމު އެއްވަރުވީ އައިސްލޭންޑާއި ބައްދަލުކޮށް 1-1 އިންނެވެ.

މިރޭގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ޑަލިޗް ބުނީ މި މެޗަކީ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ އިން ކުޅޭނެ އެންމެ ފަސޭހަ މެޗު ކަމަށާއި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައިވުމުން ކްރޮއޭޝިއާ އަށް އޮތް ޕްރެޝަރު ވެސް އާޖެންޓީނާ އަށް ވުރެ ކުޑަ ކަމަށެވެ.

"އެއްވެސް ހާލަތެއްގައި އަހަރެން ނުބުނަން އާޖެންޓީނާ އަކީ އިދިކޮޅަށް ކުޅެން ފަސޭހަ ޓީމެކޭ. އަހަރެން މި ބުނީ މިއީ އަހަރުމެންނަށް އޮތް އެންމެ ފަސޭހަ މެޗޭ. ސަބަބަކީ މި މެޗުން އަހަރުމެންނަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތީމަ. ފުރަތަމަ މެޗުން މޮޅުވެފައި އޮތުމުން އަހަރުމެންނަށް އޮތް ޕްރެޝަރު ވެސް ކުޑަ" ޑަލިޗް ބުންޏެވެ.

އާޖެންޓީނާއާ ދެކޮޅަށް ކުޅުމަކީ ކްރޮއޭޝިއާ އަށް އޮތް ޗެލެންޖެއް ކަމަށާއި މި މެޗަށް ވެސް ނިކުންނާނީ ސީދާ ތިން ޕޮއިންޓު ހޯދަން ކަމަށްވެސް ޑަލިޗް ބުންޏެވެ.

މިރޭގެ މެޗުގައި ކްރޮއޭޝިއާ ޓީމުން އެންމެ ހާއްސަ ސަމާލުކަމެއް ދޭންޖެހޭ އެއް ކުޅުންތެރިއަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ކަމަށްވާއިރު ޑަލިޗް ވަނީ އޭނާ ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

"އެކަމަކު އަހަރުމެން ކުޅޭ ގޭމުގެ ސަބަބުން މެސީ ހުއްޓުވިދާނެ. މެސީ އަށް ލިބޭ ޕާސްތައް ވީހާވެސް ބޮޑަށް މަދުކުރުމަށް މަސައްކަތް ކުރަންޖެހޭނެ. އާޖެންޓީނާ ޓީމުގައި ހުރީ ހަމައެކަނި މެސީއެއް ވެސް ނޫން. އެޓީމުގައި އަދިވެސް މޮޅެތި އެހެން ކުޅުންތެރިން އެބަތިބި. ހަމައެކަނި މެސީ އަށް ފޯކަސް ކުރުމަކީ ރަނގަޅު ކަމެއް ނޫން" ޑަލިޗް ބުންޏެވެ.

މީގެއިތުރުން ޑަލިޗް ވަނީ އާޖެންޓީނާ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ޓީމު ކަމަށްވީ ނަމަވެސް އެޓީމާއި ދެކޮޅަށް ކުޅޭއިރު ކްރޮއޭޝިއާގެ ކުޅުމުގެ ސްޓައިލަށް ބަދަލުތަކެއް ނުގެންނާނެ ކަމަށްވެސް ބުނެފައެވެ.