އިންޑިއާ އިން ބޭނުން ވަނީ ސެމި ކޮންޑަކްޓާ އިންޑަސްޓްރީގެ އިތުބާރު ކުރެވޭ ޕާޓްނަރަކަށް އަދި މުޅި ދުނިޔެއަށް ޗިޕް އުފައްދާ ގައުމަކަށް ވާން ކަމަށާއި ފޮކްސްކޮން އިން އެފަދަ ފުރުސަތެއް ދިނީތީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވެއްޖެއެވެ.

ގުޖުރާތުގައި ކުރިއަށް ގެންދިޔަ ސަރުކާރުގެ ސެމިކޮން އިންޑިއާ އަހަރީ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ ސެމިކޮންޑަކްޓާ އިންޑަސްޓްރީގެ އިތުބާރު ކުރެވޭ ޕާޓްނަރަކަށް އަދި މުޅި ދުނިޔެއަށް ޗިޕް އުފައްދާ ގައުމަކަށް ވާން އިންޑިއާ އިން ބޭނުންވާ ކަމަށާއި އެދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި އިންޑިއާގައި ފޮކްސްކޮންގެ ކާރުހާނާއެއް އެޅުމުމަށް އެކުންފުނިން ނިންމާފައިވާތީ އެކަމާ މޯދީ ވަނީ މަރުހަބާ ދަންނަވައިފައެވެ.

ފޮކްސްކޮންގެ ކާރުހާނާ އެޅުމަށް ހަމަޖައްސާފައި ވަނީ ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓާ ކައިރީގައި އޮތް 300 އޭކަރުގެ ސަރަހައްދެއްގައެވެ.

މި ހަފްލާގައި އެމެރިކާގެ ޗިޕް އުފައްދާ ކުންފުނި އެޑްވާންސްޑް މައިކްރޯ ޑިވައިސް (އޭއެމްޑީ) އިން ބުނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިންޑިއާގައި ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު އިންވެސްޓް ކުރުމުގެ އިތުރުން އެންމެ ބޮޑު ޑިޒައިން ސެންޓަރު ބެންގަލޫރުގައި އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ފޮކްސްކޮންގެ ޗެއާމަން ޔަންގް ލިއު އާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ދުނިޔޭގެ އެންމެ ބޮޑު އިލެކްޓްރޯނިކްސް އުފައްދާ ކުންފުނިން ވެސް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދެ ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެއެވެ.

ޕަލް ކުންފުނީގެ އެންމެ ބޮޑު އެއް ސަޕްލަޔަރު އަދި އައިފޯނުގެ ގިނަ ބައިތަކެއް އުފައްދަމުން އަންނަ ފޮކްސްކޮން ކުންފުނިން އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގައި އައިފޯނު ކާރުހާނާއެއް އެޅުމަށް 700 މިލިއަން ޑޮލަރު އިންވެސްޓުކުރަން ވަނީ ހަމަޖެހިފައެވެ.

މި ކާރުހާނާއާ އެކު 100،000 ވަޒީފާ އުފެދޭނެކަމަށް އިންޑިޔާގެ ސަރުކާރުން ވަނީ ބުނެފައެވެ. މި ޕްރޮޖެކްޓު ވެގެން ދާނީ އިންޑިއާގައި ފޮކްސްކޮން އިން ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަށެވެ.
ޗައިނާއިން ބޭރުގައި ކާރުހާނާ އެޅުމަށް ބައެއް ޓެކްނޮލޮޖީ ކުންފުނިތަކަށް އެންމެ ކަމުދާ ދެ ގައުމަކަށް ވަމުން އަންނަނީ އިންޑިއާ އާއި ވިއެޓްނާމެވެ.

އެޕަލް އިން މިހާރު ވެސް އިންޑިއާގައި އައިފޯނުގެ ބައެއް މޮޑެލްތައް އުފައްދަމުން އަންނަ އިރު އެޕަލްގެ ޖުމްލަ އުފެއްދުންތަކުގެ %25 އިންޑިއާއަށް ބަދަލު ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޑިޔާ ސަރުކާރުން ބުނެއެވެ.