3-0 އިން ޕޮލެންޑް ބަލިކޮށް ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ އުއްމީދު ކޮލަމްބިޔާ އިން އާކޮށްފިއެވެ.

މި މޮޅާއެކު ގްރޫޕް އެޗްގައި ހިމެނޭ ކޮލަމްބިޔާ އޮތީ ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. ގްރޫޕްގެ އެއްވަނައިގައި އޮތް ޖަޕާން އަދި ސެނެގާލް އަށް ހަތަރު ޕޮއިންޓު ލިބިފައިވާއިރު ގްރޫޕްގެ ފުލުގައި އޮތް ޕޮލެންޑަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެޓީމު ވަނީ މިރޭގެ މެޗުން ބަލިވުމުން މުބާރާތުން ކަޓާފައެވެ. މި ގްރޫޕްގައި ބާކީ ކޮންމެ ޓީމަކަށް ވެސް އަދި އެއް މެޗު އެބައޮތެވެ.

ކޮލަމްބިޔާގެ ފަރާތުން މޮޅު ކުޅުމެއް މިރޭގެ މެޗުގައި ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 40 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޔެރީ މީނާއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ހަމޭސް ރޮޑްރިގޭޒް ނަގައިދިން ހުރަހެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ. މިއީ މި ހާފުގައި ކޮލަމްބިޔާ އަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ވެސް މެއެވެ.

ގޯލަށްފަހު މީނާ އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ

ޕޮލެންޑުގެ ފަރާތުން ދަށް ކުޅުމެއް މި މެެޗުގައި ފެނުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ނަތީޖާ އެއްވަރުކޮށްލަން އެޓީމުގެ ކެޕްޓަން ރޮބަޓް ލެވެންޑޯސްކީ އަށް ރަނގަޅު ފުރުސަތެއް ވަނީ ލިބިފައެވެ. ނަމަވެސް ކޮލަމްބިޔާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ލެވެންޑޯސްކީ ފޮނުވާލި އެ ހަމަލާ ދިފާއުކުރީ ކޮލަމްބިއާގެ ކީޕަރު އޮސްޕިނާއެވެ.

ކޮލަމްބިޔާ އިން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލު ކުއެންޓޭރޯ ދިން ރީތި ޕާހަކުން މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަދި އިތުބާރު ފޯވާޑް ރަޑަމެލް ފަލްކާއޯއެވެ. އަދި އޭގެ ފަސް މިނެޓްފަހުން ހުއާން ކުއަޑްރާޑޯ ވަނީ ކޮލަމްބިއާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ފަހު 10 މިނެޓްތެރޭ ޕޮލެންޑުން ކޮލަމްބިއާގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް އެ ހަމަލާތައް ކޮލަމްބިއާގެ ކީޕަރު އޮސްޕިނާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ކޮލަމްބިއާ އާއި ޕޮލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗުން ބަލިވި ޕޮލެންޑު މުބާރާތުން ކެޓިއިރު މިއީ މިފަހަރުގެ ވޯލްޑް ކަޕުން ކެޓި ޔޫރަޕަށް ނިސްބަތްވާ ފުރަތަމަ ޓީމުކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ކޮލަމްބިޔާ އަށް އޮތްއިރު ގްރޫޕްގެ ފަހު މެޗުގައި އެޓީމު ނިކުންނާނީ ސެނެގާލްއާ ދެކޮޅަށެވެ. އަދި ޕޮލެންޑް ބައްދަލުކުރާނީ ޖަޕާނާއެވެ.