މި ހުކުރު ދުވަހަކީ ދުނިޔޭގެ ފުޓުބޯޅައިގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ނުފޫޒުގަދަ އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ކުއްލިގޮތަކަށް އޭނާ މީގެ 12 އަހަރުކުރިން ކުޅުނު ކުލަބް މެންޗެސްޓަރ ޔުނައިޓެޑަށް އެނބުރި އައި ދުވަހެވެ. މިކަންވީ ފުޓުބޯޅަ އާއިލާގެ ސަމާލުކަން އެކަމަށް ހުއްޓުނު ފަހަރަކަށެވެ. މީސްމީޑިއާގެ ވަސީލަތްތައް ކެކި އަރައިގަތް ތަން ފެނިގެންދިޔައެވެ.

ނިމިދިޔަ ބުރާސްފަތި ދުވަހު ރޮނާލްޑޯ ދިޔައީ ވާދަވެރި މެންޗެސްޓަރ ސިޓީއަށް ގުޅުމުގެ އެކި މަރުހަލާތައް ފުރިހަމަކުރަމުންނެވެ. ޓޮޓެންހަމް އިން ހެރީ ކޭން ސިޓީއަށް ދޫނުކުރަން ނިންމި ހިސާބުން ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑެސް ސިޓީއަށް ރޮނާލްޑޯގެ ޕްރޮޕޯސަން ހުށައަޅާ މަޝްވަރާ ފެށިތަނެވެ. ގިނަ ބަޔަކަށް އޭރުވެސް ހީވެފައިވަނީ ރޮނާލްޑޯ ސިޓީއާއި ގުޅޭނެ ކަމަށެވެ. މިކަމާއި އެންމެ ދެކޮޅު ހެދި އެއް ބަޔަކީ ޔުނައިޓެޑުގެ ސަޕޯޓަރުންނާއި އެ ޓީމުގެ ކުރީގެ ކުޅުންތެރިންނެވެ. ފާޅުގައި ރޮނާލްޑޯއަށް ފާޑުކީ މީހުންވެސް މަދެއް ނޫނެވެ. ރޮނާލްޑޯގެ ޖާޒީ އަންދާލި ސަޕޯޓަރުންތަކެއް ވެސް ފެނިގެންދިޔައެވެ.

ނަމަވެސް އޭގެ ފަހުން ހުކުރު ދުވަހު ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. އެއްބަސްވުމުގެ އެންމެ ފަހު މަރުހަލާގައި އެ ކުލަބުން ރޮނާލްޑޯ ބޭނުންނުވާ ކަމަށް ބުނުމާއެކު ދެން ފެނުނީ މެންޗެސްޓަރ ޔުނައިޓެޑުން ރޮނާލްޑޯ ބޭނުންވެގެން ޕްރޮޕޯސަން ހުށައެޅި ތަނެވެ. މިކަން ވީ ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ގެނުވި ކަމަކަށެވެ. ބެލެވޭ ގޮތުގައި ސިޓީން ރޮނާލްޑޯ ބޭނުން ނުވީ އޭނާ ޔުވެންޓަސްއާއެކު ބާކީ އަހަރެއް އޮތުމުން ދައްކަންޖެހޭ ޓްރާންސްފަރ ފީއެއް އޮތުމުންނެވެ. އެ ކުލަބުން ބޭނުންވީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ރޮނާލްޑޯ ގެންނާށެވެ. ބެލެވޭގޮތުގައި ސިޓީން އެކަން ނުކުރަން ނިންމީ އެހާ ހިސާބުންނެވެ.

ހުކުރުދުވަހު ހެނދުނު މީޑިއާތަކުގެ ފަލަ ސުރުހީގައި ރޮނާލްޑޯ އާއި މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުވާ ގިނަ ވާހަކަތަކެއް ދެކެވެން ފެށިއެވެ. ހަމަ އެ ދުވަހު ފެނިގެންދިޔައީ ޔުނައިޓެޑުން ރަސްމީގޮތެއްގަައި ރޮނާލްޑޯ ގެންނަން ނިންމާ ޔުވެންޓަސްއާއެކު އެއްބަސްވުމަކަށް އައި ވާހަކައެވެ. ޔުނައިޓެޑުން އެކަން ކުރަން އެއްބަސްވީ ދައްކަންޖެހޭ ޓްރާންސްފަރ ފީ ކަމަށްވާ ގާތްގަނޑަކަށް 20 މިލިއަން ޔޫރޯ ދައްކާނެކަމަށް ނިންމައިގެންނެވެ. މިއާއެކު ގިނަބަޔަކު އުފައްދާ އެއް ސުވާލެއް އެބައޮތެވެ. މިހާ ކުއްލިގޮތަކަށް މިވަރުގެ ޓްރާންސްފާއެއް ނިމިގެންދިޔައީ ހަމަ އެއް ދުވަހުން ބާއެވެ. ނޫނީ މިއީ އެތަކެއް ދުވަހެއްގެ މަސައްކަތެއް ހެއްޔެވެ؟

