ޕޮލެންޑުގެ އަވަށަކަށް އަމާޒުވެ ދެ މީހުން މަރުވި މިސައިލް ހަމަލާއަކީ އޮޅިގެން ދިމާވި ހިތާމަވެރި ހާދިސާއެއް ކަމަށާއި އެއީ ގަސްތުގައި ދީފައިވާ ހަމަލާއެއް ނޫންކަމަށް ޕޮލެންޑުގެ ރައީސް އަންޑްރޭ ޑޫޑާ ވިދާޅުވެއްޖެއެވެ.

މިއީ ރަޝިއާއިން ފޮނުވާލާފައިވާ މިސައިލެއްކަމުގެ އެއްވެސް ހެއްކެއް އަދި ލިބިފައިނުވާކަމަށް އަންޑްރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މި މިސައިލަކީ ވައިގެ ދިފާއީ ނިޒާމުތަކުން ފޮނުވާލާފއިވާ މިސައިލެއްކަމަށް އެތައް ގޮތަކުން ބެލެވޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަންޑްރޭ އިތުރަށް ވިދާޅުވީ ނަސީބުދެރަކަމުން މި މިސައިލް ޕޮލެންޑްގެ ސަރައްދަށް ވެއްޓުނީ ކަމަށެވެ.

ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޯލްޓެންބާގް ވިދާޅުވެފައިވަނީ އިއްޔެގެ ހަމަލާ ޕޮލެންޑަށް އަމާޒުވެފައިވަނީ ރަޝިއާއިން ޔުކްރޭނަށް ފުލުފުލުން އެތައް ރޮކެޓް ހަމަލާތަކެއް ދެމުން ދަނިކޮށް ކަމަށެވެ. އަދި މިހާދިސާއާއި ގުޅިގެން ތަހުގީގުތައް ދަނީ ކުރިއަށް ކަމަށާއި، ތަހުގީގުގެ ނަތީޖާއަށް އިންތިޒާރުކުރަންޖެހޭ ކަމަށް ޖެންސް ވިދާޅުވެފައިވެއެވެ. އަދި މިއީ ގަސްތުގައި ދީފައިވާ ހަމަލާއެއްކަމުގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި، ނޭޓޯއާއި ދެކޮޅަށް ރަޝިއާއިން އަސްކަރީ ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާ ކަމުގެ އެއްވެސް ނިޝާނެއްވެސް ނުފެންނަ ކަމަށް ޖެންސް ވިދާޅުވިއެވެ.

އަދި ތަހުގީގުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި މިއީ ރަޝިއާއިން ޔުކްރޭނަށް ދެމުންދިޔަ މިސައިލް ހަމަލާތަކުން ޔުކްރޭނުގެ ސަރަހައްދު ދިފާއުކުރުމަށް، ޔުކްރޭނުން ފޮނުވާލި ވައިގެ ދިފާއީ މިސައިލެއްގެ ސަބަބުން ކުރިމަތިވި ހާދިސާއެއް ކަމަށްވެސް ޖެންސްވަނީ ވިދާޅުވެފައެވެ. ނަމަވެސް މި ހަމަލާގައި ޖެންސް ކުށްވެރި ކުރައްވާފައިވަނީ ރަޝިއާއެވެ.

"ނަމަވެސް އަހަރެން ސާފުކޮށްދޭން ބޭނުން މިއީ ޔުކްރޭނުގެ މައްސަލައެއް ނޫން. ރަޝިއާއިން ޔުކްރޭނުގައި ގާނޫނާ ހިލާފަށް ކުރާ ހަނގުރާމަ ކުރިއަށް ގެންދާތީ މި ހަމަލާގެ ޒިންމާ ނަގަންޖެހޭނީ ރަޝިއާއިން." ޖެންސް ވިދާޅުވިއެވެ.

ނޭޓޯގެ ސެކްޓްރީ ޖެނެރަލް ޖެންސް ސްޓޯލްޓެންބާގް

ތަހުގީގުގެ ވަގުތީ ނަތީޖާތައް އައިސްފައި މިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޔުކްރޭނަށް ތާއީދުކުރާ ހުޅަނގުގެ އެހެން ގައުމުތަކުންވެސް މި ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވަނީ މިއީ ރަޝިއާއިން ފޮނުވާލި މިސައިލެއް ކަމާއިމެދެ ޝައްކު އުފައްދަވާފައެވެ. މިހަމަލާ ފުރިހަމައަށް ތަހުގީގު ކުރެވެންދެން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާކަމުގައާއި، ނަމަވެސް މިސައިލް ދަތުރުކުރި މަގުގެ ގޮތުން މި މިސައިލް ފޮނުވާލާފައިވަނީ ރަޝިއާއިން ކަމަށް ވުން ދުރުކަމަށްވެސް ކުރިން ބައިޑަން ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ތިން އޮފިޝަލަކުވެސް ބުނެފައިވަނީ ފުރަތަމަ ބެލިބެލުންތަކުން ލަފާކުރެވެނީ މިއީ ރަޝިއާގެ މިސައިލަކާއި ދިމާލަށް ޔުކްރޭނުން ފޮނުވާލި މިސައިލެއް ކަމަށެވެ.

