އިންޑިއާގައި މުސްލިމުންގެ ހައްގުތައް ގެއްލޭ ގޮތައް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ކަންތައްތައް ކުރަމުން ގެންދާކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވުމުން އިންޑިއާ ސަރުކާރުގެ ވެރިން އެކަމާއި ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

އިންޑިއާގެ މުސްލިމުންނަށް އެގައުމުގެ ސަރުކާރުން ކުރިމަތި ކުރަމުން ގެންދާ ކަންކަމާއި ދެކޮޅަށް އޮބާމާ ވާހަކަދެއްކެވީ މިދިޔަ ހަފްތާގައި ބޮޑުވަޒީރު މޯދީ އެމެރިކާ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވަނިކޮށެވެ.

އޮބާމާ ވިދާޅުވީ މޯދީގެ ސަރުކާރުން އަންނަނީ މައިނޯރިޓީންގެ ހައްގުތަކަށް އަރައިގަނެ، ޑިމޮކްރެޓިކް މުއައްސަސާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ކަމަށެވެ.

މޯދީގެ ޕާޓީ ކަމަށްވާ ބީޖޭޕީގެ އިސް މެންބަރެއް ކަމަށްވާ އިންޑިއާގެ ފިނޭންސް މިނިސްޓަރ ނިމަލާ ސިޓަރަމަން ވަނީ އޮބާމާ ދެއްކި ވާހަކަތަކާއި ގުޅިގެން ވަރަށް ބޮޑަށް އޮބާމާއަށް ފާޑުކިޔާފައެވެ. "މޯދީ އިންޑިއާއަށް ވަޑައިގަތުމުން އެކަމުގެ ބޭނުންކޮށް ކެމްޕޭން ކުރަމުން ގެންދާ އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ވާހަކަތަކުގެ ސަބަބުން އަހަރެންނަށް ލިބުނީ ވަރަށް ބޮޑު ޝޮކެއް." ފިނޭންސް މިނިސްޓަރ ނިމަލާ ވިދާޅުވިއެވެ.

ނިމަލާ ވިދާޅުވީ އިންޑިއާގެ ސަރުކާރަކީ ކޮންމެ ދީނެއްގެ ބަޔަކާއިމެދު ވެސް ހަމަހަމަ އުސޫލެއްގެ މަތިން ކަންކަން ކުރުމުގެ ގާބިލްކަން ލިބިފައި އޮތް ގައުމެއް ކަމަށާއި އެކަން ވާނީ މިހާތަނަށް ސާބިތުވެސް ކޮށްދީފައި ކަމަށެވެ.

"އޮބާމާ ވެރިކަމުގައި ހުރިއިރު ސީރިއާ އާއި ޔަމަން ފަދަ މުސްލިމުންގެ މެޖޯރިޓީ އޮތް ގައުމުތަކަށް އެމެރިކާ އިން ބޮން އަޅަމުން ގެންދިޔައިރު އެވިދާޅުވީ މުސްލިމުންގެ ހައްގު ކޮބައިތޯ؟" ނިމަލާ ސުވާލު ކުރެއްވިއެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްނަތު ސިންހް ވެސް ވަނީ އޮބާމާގެ ވާހަކަތަކާއި ގުޅިގެން އޮބާމާއަށް ފާޑުކިޔާފައެވެ. "ވިސްނާލަބަލަ އިންޑިއާ އިން ކިތައް މުސްލިމް ގައުމަށްތޯ ހަމަލާތައް ދިނީ، އެއްވެސް ގައުމަކަށް އިންޑިއާ އިން ހަމަލާ ދީފައެއް ނޯންނާނެ." ސިންހް ވިދާޅުވިއެވެ.

މޯދީ އެމެރިކާއަށް ވަޑައިގެންނެވީ ރައީސް ޖޯ ބައިޑެންގެ ދައުވަތަކަށެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުންނާއި އަދި ބައިޑެންގެ ޑިމޮކްރެޓިކް މެންބަރުން ވެސް ވަނީ މޯދީ އާއި ދެކޮޅަށް އަޑުއުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގެރިމޯދި

    ހަޖަމެއް ނުވާނެ ގެރި މޯދީޖީ އަކަށް

    18
  2. ޠިއުފާ

    ޑިމޮކްރެޓްސްގެ 75 މެންބަރުން ވޭ އިންޑިޔާގެ އިންސާނީ ޙައްޤުތަކާއި ބެހޭ މައްސަލައިގެ ކަންބޮޑުވުން މޯޑީއަށްދެންނެވުމަށް ސޮއިކޮށް ބައިޑަން އަށް ސިޓީއެއް ވެސް ފޮނުވާފައި. ޢަދި ބައެއް މެންބަރުން ވަނީ މޯޑީ ކޮންގްރެސްގައި ދެއްވި ތަޤުރީރަށް ވަޑައި ނުގެން ބޮއިކަޓް ކުރައްވާފައެވެ.

    16
  3. ރަން ރީނދޫ

    ތި ދެބައި މީހުންނަކީވެސް މުސްލިމުންގެ އަދާވާތްތެރިން. އެއްބަޔަކު އަނެއްބަޔަކަށް ކަލަ ގޮވަނީ މުސްލިމުންނަށް ކުރެވުނު އަނިޔާގެ ވާހަކައިން."މަށަށް ވުރެން ގިނައިން މެރީ ކަލެއޭ" މި ގޮވަނީ. ކޮންމެ ބަޔަކު ވެސް އެ ބަޔަކަށް ބާރު ލިބިގެންވާ މިންވަރަކުން މުސްލިމުންގެ ލޭ ބޮމުން މި ދަނީ.

    26
  4. ދސފދ

    އެމެރިކާއިން އެމެރިކާގައި އުޅޭ މުސްލިމުންނަށް ފައުޅުގައި ރާވައިގެން އިންޑިއާ ހިންގާ ކަހަލަ ދުއްތުރާއެއް ނުޖައްސާ.
    އެމިރިކާއިން ހަމަލާދިނި އިސްލާމީ ގައުމެއްގައި ހިނގަމުން ނޭދެވޭ ބާރުތަކާއި ދެކޮޅަށް.
    އިންޑިއާ އަކީ ބަޔަކަށް ހަމަލާދެވޭ ވަރަށް ވުރެ ފިނޑި ބައެއް.

    11
    4