"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި ބާއްވާ ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ޖުލައި މަހުގެ 26 ވަނަ ދުވަހަށް ފަސްކޮށްފިއެވެ. ކުރިން ހަމަޖެހިފައި އޮތީ ޖުލައި މަހުގެ 20 ވަނަ ދުވަހު މުބާރާތް ފަށާގޮތަށެވެ.

"ވަގުތު" އައްޑޫ ފުޓްސަލް މުބާރާތް ފަށާ ތާރީޚް ފަސްކުރީ އައްޑޫ ސިޓީ ހުޅުދޫގައި ޖުލައި 20 އިން 26 އަށް ބޮޑު މުބާރާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާތީ "ވަގުތު" މުބާރާތް ފަސްކޮށްދިނުމަށް ގިނަ ޓީމްތަކަކުން އެދެމުން ދާތީއެވެ.

"ވަގުތު" ފުޓްސަލް މުބާރާތް ފަށާ ތާރީޚް ފަސްކުރުމުން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ މުއްދަތު ވެސް ވަނީ އިތުރު ކޮށްފައެވެ. މިހާރު ހަމަޖެހިފައި ވަނީ މުބާރާތުގެ ފޯމްތައް ޖުލައި މަހުގެ 05 ވަނަ ދުވަހާއި ހަމައަށް ބަލައިގަންނާށެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކޮންމެ ޓީމަކުން 5000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފޯމް 9657764 އަށް ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.

މިއަހަރު ބާއްވާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.

މިދިޔަ އަހަރު ބޭއްވި ފުޓްސަލް މުބާރާތް ފައިނަލް މެޗްގައި ޕެނަލްޓީ ޖަހައިގެން މޯލްޑިވިއަން ބަލިކޮށް ކާމިޔާބު ކުރީ އެފްސީ ބޭރުމަތި އެވެ.