ސޯވިއެޓް އާއި ރަޝިއާއިން އުފައްދާފައިވާ ހަތިޔާރު ޔުކްރޭނުގެ އަސްކަރިއްޔާއިންވެސް ގެންގުޅެއެވެ. އަދި ހަނގުރާމައިގެ ތެރޭގައިވެސް ޔުކްރޭނުން ވަނީ ރަޝިއާ ސިފައިންގެ އެތައް ހަތިޔާރެއް ހިފަހައްޓާފައެވެ.

ރަޝިއާއިން ޔުކްރޭނުގެ މުއާސަލާތީ ހިދުމަތްދޭ ތަންތަނަށާއި ހަކަތަ އުފައްދާ ތަންތަނަށް ދެމުންދިޔަ ހަމަލާތަކުން ދިފާއުވުމަށް ޔުކްރޭނުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. ޕޮލެންޑުގެ ބޯޑަރު ކައިރީގައި އޮންނަ ޔުކްރޭނުގެ ދެކުނުގެ ސަރަހައްދުގައިވެސް ވައިގެ ދިފާއީ ބާރުތަކުން މަސައްކަތްކުރަމުން ދިޔައެވެ.

ޔުކްރޭނުގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި ރަޝިއާއިން ފޮނުވާލި 99 އަކަށްވުރެ ގިނަ މިސައިލްތަކުގެ ތެރޭން 77 މިސައިލާއި 11 ޑްރޯން ވާނީ ވައްޓާލާފައެވެ.

ޕޮލެންޑަށް އަމާޒުވި މިސައިލަކީ ރަޝިއާއިން ފޮނުވާލި މިސައިލެއް ނޫންކަމަށް އެގައުމުން ވަނީ ތަކުރާރުކޮށް ބުނެފައެވެ. އެގައުމުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ރަޝިިއާގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، އިއްޔެ އެގައުމުން ދިން ހަމަލާތައް ޕޮލެންޑްގެ ބޯޑަރާއި 22 މޭލަށްވުރެ ކައިރިވެފައި ނުވާނެކަމަށެވެ.

ހަމަލާދިން ސަރަހައްދުގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ގެއްލުންތައް ލިބިފައިވަނީ ޔުކްރޭނުގެ އެސް-300 މިސައިލަކުން ކަމަށްވެސް ރަޝިއާއިން ބުނެފައިވެއެވެ.

ޕޮލެންޑަށް މިސައިލް ހަމަލާ އަމާޒުވި ސަރަހައްދު

ޕޮލެންޑާއި ޔޫކްރޭން ވަކިކުރާ ސަރަހައްދީ އިން ކައިރީގައި އޮންނަ ޕޮލެންޑްގެ އަވަށަކަށް އަމާޒުވި މިހަމަލާގައި ދެ މީހަކު މަރުވެފައިވެއެވެ. އަދި މި ހަމަލާގެ ސަބަބުން ހުޅަނގުގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. ތަހުގީގުގެ ނަތީޖާތައް އިއުލާން ކޮށްފައިމިވަނީ ޕޮލެންޑަކީ ނޭޓޯގެ މެންބަރަކަށް ވާތީ ޕޮލެންޑަށް ދިން ހަމަލާގެ ރައްދުގައި ރަޝިއާ އާއި ދެކޮޅަށް ނޭޓޯ އިން ނުކުމެއްޖެނަމަ، މިހާރު ހިނގަމުންދާ ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސުކުއިޑް

    އިޒުރޭލުން ފަލަސްތީނުގައި ހިންގަނީ ގާނޫނު ހުއްދަކުރާ ޖަރީމާތަކެއްތަ؟ މިހިރަ ޝައިތާނެއް ހުވާ…

    40
    2
  2. ޖުހާ.

    ނޭޓޯގެ އެއާޑިފެންސް ސިސްޓަމަކީ ފެނަބައްޑާއެއްކަން ޔަގީންވެއްޖެ. އަތަށް ގޮވީ.

    21
    2
  3. ރަން ރީނދޫ

    ޔުކްރެއިނުން، ނޭޓޯ މި ހަނގުރާމައިގެ ތެރެއަށް ވައްދަން ކުރިކަމެއް.

    7
    1
  4. ރަބަރޭ

    ޔުކްރެއިނުން ނުބާ ހެދިކަން ޔަގީންވީމަ އަތަށް ގޮވީ