ޔުވެންޓަސްގައި ރޮނާލްޑޯ ހުރީ ހިތްހަމަޖެހިގެން ނޫންކަމަށް ގިނަބަޔަކު މި ސީޒަނުން ފެށިގެންވެސް ވާހަކަދެކެވުނެވެ. މި މަހުގެ ތެރޭގައި އެންމެ ބޮޑަށް ދެކެވުނީ އޭނާ ރެއާލް މެޑްރިޑަށް ގުޅެން އުޅޭކަމުގެ ވާހަކަތަކެކެވެ. އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ މި ވާހަކަތަކަށް ރައްދުދިނީ މީގެކުރިން ނުކުރާ ގޮތަކަށެވެ. ދިގު ނޫސްބަޔާނެއް މީސްމީޑިއާއަށް ދޫކޮށްލިއެވެ.

"އަހަރެންގެ ފޯކަސް ހުރީ މިހާރު ޔުވެންޓަސްއާ އެކު ކުރަމުން އަންނަ މަސައްކަތަށް، އަހަރެންގެ ނަން ބޭނުންކޮށްގެން ފާޑުފާޑުގެ ވާހަކަ ދެއްކުމަކީ ބަލައިގަންނާނެ ކަމެއް ނޫން. އެއީ އިހުތިރާމު ކުޑަކުރުން. އަހަރެން ގަބޫލު ކުރަނީ ވާހަކަ މަދުކޮށް އަމަލުތައް ގިނަކުރުމަށް، އެއީ އަހަރެން ކެރިއަރުގެ މޮޓޯ" ޓްރާސްފާގެ ވާހަކަތައް ދޮގުކޮށް އޯގަސްޓް 17 ގައި ރޮނާލްޑޯ ކުރި ދިގު ޕޯސްޓުގައި ވެއެވެ.

އޭގެފަހުން އޮގަސްޓް 12 ވަނަ ދުވަހު ރޮނާލްޑޯ ޔުވެންޓަސްގެ މެޗު ފެށީ ބެންޗުންނެވެ. ބެންޗުގައި އިނުމުން ރޮނާލްޑޯޯގެ ޓްރާންސްފާ ވާހަކަތަކުގެ އަޑު ގަދަވިއެވެ. އެ މެޗަށް ރޮނާލްޑޯ ނާރަން ނިންމީ އަމިއްލައަށް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ނަމަވެސް ދެވަނަ ހާފުގައި އޭނާ ކުޅެން އަރާ އޮފްސައިޑް ލަނޑަކާއެކު ލަދެއްގައި އޭނާ ބެދުނެވެ. މި މެޗަށްފަހު ވެސް ޔުވެންޓަސް އިން ބުނީ ރޮނާލްޑޯ ޔުވެންޓަސްގައި މަޑުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ބުނެފައެވެ.

ޔުވެންޓަސްގައި ރޮނާލްޑޯ ކުޅުނު ފަހު މެޗު، އޭނަ ކުޅެން އެރީ ބެންޗުން

އޭރު ސަޕޯޓަރުން ތިބީ ވާނުވާގައެވެ. އެއީ ރޮނާާލްޑޯގެ އަމަލުތަކުން ތަފާތު ކަންތައްތަކެއް ފާހަގަވާން ފެށުމުންނެވެ. އަދި ޔުވެންޓަސް އިން ކަންކަން ދޮގުކުރުމުންނެވެ. ހުދު ރޮނާލްޑޯ އަމިއްލައަށް ވެސް އެ ވާހަކަތައް ދޮގުކުރުމުންނެވެ. ނަމަވެސް ކަންކަން ބަދަލުވީ ހީނުކުރާހާ ގޮތަކަށެވެ. ގިނަ ސަޕޯޓަރުންނަށް ރޮނާލްޑޯ ކަމެއް ކުރަން އުޅޭކަން ޔަގީންވީ ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒް މީގެ ދެތިން ދުވަސްކުރިން ޔުވެންޓަސް އާއެކު މަޝްވަރާތަކެއް ކުރަން އުޅުމުންނެވެ.

