ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގައި އެކުއެޑޯ އާއި 1-1 އިން އެއްވަރުވެ ބްރެޒިލްގެ މޮޅުވުމުގެ ސިލްސިލާައަށް ނިމިއްޖެ އެވެ.

އެކުއެޑޯ އާއި އެއްވަރުވި މި މެޗާއިއެކު އެ ޓީމުން ޖެހިޖެހިގެން 10 މެޗުން މޮޅުވުމުގެ ރެކޯޑު ވަނީ ނިމުމަކަށް އައިސްފައެވެ. މި ނަތީޖާއާއެކު އެކުއެޑޯ ވަނީ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފައެވެ.

ކުއާޓާފައިނަލުން އެކުއެޑޯ ޖާގަ ހޯދީ ފަސް ޓީމު ހިމެނޭ ގްރޫޕް ބީގެ ހަތަރުވަނައިގައި ލިބުނު ތިން ޕޮއިންޓާއެކު އެވެ. އެއްވަނައިގައި ބްރެޒިލް އޮތީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ ޖުމްލަ 10 ޕޮއިންޓާއެކު އެވެ.

ދެވަނައިގައި ހަތް ޕޮއިންޓާއެކު ޕެރޫ އޮތްއިރު ތިންވަނައިގައި ކޮލަމްބިއާ އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. މި ގްރޫޕުގެ ތާވަލުގެ ފުލުގައި އޮވެ މުބާރާތާއި އަލްވަދާއު ކިޔާފައިވަނީ ރޭ ޕެރޫ އަތުން 1-0 އިން ބަލިވި ވެނެޒުއޭލާ އެވެ. އެ ޓީމަށް ލިބުނީ ދެ ޕޮއިންޓެވެ. ދެ ގްރޫޕު ހިމެނޭއިރު ކޮންމެ ގްރޫޕަކުންވެސް ގަދަ ހަތަރު ޓީމަކަށް ކުއާޓާއިން ޖާގަ ލިބޭނެއެވެ. ފުލުގައި އޮތް ޓީމެއް ކަޓާނެއެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ބްރެޒިލް އެވެ. މި ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި އެޑާ މިިލިޓާއޯ ކާމިިޔާބުކޮށްފައިވަނީ އެވަޓަން ތަނަވަސްކޮށްދިން ފުރުސަަތަކުންނެވެ. މިއީ އޭނާ ބްރެޒިލް ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ބްރެޒިލް އެވެ.

އެކުއެޑޯ އިން ކުއާޓާފައިނަލުގެ ޖާގައެއް ކަށަވަރުކުރި ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައެވެ. މިއީ ވެލެންސިއާ ތަނަވަސްކޮށްދިން ފުރުސަތަކުން އެންޖަލް މިނާ ކާމިިޔާބުކުރި ލަނޑެކެވެ. މި ލަނޑަށްފަހު ވެސް ބްރެޒިލް އަށް މެޗުގައި ލީޑު ނަގަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

މިފަހަރުގެ މުބާރާތް ކުރިޔަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ބްރެޒިލް އާއި ކޮލަމްބިއާ އާއި އެކުއެޑޯ އަދި ވެނެޒުއޭލާގެ އިތުރުން ޕެރޫ އެވެ.

ގްރޫޕް ބީގައި ހިމެނެނީ އާޖެންޓީނާ އާއި ބޮލީވިއާގެ އިތުރުން ޗިލީ އާއި ޕެރަގުއޭ އަދި އުރުގުއޭ އެވެ. މި މުބާރާތް ކުރިޔަށްދާނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.