އޭއެފްސީ ކަޕުގައި ބަޝުންދުރަ ކިންގްސް އާއި އެއްވަރުކޮށް ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕް ޑީގެ ޗެމްޕިއަނުގެ ގޮތުގައި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން މުބާރާތުގެ އިންޓަރޒޯނަލް ޕްލޭއޮފް ސެމީފައިނަލް ބުރަށް ދަތުރުކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ހަތަރު ޓީމު ހިމެނޭ ގްރޫޕުގެ އެއްވަނައިގައި މޯހަން ބަގާން އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އޮތީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު އެވެ.

މި ގްރޫޕުގެ ތިންވަނައަށް ދާ ޓީމެއް ޔަގީންވާނީ މިރޭ 21:00 ގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ ބެންގަލޫރު ސިޓީ އެފްސީ ބައްދަލުކުރާ މެޗުންނެވެ. މި މެޗު މާޒިޔާ ކާމިިޔާބުކޮށްފިނަމަ ތިންވަނަ ލިބޭނެއެވެ. އެއްވަރުވި ނަމަ ފުރުސަތު ލިބޭނީ ބެންގަލޫރު އެފްސީއަށެވެ. އެ ޓީމު މިވަގުތު ތިންވަނައިގައި އޮތީ އެއް ޕޮއިންޓާއެކު އެވެ. މާޒިޔާއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

އޭޓީކޭ މޯހަން ބަގާން އިން މި މެޗާއި ކުރިމަތިލީ އެ ޓީމުގެ އެންމެ މުހިއްމު އެއް ބިދޭސީ ކުޅޫންތެރިޔާ ހޫގޯ ބޯމަސް ނުލައެވެ. އެއީ ދެ ކާޑު ހަމަވެގެން ސަސްޕެންޑުކުރުމާއި ގުޅިގެންނެވެ

ފިޒިކަލްކޮށް ދެ ޓީމުވެސް ކުޅުނު މި މެޗު ރަނގަޅަށް ފެށީ ބަޝުންދުރަ ކިންގްސް އެވެ. ނަމަވެސް މޯހަން ބަގާން ވެސް ދިޔައީ ލިބުނު ފުރުސަތުތަކުގައި ނުރައްކާކުރަމުންނެވެ. އެންމެ ފުރަތަމަ މި މެޗުގައި ލަނޑުޖަހާ ލީޑު ނަގާފައިވަނީ ވެސް ބަޝުންދުރަ ކިންގްސް އެވެ. މެޗުގެ 27 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމަށް ކުޅެމުންއަންނަ ބްރެޒިލްގެ އެޓޭކިން މިޑްފީލްޑަރ ފެނާންޑޭޒް އެވެ.

ބަޝުންދުރަ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

މެޗުގެ ފުރަތަމަ ހާފު ނިމުނީ ބަޝުންދުރަ ކިންގްސް ލީޑުގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފާއި އެ ޓީމު ކުރިމަތިލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި އެ ޓީމުގެ ސުޝާންޓޯ ޓްރިޕޫރާ އަށް ދެ ވަަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.

ދެވަނަ ހާފުގައި މޯހަން ބަގާން ފެނުނީ ތަފާތުކޮށެވެ. ލިބޭ ފުރުސަތުތައް ގިނަކޮށް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އެ ޓީމު ކުޅުނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 61 ވަނަ މިނެޓުގައި މޯހަން ބަގާން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ހަލުވި ކުޅުންތެރިޔާ ކޮލާސޯ ގެ ބާރު ދުވެލީގައި ބަޝޫންދުރަ ކިންގްސްގެ ކުޅުންތެރިން ކައިރިން އަރިމަތިން ކަޓުވާލާ މެދުތެރޭގައި ހުސްކޮށް ހުރި ވިލިއަމްސް އަށް ދިން ބޯޅަ އޭނާ ގޯލަށް ވައްދާލީ ފަސޭހަކަމާއި އެކުއެވެ.