ރޮނާލްޑޯ ޔުނައިޓެޑަށް އަންނާނެކަން މާކުރިން ވެސް ބަޔަކަށް އެނގުނު؟

މާދަމާ މެންޗެސްޓަރ ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރާ މެޗުގެ ކުރިން ހުކުރު ދުވަހު އާދައިގެ މަތިން ޕްރީމެޗް ކޮންފަރެންސް ބޭއްވިއެވެ. މި ޕްރެސްގެ އެންމެ ފަހު ސުވާލުގެ ޖަވާބާއި އެކު މިއީ އާދައިގެ ޕްރެސްއެއް ނޫންކަން އެނގިގެންދިޔަ އެވެ. މި ޕްރެސް ބޭއްވިއިރު ރޮނާލްޑޯގެ ބޭނުންވެގެން ޔުނައިޓެޑުން މަސައްކަތް ފެށިކަމަށް މީޑިއާގެ ފަލަ ސުރުޙީތަކަށް ވަނީ އަރާފައެވެ. އެއާއެކު ގިނަ ނޫސްވެރިންވެސް ތިބީ މިކަމާއި ދޭތެރޭ އެ ޓީމުގެ ކޯޗު ބުނާނެ ބަހަކަށެވެ.

"ރޮނާލްޑޯއަށް އެނގޭނެ މި ކްލަބުން އޭނައާއި މެދު ދެކޭ ގޮތް، އޭނަ ޔުވެންޓަސް އާއި ދުރަށް ދާނަމަ އަބަދުވެސް އެނގޭނެ އަހަރެމެން (ޔުނައިޓެޑުން) ތިބޭނެކަން" ރޮނާލްޑޯ އެނބުރި އަންނާނެކަމުގެ އިޝާރާތްކުރަމުން މި ޕްރެސްފައި ޔުނައިޓެޑުގެ ކޯޗު ބުންޏެވެ.

ޔުވެންޓަސްގެ ކޯޗާއި އެކު ރޮނާލްޑޯ

ދެން ފެނިގެންދިޔައީ ޔުނައިޓެޑުގައި ރޮނާލްޑޯ މީގެކުރިން ކުޅުނު އިރު އެއްކޮށް ކުޅުނު ކުޅުންތެރިޔާ ޕެޓްރިކް އެވްރާއާއި ދެމެދު ދެކެވުނު ވާހަކަތަކެކެވެ. ސިޓީން ރޮނާލްޑޯއަށް ޝައުގުވެރިނުވާކަން ހާމަކުރިތާ މާގިނައިރުތަކެއް ނުވަނީސް ކޮށްފައިވާ މެސެޖުތަކުން ރޮނާލްޑޯ ވަނީ ވަރަށް ޔަގީންކަމާއި އެކު "ދެން ކުޅޭނީ އަހަރެމެންގެ އަމިއްލަ ދަނޑުގައި" މިހެން ބުނެ އެވްރާއަށް މެސެޖުކޮށްފައެވެ. މިހެން ބުނިތާ 12 ވަރަކަށް ގަޑިއިރު ފަހުން މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ރޮނާލްޑޯ އެ ކުލަބާއެކު އެއްބަސްވުމަކަށް އައިކަން ހާމަކޮށްފައެވެ.

އެއް ދުވަހެއްގެ ތެރޭގައި މި ޓްރާންސްފަރގެ ކަންކަން ނިމިގެންދިއުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކުރުވި ކަމަކަށެވެ. އެއީ ރޮނާލްޑޯ ކުއްލިގޮތަކަށް ޔުވެންޓަސް އިން ވަކިވާން ނިންމުމާއި ރޮނާލްޑޯ ކުޅޭނެ ކުލަބެއް ހޯދަން އަވަސް އަރުވާލައިގެން އޭނާގެ އޭޖެންޓް ޖޯޖް މެންޑެސް މަސައްކަތް ފެށުމުންނެވެ. ޓޮޓެންހަމް އިން ނޫނެކޭ ބުނުމާއި އެކު މެންޗެސްޓަރ ސިޓީއަށް ރޮނާލްޑޯގެ ޕްރޮޕޯސަލް ހުށައެޅިއެވެ. އޭގެފަހުން އެންމެ ފަހު ކުލަބެއްގެ ގޮތުގައި މެންޗެސްޓަރ ޔުނައިޓެޑަށް ގެ ކަންކަން އެއް ދުވަހުން ނިމިގެން ދިއުމެވެ.

