ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ކ. އަތޮޅުގެ ޗެމްޕިއަންކަން ދިއްފުށިން ހޯދައިފިއެވެ.

ރަނގަޅު ފޯމެއްގައި ފައިނަލަށް ނުކުތް ގާފަރުން ދިއްފުށި ކައިރިން މިރޭގެ މެޗުގައި ބަލިވީ 4-3 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ތިން މިނެޓް ތެރޭގައި ދިއްފުށިން ލީޑު ނެގި އިރު، އެ ގޯލަކީ ޒައިން ޒަފަރު ފަހިކޮށްދިން ބޯޅައެއްގައި އަހުމަދު މާޒިން ޖެހި ގޯލެކެވެ. އެ ގޯލާއެކު ދިއްފުށީގެ ސަޕޯޓަރުން ކެކިގެން ދިޔައެވެ. މެޗު ފޯރިގަދަ މެޗަކަށް ވެގެންދާނެކަމުގެ ޔަގީންކަން ލިބުނެވެ.

މި ގޯލަށްފަހު ގާފަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާ އަލީ މާއިސް (މައްޓު)ގެ މޮޅު ހުނަރާއެކު ގާފަރުން ނަތީޖާ ހަމަހަމަކުރިއެވެ. ނަތީޖާ ހަމަހަމަކޮށް ގާފަރުން ތިރިން ޕާސްތައް ކުޅެން މަސައްކަތް ކުރި ނަމަވެސް ދިއްފުށިން ބޮޑަށް ބެލީ ޑައިރެކްޓް އެޓޭކިން ގޭމެއް ކުޅުމަށެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ތިންވަނަ ގޯލުވެސް ފެނުނީ ދިއްފުށީގެ ފަރާތުންނެވެ. އެ ގޯލު ޖަހައިދިނީ ރިލުވާން ރަޝީދެވެ.

އެ ގޯލަށް މިނެޓެއްވެސް ނުވެ، އަލުން ކުޅުން ފަށައި އަނެއްކާވެސް މައްޓު ގާފަރަށް ނަތީޖާ ހަމަހަމަކޮށްދިން އިރު، ދެވަނަ ހާފަށް ނުކުތީ ހަމަހަމަ ނަތީޖާއަކާ އެކުގައެވެ. ދެވަނަ ހާފަށް ނުކުމެވެސް އަލުން އަނެއްކާވެސް ލީޑު ނެގީ ދއްިފުށިންނެވެ. އެޓީމުގެ ތިންވަނަ ގޯލު ޖަހައިދިނީ ޝައިހާން ފާއިޒެވެ. އެ ގޯލަށްވެސް އެންމެ ބޮޑު ދައުރެއް އަދާކުރީ ކ. އަތޮޅުގެ ޓޮޕް ސްކޯރާއާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދިއްފުށީގެ މާޒިން އަދި ފައިނަލް މެޗުގައި މޮޅަށް ކުޅުނު ޒައިންއެވެ.

އޭގެ ފަހުން ކުޅުން ރަނގަޅުކޮށް ޓީމު އެއްކޮށް ކުރިއަށް ޖައްސައިގެން ކުޅެ ގާފަރުން ވަނީ ތިންވަނަ ގޯލެއް ޖަހައި މެޗުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލު ޖެހީ އިބްރާހީމް ރިމާހު (ރިމޭ) އެވެ. ރިމޭގެ އެ ގޯލާއެކު މެޗުގެ ނަތީޖާ ހަމަހަމަވެ، ޕެނަލްޓީއާ ދިމާލަށް ދަނިކޮށް، ދިއްފުށިން މެޗުން މޮޅުވި ގޯލު ޖެހީ ފަހު މިނެޓުގައެވެ. މާޒިން އެ ގޯލު ޖެހީ ގާފަރުގެ ގޯލްކީޕަރު ފައްޔާޒު ފަޔާޒު ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ އެންމެފަހު ފައިނަލް މެޗުތައް މިރޭ ކުޅެފައިވާ އިރު، ކ. އަތޮޅުގެ ފައިނަލް ފެނިގެން ދިޔައީ އާދަޔާހިލާފު ފޯރިގަދަ ފައިނަލެއްގެ ގޮތުގައެވެ.