ސަޑިއޯ މާނޭ އާއި ޑިއޮގޯ ޖޮޓާ ކާމިޔާބުކުރި ލަނޑުތަކުން އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ބާންލީ ބަލިކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ލިވަޕޫލުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ.

ވާދަވެރިކޮށް ދެ ޓީމު ފެށިނަމަވެސް ލިވަޕޫލް ދިޔައީ މަޑުމަޑުން ކުރިޔަށްޖެހި ގިނަވަގުތު ބޯޅަ ހިފަހައްޓަމުންނެވެ. ނަތީޖާއެއްގެ ގޮތުން ބާންލީއަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. އެއާއެކު ދެން ފެނިގެންދިޔައީ ލިވަޕޫލުން ލީޑު ނެގިތަނެވެ.

މެޗުގައި ލިވަޕޫލުން ލީޑު ނެގި ލަނޑު ޖަހާފައިވަނީ މެޗުގެ 18 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިއޮގޯ ޖޮޓާ އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އުއްމީދީ ޑިފެންޑަރު ކޮސްޓަސް ސިމިކާސް ނަގައިދިން ހުރަހަކުންނެވެ. މި ލަނޑަށްފަހު ވެސް ލިވަޕޫލަށް ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ.

އެލިއަޓް ދިން ބޯޅައަކުން މުހައްމަދު ސަލާހް ލަނޑެެއް ޖެހި ނަމަވެސް ެވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައިވެއެވެ. އޭގެފަހުން ލީޑު ފުޅާކުރުމަށް ގިނަ ރަނުގެ ފުރުސަތުތަކެއް ލިބިފައިވެއެވެ.

ލިވަޕޫލުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. މެޗުގެ 69 ވަނަ މިނެޓުގައި ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ އާ ސީޒަނުގައި މިއީ ލިވަޕޫލް ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުން އެ ޓީމު މޮޅުވީ ލީގަށް ޕްރޮމޯޓުވި ނޯވިޗް ސިޓީ އަތުންނެވެ.

ލީގުގައި ލިވަޕޫލް އެންމެ އަވަހަށް ދެން މެޗެއް ކުޅޭނީ މިމަހުގެ 28 ގައެވެ. އަމިއްލަ ދަނޑުގައި އެ ޓީމު ބައްދަލުކުރާނީ ޗެލްސީއާއެވެ.