މީގެއިތުރުން މި ސީޒަނުގެ ކުރީކޮޅު ރޮނާލްޑޯ ވަނީ ޔުވެންޓަސްގެ ބައެއް ކުޅުންތެރިންނާއި ވެސް މިވާހަކަ ހިއްސާކޮށްފައެވެ. އިޓަލީގެ ނޫސްތަކުން ބުނާގޮތުން ރޮނާލްޑޯ ވަނީ އެ ޓީމުގެ ފަރިތަކުރުންތަކަށް ފަހު ބައެއް ކުޅުންތެރިން ގާތު ޔުނައިޓެޑަށް ބަދަލުވާން ނިންމިކަން ހާމަކޮށްފައެވެ.

މެސީ ޕީއެސްޖީއަށް ބަދަލުވުން، ރޮނާލްޑޯގެ މީސްމީޑިއާ ރެކޯޑުތަކެއް މުގުރުން

ގާތްގަނޑަކަށް 20 އަހަރަށްފަހު ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ފްރާންސްގެ ޕީއެސްޖީއަށް ގުޅުނުކަން އިއުލާނުކޮށް ލިއޮނަލް މެސީ ވަނީ މީސްމީޑިއާގެ ގިނަ ރެކޯޑުތަކެއް މުގުރާލާފައެވެ. އެއާއި އެކު މެސީގެ މަގުބޫލުކަން އިންތިހާއަށް ބޮޑުވެގެންދިޔަ އެވެ. ކޮންޓްރެކްޓުގައި ބާކީ އަހަރެއް އޮއްވާ ޔުވެންޓަސް ދޫކޮށްދިޔަ އިރު މިހާ އަވަހަށް ރޮނާލްޑޯ އެ ކުލަބު ދޫކޮށްލީ ކީއްވެގެންކަން އަދި ހާމައެއްނުވެއެވެ.

އިޓަލީގެ މީޑިއާތަކުން ތުހުމަތުކުރާ ގޮތުގައި ރޮނާލްޑޯ ކުއްލިގޮތަކަށް މި ފިޔަވަޅު އެޅީ އޭނާގެ މަގުބޫލުކަން ފަނޑުވެގެންދާތީއެވެ. އަދި ވަކިވުމަށްފަހު ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭސް ކުއްލިގޮތަކަށް ކުލަބުތަކާއި މަޝްވަރާތައް ފެށުންވެސް ވީ ތަފާތު ކަމަކަށެވެ. އާންމުކޮށް ކުޅުންތެރިއަކު އެއްބަސްވުމެއްގައި ހުއްޓާ ކުލަބު ދޫކޮށްލާނީ ދާނެ އެހެން ކުލަބެއް ނިންމާފައެވެ. ނަމަވެސް ރޮނާލްޑޯ ދިޔައީ އެގޮތަކަށް ނޫނެވެ. އިށީންނާނެ ގަލެއް ހޯދަން ނިކުތީ އުދުހިގަނެގެންނެވެ.

މިވަގުތު އިންސްޓަގްރާމްގައި މެސީ ހިމެނެނީ އެއްވަނައިގައެވެ. ކުރިން މި މަގާމުގައި އޮތީ ރޮނާލްޑޯއެވެ. އެއީ މަރަޑޯނާގެ ހަނދާނުގައި އޭނާ ކޮށްފައިވާ ޕޯސްޓެކެވެ. މެސީ އެއްވަނައަށް އެރީ ކޮޕަ އެެމެރިކާގެ ތަށި އާޖެންޓީނާއިން ނެގުމުން ކުރި ޕޯސްޓަކަށެވެ.

ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވާން ނިންމިކަން އިއުލާނުކޮށް އެ ކުލަބުން ކުރި ޕޯސްޓަށް ގަޑިއިރެއްގެ ތެރޭގައި ފޭސްބުކުން ލިބުނީ 416،000 ލައިކްސް އެވެ. މެސީ ޕީއެސްޖީއަށް ބަދަލުވިކަން ހާމަކޮށް އެ ކުލަބުން ޕޯސްޓުކުރިތާ ގަޑިއިރެއްގެ ތެރޭގައި ލިބުނީ 351،000 ލައިކްސް އެވެ. ބެލެވޭގޮތުގައި މެސީ ޕީއެސްޖީއަށް ބަދަލުވިކަން ހާމަކޮށް ކުރި ޕޯސްޓުތައް ފަހަތަށް ޖައްސާލަން ރޮނާލްޑޯ މަސައްކަތްކުރާނެއެވެ. ދެ ކުޅުންތެރިންގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވާނެއެވެ.

ޔުވެންޓަސް އިން ރޮނާލްޑޯގެ އިންވެސްޓްމަންޓުން ފައިދާއެއް ނުލިބުނު!

