ފަހު ވަގުތު މޮރޮކޯއާ 2-2 އިން އެއްވަރުކޮށް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ސްޕެއިން ދަތުރުކޮށްފިއެވެ.

މިރޭގެ މެޗު އެއްވަރުވުމުން ސްޕެއިން ގްރޫޕް ސްޓޭޖު ނިންމާލީ ފަސް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮވެއެވެ. މި ގްރޫޕްގެ ދެވަނަ ހޯދި ޕޯޗުގަލް އަށް އަށް ވެސް ހަމަ މި އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ސްޕެއިން އަށް ގްރޫޕްގެ އެއްވަނަ ލިބުނީ ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ ތިންވަނަ ހަތަރު ޕޮއިންޓާއެކު އީރާން އަށް ލިބުނުއިރު ގްރޫޕްގެ ފުލަށްދިޔަ މޮރޮކޯ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

މޮރޮކޯގެ ފަރާތުން ރަނގަޅު ކުޅުމެއް މި މެޗުގައި ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް އެޓީމުންނެވެ. ސްޕެއިންގެ މެދުތެރެއާއި ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު މެޗުގެ 14 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހާލީދް ބޫތާލިބްއެވެ.

ގޯލަށްފަހު ބޫތާލިބް އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ

ނަމަވެސް އޭގެ ފަސް މިނެޓްފަހުން ސްޕެއިން އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އިނިއެސްޓާ ދިން ޕާހަކުން މި ގޯލު ސްޕެއިން އަށް ކާމިޔާބުކޮށްދިނީ އިސްކޯއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ނަގަން ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ސްޕެއިންގެ ޕެނަލްޓީއޭރިއާ ތެރެއަށް ފުދޭވަރަކަށް ހުހަށް ވަނުމަށްފަހު މޮރޮކޯގެ ހާލިދު ފޮނުވާލި ހަމަލާ ސްޕެއިންގެ ކީޕަރު ޑެހެޔާ ދިފާއުކުރިއިރު މޮރޮކޯގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ސްޕެއިންގެ ސާޖިއޯ ބުސްކެޓްސް ބޮލުން ފޮނުވާލި ހަމަލާ ދިޔައި ގޯލުގެ ދަނޑިމަތިން ބޭރަށެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު މޮރޮކޯގެ އަމްރަބާތް ވަނީ ސްޕެއިންގެ ގޯލަށް ވަރަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން ސްޕެއިންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. މީގެއިތުރުން މެޗުގެ 62 ވަނަ މިނެޓްގައި އިސްކޯ ވެސް ވަނީ ބޮލުން މޮރޮކޯގެ ގޯލަށް ހަމަލާއެއް ފޮނުވާލިއިރު އެ ހަމަލާ ގޯލުގެ ހުރަސް ރޮގުމަތިން ދިފާއުކުރީ މޮރޮކޯގެ ޑިފެންޑަރެކެވެ.

ސްޕެއިންގެ ފުރަތަމަ ގޯލު އިސްކޯ ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ މެޗު ނިމެންދަނިކޮށް މެޗުގެ 81 ވަނަ މިނެޓްގައި މޮރޮކޯ އިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ގޯލު މޮރޮކޯ އަށް ކާމިޔާބުކޮށްދިނީ ޔޫސުފް އަން ނެސޭރީ ކަމަށްވާއިރު އޭނާ މި ގޯލު ކާމިޔާބުކުރީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. ނަމަވެސް މެޗުގެ އިތުރުވަގުތުގެ ތެރޭގައި އިއާގޯ އަސްޕާސް ވަނީ ސްޕެއިން އަށް ނަތީޖާ އެއްވަރުކޮށްދީ މި މެޗުން އެޓީމު ބަލިނުވެ ސަލާމަތްކޮށްދީފައެވެ.

މި މެޗު އެއްވަރުކޮށް ސްޕެއިން ދެވަނަ ބުރަށް ދަތުރުކުރިއިރު، ދެވަނަ ބުރުގައި އެޓީމު ބައްދަލުކުރާނީ ގްރޫޕް އޭގެ ދެވަނަ ހޯދި ރަޝިޔާއާއެވެ. އެ މެޗު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

މިރޭގެ މެޗު އެއްވަރުވިއިރު މިއީ 1982 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ސްޕެއިން އަށް މޮޅު ނުވެވުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ 2006 ވަނަ އަހަރަށްފަހު މެޗަކުން ބަލިނުވެ ސްޕެއިން އިން ގްރޫޕް ސްޓޭޖު ނިންމާލި ފުރަތަމަ ފަހަރުވެސް މެއެވެ.