ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގައި ތިބި ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިންނާއި އެކު ކުޅެން ކެތްމަދުވެފައިވާ ކަމަށް އެ ޓީމާއި އަލަށް ގުޅުނު ލިއޮނަލް މެސީ ބުނެފިއެވެ.

ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގައި ޕީއެސްޖީއާއި ސޮއިކުރުމަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މެސީ ބުނީ ޕީއެސްޖީގެ ސްކޮޑާއި މެދު ބުނާނެ އިތުރު އެއްޗެއް ނެތް ކަމަށާއި މިހާރު އެންމެ އުއްމީދުކުރަނީ މި ހުރިހާ ކުޅުންތެރިންނާއި އެކު މެޗެއް ކުޅުމަށް ކަމަށް މެސީ ބުންޏެވެ.

މެސީއާއި އެކު ޕީއެސްޖީގެ ފޯވާޑް ލައިނުގައި ދެން ހަރަކާތްތެރިވަނީ ކުރިން ބާސެލޯނާއާއެކު ކުޅުނު ބްރެޒިލްގެ ނޭމާ އާއި ފްރާންސްގެ ގައުމީ ފޯވާޑް ކީލިއަން އެމްބާޕޭ އެވެ. މީގެއިތުރުން ރެއާލް މެޑްރިޑުގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ޔޫރޯގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޓަލީގެ ޑޮޮނަރުއްމާ ވެސް ވަނީ ޕީއެސްޖީއާއި ގުޅިފައެވެ.

"އަހަރެން މިހުރީ ވަރަށް ވަރަށް އުފަލުން، ދައްކާނެ މާ ބައިވަރު ވާހަކައެއް މިހާރަކު ނެތް، ބޭނުންވަނީ މި ސްކޮޑާއެކު ވީ އެންމެ އަވަހަކަށް މެޗެއް ކުޅެން" މެސީ ބުންޏެވެ.

ގިނަބަޔަކު އިއްތިފާގުވާ ގޮތުގައި މިހާރު ޕީއެސްޖީގެ ފޯވާޑް ލައިނަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ނުރައްކާތެރި އަދި ވަރުގަދަ ފޯވާޑް ލައިނެވެ. އެއީ ކުޅުންތެރިންގެ ފެންވަރަށް ބަލާނަމައެވެ. މެސީގެ ޓާގެޓަކީ މި ސްކޮޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމެވެ.

ޕީއެސްޖީއާއެކު ވި އެއްބަސްވުމުގެ ދަށުން މެސީއަށް އަހަރަކު 35 މިލިއަން ޕައުންޑް ލިބިގެންދާނެ އެވެ. އަދި އެޑް އޮންސްގެ ގޮތުގައި އިތުރު އަދަދުތަކެއް މެސީއަށް ލިބިގެންދާނެ އެވެ. ބާސެލޯނާގައި ގާތްގަނޑަކަށް 20 އަހަރު ހޭދަކުރުމަށްފަހު މެސީ ޕީއެސްޖީއާއި ގުޅުނީ ހިލޭ ޓްރާންސްފަރ އެއްގެ ދަށުންނެވެ.