އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެހެން ކުލަބަކަށް ބަދަލުވާން ބޭނުންވާއިރު، އަދި މިހާތަނަށް އެއްވެސް ކުލަބަކުން އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައިނުވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރޮނާލްޑޯއާއެކު ޔުވެންޓަސް އިން ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫންމަހުއެވެ. ނަމަވެސް ރޮނާލްޑޯ ވަނީ މިހާރުން ފެށިގެންވެސް އެ ކުލަބު ދޫކޮށްލަން ބޭނުންވާކަމަށް ބުނެ އެ ކުލަބުގެ އިސް ފަރާތްތަކާއި އެވާހަކަ ހިއްސާކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޮނާާލްޑޯ ގަތުމަށް އޭނާގެ އޭޖެންޓުވެސް ވަނީ ކުލަބުތަކުގެ ކިބައިން އެދެން ފަށާފައެވެ. ރިޕޯޓުތައް ބުނާގޮތުން މެންޗެސްޓަރ ސިޓީ އާއި ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑެސް މިހާރު ވަނީ މަޝްވަރާތައް ފަށާފައެވެ. އަދި ޔުވެންޓަސް ދޫކޮށްލުމުގެ ކަންކަން ފެށުމަށް ރޮނާލްޑޯ އޭނާގެ އޭޖެންޓާއެކު މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފްރާންސްގެ ޕީއެސްޖީއަށް ރޮނާލްޑޯ ބަދަލުވާން އުޅޭކަމުގެ ވާހަކަތަކެއް ވަނީ ދެކެވިފައެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީން ރޮނާލްޑޯ ހޯދުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. އެއީ އެ ޓީމުގައި މިހާރުވެސް ވަރުގަދަ ކުޅުންތެރިންތަކެއް ތިބުމުންނެވެ. މީގެއިތުރުން އިނގިރޭސި ކުލަބް ޓޮޓެންހަމް އާއިވެސް ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް އެ ކުލަބުންވެސް އަދި މިހާތަނަށް ޝައުގުވެރިކަން ފާޅުނުކުރެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެއްވެސް ކުލަބަކުން ރޮނާލްޑޯ ގަންނަން ބޭނުންނުވާ ނަމަ އޭނާ ޔުވެންޓަސްގައި އިތުރު ސީޒަނެއް ކުޅުމަށް މަޑުކުރާނެއެވެ. އަދި މުސްތަގްބަލުގައި ދެން އެންމެ އަވަހަށް ބަދަލުވުން ގާތީ އެމެރިކާ ލީގަށް ކަމަށްވެސް ބައެއް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ސީޒަނުގައިވެސް ޔުވެންޓަސްގައި މަޑުކުރާނެ ކަމަށް ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާ ގާތު ބުނެފައިވާ ކަމަށް އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އެލެގްރީ މީގެކުރިން ބުނެފައިވާ ކަމަށްވެއެވެ.

ރޮނާލްޑޯ ވަނީ ޔުވެންޓަސްއަށް މިހާތަނަށް ކުޅެދިން 133 މެޗުގައި 101 ލަނޑު ޖަހާފައެވެ. އޭނާ ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގާއި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު އަދި އިޓާލިއަން ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.