ވޯލްޑް ކަޕްގައި ސާބިޔާއާ ދެކޮޅަށް ލަނޑު ޖެހުމަށްފަހު ސްވިޒަލޭންޑްގެ ދެ ކުޅުންތެރިން ކަމަށްވާ ގްރޭނިޓް ޒާކާ އާއި ޝަގީރީ އުފާފާޅުކުރި ގޮތުގެ މައްސަލަ ފީފާ އިން ބަލަން ފަށައިފިއެވެ.

ފަހަތުން އަރާ އެ މެޗުން ސާބިޔާގެ މައްޗަށް 1-2 އިން ސްވިޒަލޭންޑުން ކުރި ހޯދިއިރު އެ މެޗުގައި ލަނޑު ޖެހުމަށްފަހު އެ ދެ ކުޅުންތެރިން ވެސް ވަނީ އަތުގެ ނިޝާނުން "ޑަބަލް އީގަލް" ދައްކާފައެވެ. މިއީ ކޮސޯވޯގެ މައްސަލައިގައި ސާބިޔާ އާއި އަލްބޭނިޔާއާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އަލްބޭނިއާ މީހުން ބޭނުންކުރި އިޝާރާތާކެވެ.

ލަނޑު ޖެހުމަށްފަހު މި އިޝާރާތް ދެއްކިއިރު މި ދެ ކުޅުންތެރިންގެ އާއިލާގެ ބައެއް މީހުންނަކީ އަލްބޭނިއާ އަށް ނިސްބަތްވާ މީހުންކަން ފާހަގަކޮށްލެވެއެވެ.

ފީފާ އިން މި މައްސަލަ ބަލަން ފަށާފައިވާއިރު ދަނޑު މަތީގައި ސިޔާސީ އަދި ނަފްރަތު އުފެއްދުމުގެ މެސެޖުތައް ދިނުމަކީ މަނާ ކަމެކެވެ. މި މައްސަލަ ދެ ކުޅުންތެރިންގެ މައްޗަށް ސާބިތުވެއްޖެނަމަ ދެ މެޗުގެ ސަސްޕެންޝަނެއް އައުމަކީ ކައިރި ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ،

އެހެންވެއްޖެނަމަ ގްރޫޕްގެ ފަހު މެޗުގައި ސްވިޒަލޭންޑުން ކުޅޭ މެޗާއި އަދި ދެވަނަ ބުރަށް އެޓީމު ދަތުރުކޮށްފިނަމަ އެ މެޗުގައި ޒާކާ އާއި ޝަގީރީ އަށް ނުކުޅެވޭނެއެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން އެ މެޗުގައި ރެފްރީއާ ގުޅޭގޮތުން ދެއްކި ވާހަކަތަކެއްގެ ސަބަބުން ސާބިއާގެ ކޯޗު މިލަޑެން ކްރިސްޓަޔިޗްގެ މައްސަލަ ވެސް ފީފާ އިން ވަނީ ބަލަން ނިންމާފައެވެ.