ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ޕެނަލްޓީ ހިފަހައްޓާލުމާއެކު، އީރާނު ޓީމުގެ ގޯލްކީޕަރ، އަލިރިޒާ ބޭރެންވެންޑުގެ އަޑުގަދަވެގެންދާނެކަމަށް އުންމީދު ކުރެވުނެވެ. އޭނާގެ ނަން، ދުނިޔޭގެ މީިޑިޔާތަކުގެ ފަލަ ސުރުޚީއަށް އަރާނެކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ.

އެކަންވަނީ އެގޮތަށްވެފައެވެ. އަދި، އޭނާގެ ހިތްވަރާއި ކެރުމުން ފުރިފައިވާ އޭނާގެ ޙަޔާތުގެ ވާހަކަވެސްވަނީ އެނގިގެން ގޮސްފައެވެ. ވޯލްޑް ކަޕުގައި ކުޅެވޭ ފެންވަރުގެ ކީޕަރަކަށް އޭނާވެފައިވަނީ އެތައް މަސައްކަތަކުންނެވެ. އެތައް ދުވަހެއްގެ މިންނަތާއި، އެތައް ދަލެއް އޮހޮރުވައިގެންނެވެ. ވި އެތައް ޤުރުބާނީއެއްގެ ސަބަބުންނެވެ.

އަލިރިޒާ ބުނެފައިވާ ގޮތުގައި، ފުޓުބޯޅަ ކުޅުންތެރިއަކަށްވުމަށް ދެކެމުން އައި ހުވަފެނުގައި ހަޤީޤީ ކުލަޖެއްސުމަށް، އެތައް ނިންމުމެއް ނިންމަން ޖެހުނެވެ. އެކަން ކާމިޔާބު ކުރަން އޭނާގެ ލޯބިވާ އަމިއްލަ ގެވެސް ދޫކޮށްލާފައި ދާން ޖެހުނެވެ. ލޯބިވާ އާއިލާވެސް، އެކުއެކީ ދޫކޮށްލާފައެވެ.

ފުޓުބޯޅަ ކުޅުންތެރިއަކަށްވުމަށް، އަމިއްލަ ގެދޮރު ދޫކޮށް ފިލައިގެން ދިޔުމުން، ގެދޮރު ނެތް މީހެއްގެ ގޮތުގައިވެސް އޭނާ އުޅެން ޖެހުނެވެ. ރަނގަޅަށް ބަނޑުފުރާނަ މުއްތިކުރާނެ އެއްޗެއް ނުލިބި، ދަތިހާލުގައި އެކަނިމާއެކަނި އަލިރިޒާއަށް އުޅެން ޖެހުނެވެ. ނަތީޖާއެއްގެ ގޮތުން، ހުވަފެނުގައި ކުލަ ޖެއްސުމަށް، އެތައް ތަނެއްގައި މަސައްކަތް ކުރަން ޖެހުނެވެ.

އޭނާ ކިޔައިދީފައިވާ ގޮތުގައި އަންނައުނު އުފައްދާ ކާރުޚާނާއެއްގައާއި ކާރު ދޮންނަ ތަނެއްގައި އަދި މަގުމަތި ކުނިކަހާ، ފޮޅާ ސާފުކުރަންވެސް އޭނާއަށް އުޅެން ޖެހުނެވެ.

ފުޓުބޯޅައަށް ހުރި ލޯތްބެއްގެ ބޮޑުކަމުންނާއި، ހުވަފެނުގައި ކުލަ ޖެއްސުމަށް ހުރި އަޒުމެއްގެ ބޮޑުކަމުންނާއި، އެކަމަށް ބޭނުންވެފައި ހުރިލެއް ބޮޑުކަމުން، އޭނާ ނިދީވެސް ކްލަބެއްގެ ދޮރުމަތީގައެވެ. ފަހަރެއްގައިވެސް، އެއިން މީހަކަށް އޭނާ ފެނޭތޯއެވެ. އޭނާ ކުރެން، ބޭނުންވަނީ ކޮން ކަމެއްތޯ މީހުން އަހާލާނެ ކަމަށެވެ.

"އަހަރެން ނިދަނީ ކްލަބެއްގެ (އޮފީސް ހިންގައި) ދޮރުމަތީގައި އަދި އަހަރެން ހެނދުނު ހޭލާއިރު މީހުން ހުންނާނެ އަހަރެންގެ ކައިރީގައި ފައިސާ ފޮތިފޮތި ބަހައްޓާފައި." - އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް، އޭނާއަކީ އެއްވެސް ހާލެއްގައި ސަލާން ޖަހާ އުޅުނު މީހެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.

"އެމީހުން ހީކުރީ އަހަރެންނަކީ ސަލާން ޖަހާ މީހެއްކަމަށް، އެކަމަކު ހެޔޮ، އެތައް ދުވަހަކަށްފަހު ރަނގަޅު ނާސްތާއެއް އެދުވަހު އަހަރެންނަށް ލިބުނު." އަލިރިޒާ ބުނެފައިވެއެވެ.

އެހެންކަމުން، 25 އަހަރުގެ މި ކުޅުންތެރިޔާގެ މި ދަތުރަކީ ތަފާތު ދަތުރެކެވެ. އަޑިގަނޑެއް ގިރާކުރުމަށްފަހު، އޭނާ މިހާރު އެހުރީ އުސްގަނޑެއްގައެވެ.