ކެރީބިއަން ސަރަހައްދުގެ އިތުރުން ދެކުނު އަދި އިރުމަތީ އެމެރިކާގެ ގައުމުތަކުގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ގޯލްޑް ކަޕުގެ ޗެމްޕިއަންކަން އެމެރިކާ ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެމެރިކާ ހޯދާފައިވަނީ މިއަދު ހެނދުނު ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ވާދަަވެރި މެކްސިކޯ އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ނެވާޑާގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިފައިވެއެވެ. އަަދި ގިނަ ހަމަލާތަކެއްވެސް ދެ ޓީމުން އުފައްދާފައިވެއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ. އެހެންކަމުން ދެން ޖެހުނީ އިތުރުވަގުތުގެ ދެ ހާފު ކުޅޭށެވެ.

މެޗުން އެމެރިކާ މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ލިބުނު ލަނޑު ފެނިގެންދިޔައީ އިތުރުވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގެ ތެރެއިން ދެވަނަ ހާފުގައެވެ މި ލަނޑު ކާމިޔާބުކޮށްފައިވަނީ މައިލްސް ރޮބިންސަން އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ހިލޭ ޖެހުމެއްގައި ކެލީން އަކޯސްޓާ ހުރަސްކުރި ބޯޅައަކުންނެވެ.

މިއީ އެމެރިކާއަށް ތާރީހީ މުބާރާތެކެވެ. މިއީ އެ ގައުމުގެ ތާރީހުގައި ގޯލްޑް ކަޕުގައި ކުޅުނު އެއްވެެސް މެޗަކުން ބަލިނުވެ މުބާރާތެއްގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތާއި އެ ގައުމު ކުރިމަތިލީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ސްކޮޑުން އުނިކުރުމަށްފަހު އެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން އެމެރިކާ ހޯދި ހަތްވަނަ ފަހަރެވެ. އެންމެފަހުން އެ ގައުމު ޗެމްޕިއަންކަން ހޯދީ 2017 ވަނަ އަހަރު އެވެ.