ރަޝިއާއަށް ޖާސޫސްކޮށްދޭ ކަމަށް ބުނެ އެގައުމުގެ އެތްލީޓަކު ޕޮލޭންޑުން ހައްޔަރު ކޮށްފިއެވެ.

ޕޮލޭންޑުގެ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލާދީ، މީޑިއާ ރިޕޯޓްތަކުން ބުނީ ރަޝިއާއަށް ޖާސޫސް ކުރާ ކަމަށް ތުހުމަތު ކުރެވޭ އެމީހާ ހައްޔަރު ކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އޭނާގެ އިތުރުން އިތުރު 14 މީހަކު ވެސް ޖާސޫސް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ރަޝިއާގެ އެތްލީޓް ހައްޔަރު ކުރުމަށްފަހު، ތިން މަސް ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް އެގައުމުގެ ކޯޓަކުން އަމުރު ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޕޮލޭންޑްގައި އުޅެމުން އަންނަ އެމީހާ ރަޝިއާއަށް މައުލޫމާތު ފޯރުކޮށްދިނުމުން އެކަމުގެ ބަދަލުގައި އޭނާއަށް ރަޝިއާ ސަރުކާރުން އެހީވެސް ފޯރުކޮށްދޭ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ރަޝިއާއަށް ޖާސޫސް ކުރާ މީހަކު ޕޮލޭންޑުން ހައްޔަރު ކުރި ނަމަވެސް ރަޝިއާއިން އެކަމާއި ގުޅޭ ގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އެގައުމުން ރަޝިއާއަށް ޖާސޫސްކޮށްދޭ މީހަކު ހައްޔަރު ކޮށްފައިވާއިރު، ރަޝިއާއިން އަންނަނީ ޔޫކްރޭނާއި ހަނގުރާމަ ކުރަމުންނެވެ. ޕޮލޭންޑަކީ ޔޫކްރޭނަށް އެންމެ ގިނަ އެހީތައް ފޯރުކޮށްދޭ އެއް ގައުމެވެ. ޕޮލޭންޑުން ޔޫކްރޭނަށް އެހީ ފޯރުކޮށްދޭތީ މީގެ ކުރިން ރަޝިއާއިން ވަނީ އެގައުމަށް އިންޒާރެއް ވެސް ދީފައެވެ.