އެފްރިކާ ބައްރުގައި ބާސްކެޓް ފުޅާކުރުމުގެ ގޮތުން ކުރިޔަށްގެންދާ ހަރަކާތްތަކުގެ ސްޓްރެޓެޖިކް ޕާޓްނަރަކަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ހަމަޖައްސައިފިއެވެ.

ބާސްކެޓްގެ ދުނިޔޭގައި މަގްބޫލު އެމެރިކާގެ ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) ގެ އެފްރިކާ ބައްރުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ބޮޑު ޕްލޭނެއް ވަނީ އެކުލަވާލާފައެވެ. މި ޕްލޭންތަކުގެ ތެރޭގައި އޮބާމާގެ ދައުރު ވަރަށް ބޮޑެވެ.

"އެންބީއޭ އެފްރިކާގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް ކުރިޔަށްގެންދިއުމާއި ފަރުދީ ޒިންމާއެއްގެ ގޮތުގައި މިކަން ބަލައި އޮބާމާ މި ކުޅިވަރު އެފްރިކާގައި ޕްރޮމޯޓުކޮށްދޭން ނެގި އިސްނެގުމަށް ފަށްފަށުން ޝުކުރިއްޔާ، މި އެއްބަސްވުމާއެކު އިތުރު ޕްރޮމޯޓުކުރުމުގެ އިތުރު ޕްރޮގްރާމުތަކާއި މިންތީގެ ހަމަހަމަކަން ގާއިމުކުރަން ބޮޑު އިސްކަމެއް ދޭނެ" މިކަން ހާމަކޮށް އެންބީއޭ އިން ނެރުނު ނޫސްބަޔާނުގައި ވެއެވެ.

އޮބާމާއަކީ ބާސްކެޓް ކުޅުމަށް ބޮޑު ޝައުގެއް ބަހައްޓަވާ ބޭފުޅެކެވެ. ރައީސްކަމުގެ ކުރިންވެސް އޮބާމާ ވަނީ އެ ކުޅިވަރު ޕްރޮމޯޓުކުރުމުގެ ގިނަ ހަރަކާތްތަކުގައި ބައިވެރިވެފައެވެ. އަދި ރައީސްކަމުގައި ވެސް ބާސްކެޓް ޕްރޮމޯޓުކުރުމަށް ހާއްސަ އިސްކަމެއް ދެއްވިއެވެ.

ހާއްސަގޮތެއްގައި އެމެރިކާގައި ކަޅު ނަސްލާއި ދެކޮޅަށް އެންމެފަހުން ހިނގައިދިޔަ ކަންތައްތަކުގެ ތެރެއިން މި ކުޅިވަރުގެ ފޯރި ދިރުވާ އާލާކުރުމަށް އޮބާމާ ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އެފްރިކާގައި ބާސްކެޓް ފުޅާކުރުމުގެ ގޮތުން ވަރަށް އަވަހަށް ލީގެއް ފެށުމަށް ވަނީ ނިންމާފައެވެ. މި ލީގު ކުރިޔަށްދާނީ އެމެރިކާގެ އެންބީއޭގެ ހިއްސާއާ އެކުއެވެ.

"އަބަދުވެސް ހިތުގައި އޮވޭ އެފްރިކާ ބައްރަށް އަހަންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ، އެ ވިސްނުމުގެ ތެރެއިން މިއީ އަހަންނަށް ލިބުނު ވަރަށް ފުރުސަތެއް މި ކުޅިވަރު އިތުރަށް އެފްރިކާގައި އާލާކުރަން" އޮބާމާ ވިދާޅުވިއެވެ.