ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ރަޝިޔާއާ ބައްދަލުކުރި މެޗުގައި ރެފްރީކަން ކުރި އެންރީކޭ ކަސަރޭސް އާއި އޭނާގެ ޓީމުގެ މައްސަލަ ފީފާ އަށް ހުށަހަޅަން މިސްރުގެ ފުޓްބޯޅަ އިދާރާއިން ނިންމައިފިއެވެ.

މިސްރާއި ރަޝިޔާ ބައްދަލުކުރި އެ މެޗު 1-3 އިން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރަށް ރަޝިޔާ ދަތުރުކޮށްފައިވާއިރު އެ މެޗުން ބަލިވުމުން މިސްރު ވަނީ މުބާރާތުން ކަޓާފައެވެ.

ރެފްރީ އާއި އޭނާގެ ޓީމުގެ މައްސަލަ ފީފާ އަށް ހުށަހަޅަން މިސްރުން ނިންމީ އެ މެޗުގައި ރަޝިޔާ އިން ފުރަތަމަ ގޯލް ޖެހުމުގެ ކުރިން މިސްރު ޓީމުގެ ޑިފެންޑަރު އަހުމަދު ފަތީއަށް ފައުލް ކޮށްފައިވާތީ އާއި އަދި މެޗުގެ ދެވަނަ ހާފްގައި މިސްރަށް ދޭން ޖެހޭ ޕެނެލްޓީއެއް ދިނުމަށް ރެފްރީ އިންކާރު ކުރި ކަމަށް ބުނެއެވެ.

މިސްރުގެ ފުޓްބޯޅަ އިދާރާގެ ރައީސް ހާނީ އަބޫ ރިދާ ވިދާޅުވީ ރެފްރީއާ މެދު މައްސަލަ ޖައްސައި މިކަންކަމާ ގުޅޭ ތަހުގީގެއް ހިންގުމަށް ގޮވާލުވުމުގެ ހައްގު އެގައުމަށް ލިބިގެންވާ ކަމަށެވެ. އަދި ބޭނުން ވަނީ މުޅި ރެފްރީ ޓީމުން އެ މެޗުގައި ކަންތައްތައް ކޮށްފައިވާ ގޮތް ބަލައި ތަހުގީގު ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވީއޭއާރްގެ އެހީ ހޯދައި ބެލުމަށްފަހު ރެފްރީ ޕެނަލްޓީއެއް އަހަރުމެންނަށް ދޭންޖެހޭ. އަދި ރެފްރީ އަށް ފެންނަން ޖެހޭނެ ފަތީ ކޮށްޕާލިތަން ވެސް. މި ކަންކަން ތަހުގީގު ކުރުމަށް ގޮވާލުމަކީ އަހަރުމެންނަށް ލިބިގެންވާ ހައްގެއް" ރިދާ ވިދާޅުވިއެވެ.

މި މުބާރާތުގައި މިސްރުން ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ނިކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. މި މެޗަށް ނިކުންނައިރު ސައުދީ ވެސް ވަނީ މުބާރާތުން ކަޓާފައެވެ.