ގުރޫޕް އެޗްގައި ކުޅުނު ފުރަތަމަ މެޗުތަކުން، ޕޯލެންޑް އަދި ކޮލަމްބިއާ ވެސް ވަނީ ބަލިވެފަ އެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޕޯލެންޑް ބަލިވީ ސެނެގާލް އަތުންނެވެ. ކޮލަމްބިއާ ވަނީ ޖަޕާން އަތުން ބަލިވެފަ އެވެ. އެހެންކަމުން މި ގުރޫޕްގައި މިރޭ މި ދެ ޓީމު ބައްދަލުކުރާއިރު، ދެ ޓީމަށް ވެސް މޮޅެއް މުހިންމެވެ.

މި މެޗަށް ކޮޮލަމްބިއާ ނުކުންނައިރު، އެ ޓީމުގެ މުހިންމު ކުޅުންތެރިޔާ ހަމޭސް ރޮޑްރިގޭޒް ފުރަތަމަ 11 އިން ފެނުމުގެ ފުރުސަތު އެބައޮތެވެ. މުޅިން ފިޓުނުވާތީ، ފުރަތަމަ މެޗުގައި އޭނާ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެެވެ.

ޕޯލެންޑަށް ބަލާއިރު، ޑިފެންޑަރު ކަމިލް ގިލިކް ވަނީ މިހާރު އަނިޔާ އަށް ފަރުވާ ހޯދުމަށް ފަހު ޓީމާއެކު ފަރިތަކުރުން ފަށައިފަ އެވެ. އެކަމަކު މިރޭގެ މެޗުގައި އޭނާ ފެނުމުގެ ފުުރުސަތު ކުޑަ އެވެ.

ކޮލަމްބިއާގެ ފޯވަޑް ރަޑަމެލް ފަލްކާއޯޯ ބުނީ މެޗުން މިރޭގެ މެޗަކީ ދެ ޓީމަށް ވެސް "ފައިނަލެއް" ކަމަށެެވެ.

"ފައިނަލެއް މިއީ ދެ ޓީމަށް ވެސް. ކުރިން ހެދި ކަހަލަ މިސްޓޭކްތައް މި މެޗުގައި ނުހަދާނެހެން ހީވަނީ. މި މެޗު ވަރަށް މުހިންމު ދެވަނަ ބުރުގެ ފުރުސަތު ދަމަހައްޓަން،" ފަލްކާއޯ ބުންޏެވެ.

ޕޯލެންޑް

ޕޯލެންޑް ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު 9 މެޗުގެ ތެރެއިން ހަތް މެޗުން ވަނީ ބަލިވެފަ.

ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގައި ވެސް ޕޯލެންޑަށް "ކްލީން ޝީޓެއް" ނުހެދޭ. އެންމެ ފަހުން ވޯލްޑް ކަޕް މެޗެއްގައި ޕޯލެންޑް ލަނޑެއް ނުވައްދައި ނިންމާލީ 1986 ވަނަ އަހަރު.

ކޮލަމްބިއާ

ވޯލްޑް ކަޕްގެ ފުރަތަަމަ ދެ މެޗުން ކޮލަމްބިއާ މިހާތަނަށް ބަލިވެފައިވަނީ އެންމެ މުބާރާތެއްގައި.

ކޮލަމްބިއާ ވޯލްޑްް ކަޕްގައި މިހާތަނަށް ކުޅުނު 19 މެޗުގެ ތެރެއިން، އެއް މެޗު ވެސް ލަނޑެއް ނުޖެހި އެއްވަރެއް ނުވޭ.

އެނގޭތަ؟

މިއީ ކޮލަމްބިއާ އާއި ޕޯލެންޑް ވާދަވެރި މެޗެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މި ދެ ޓީމު އެންމެ ފަހުން އެކުވެރިކަމުގެ މެޗެއްގައި ބައްދަލުކުރީ 2006 ވަނަ އަހަރެވެ. އެ މެޗު 2-1 އިން ކާމިޔާބުކުރީ ކޮލަމްބިއާ އެވެ.