ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލުގައި ޕެރޫ އަތްދަށުކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ބްރެޒިލް ހޯދައިފިއެވެ.

މިއީ މި މުބާރާތުގެ ފައިނަލަށް ބްރެޒިލް ޖެހިޖެހިގެން ދަތުރުކުރި ދެވަނަ ފަހަރެވެ. ބްރެޒިލް އަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމުވެސް މެއެވެ.

ސެމީފައިނަލުގެ ފުރަތަމަ މެޗު ބްރެޒިލް ކާމިިޔާބުކޮށްފައިވަނީ ޕެރޫ އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ބޮޑުބައި ބްރެޒިލް އިން ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް ޕެރޫ އިން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފަައްދާފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބްރެޒިލް ކާމިޔާބުކޮށްފަައިވަނީ މެޗުގެ ފުރަތަަމަ ހާފުގައެވެ. މި ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި ނޭމާ ދިން ބޯޅައަކުން ކާމިޔާބުކޮށްދިިނީ ލޫކަސް ޕަކޭޓާ އެވެ.

މި ލަނޑަށްފަހު ވެސް ބްރެޒިލްގެ ހިތްގައިމު ކުޅުމެއް ކުޅެފައިވެއެވެ. ހާއްސަކޮށް އެ ޓީމުގެ ހުނަރުވެރި ކުޅުންތެރިންނާއެކު ކުޅުނު ރީތި ޕާސިން ގޭމް ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. ހާއްސަކޮށް ނޭމާގެ މޮޅު ކުޅުން މި މެޗުގައި ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ޕެރޫގެ ގޯލްކީޕަރު ޕެޑްރޯ ގެލީސީ ވަނީ މި މެޗުގައި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

ޕެރޫއަށް މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ނަމަވެސް ބްރެޒިލްގެ ކީޕަރަށް ނުރައްކާވާ ވަރުގެ ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ޓީމަކީ ބްރެޒިލް އެވެ. މިފަހަރުގެ ފައިނަލުގައި ބްރެޒިލް ބައްދަލުކުރާނީ ސެމީފައިނަލުގައި އާޖެންޓީނާ އާއި ކޮލަމްބިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.