ރެއާލް މެޑްރިޑާއެކު 2018 ވަނަ އަހަރު ކުރި މަޝްވަރާތަކުން ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ 100 މިލިއަން ޔޫރޯއަށެވެ. މިއީ އެ ކުލަބުގެ ތާރީހުގައިވެސް ބޮޑު ރެކޯޑެކެވެ. މީގެ އިތުރުން އިތުރު 12 މިލިއަން ޔޫރޯ އެޑް-އޮންސް ގެ ގޮތުގައި ލިބުނެވެ. މިއީ އުމުރުން 30 އަހަރުން މަތީގެ ކުޅުންތެރިއަކަށް މިހާތަނަށް ކުރި އެންމެ ބޮޑު ބިޑެވެ. އަދި އިޓާލިއަން ލީގުގެވެސް ރެކޯޑެކެވެ.

ޗެމްޕިއަންސް ލީގަށް ޓާގެޓުކުރި ޔުވެންޓަސް އަށް ރޮނާލްޑޯ ދިޔަ ފަހުން މާ ބޮޑު ކާމިޔާބީއެއް ނުލިބެއެވެ. ރޮނާލްޑޯ ގުޅުމަށްފަހު ޔުވެންޓަސް އަށް ކާމިޔާބުކުރެވުނީ އެ ގައުމުގެ ލީގެވެ. އެ ކާމިޔާބީތައް ފަހަނައަޅައި އަދި ނުދެވެއެވެ. ކިރިޔާވެސް ޔުވެންޓަސްއަށް ފައިދާވީ ރޮނާލްޑޯގެ ޖާރޒީ ވިއްކައިގެންނާއި ރޮނާލްޑޯއާއި ގުޅިގެން އިތުރުވި ބައެއް ސްޕޮންސަރުން އަތުން ލިބުނު އެއްޗެކެވެ. އެއަށްފަހު ދެން ކުރިމަތިލީ ކޮވިޑެވެ. ކޮވިޑުގެ ސަބަބުން އެންމެ އަޑިއަޅާލި ކުލަބުތަކުގެ ތެރޭގައި ޔުވެންޓަސް ހިމެނެއެވެ.

ޔުވެންޓަސް ޖާޜޒީގައި ރޮނާލްޑޯ

ރޮނާާލްޑޯގެ އެއްބަސްވުން ޔުވެންޓަސްގައި ހަމަވާން އޮތީ އަންނަ އަހަރުގައެވެ. އެހެން ކުލަބުތަކުން ޓްރާންސްފަރ ފީގެ އަގު ބޮޑުކުރި ނަމަވެސް ރޮނާލްޑޯގެ ޓްރާންސްފަރ ފީ ބޮޑެއް ނުކުރިއެވެ. ޔުވެންޓަސް އިން ރޮނާލްޑޯ ޔުނައިޓެޑަށް ވިއްކާލީ އެންމެ 20 ވަރަކަށް މިލިއަން ޔޫރޯއަށެވެ. ރޮނާލްޑޯ ދިއުމާއި އެކު ޔުވެންޓަސްގެ އާމްދަނީއަށް ވެސް ކުރިޔަށްއޮތް ދުވަސްތަކުގެ ތެރޭގައި އަސަރުތަކެއް ކުރާނެކަމަށް ބެލެވެއެވެ. މާލީ އަނދަވަޅުން ޔުވެންޓަސް އަރައިގަތުމަށް ކުރެވޭ މަސައްކަތަށް މިކަމުގެ ސަބަބުން ހިޔަނި އެޅޭނެކަން ޔަގީނެވެ.

ދުނިޔޭގެ މިވަގުތު ތިބި އެންމެ ނުފޫޒުގަދަ ދެ ތަރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާާލްޑޯ އާއި ލިއޮނަލް މެސީ މި ވަނީ އެންމެ ހީނުކުރާ ދަނޑިވަޅުގައި ކުލަބު ބަދަލުކޮށްފައެވެ. ދެން އޮތީ އެއް ސުވާލެވެ. ރޮނާލްޑޯ އޭނާގެ ކުރީގެ ވިދުން ޔުނައިޓެޑުގައި ތަކުރާރުކުރެވިދާނެ ތޯއެވެ. ހަމަ އެގޮތަށް މެސީވެސް އޭނަގެ ކުރީގެ ފޯމު ޕީއެސްޖީގައި ހިފެހެއްޓޭނެ ތޯއެވެ. ގޮތް ނިންމާނީ މި ދެ ކުޅުންތެރިންނަށް ވަފާތެރި "ޕްލާސްޓިކް" ނޫން "ލޯޔަލް" ސަޕޯޓަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕެނާލްޑޯ

    ނަސީބަކުން ތިޔަ ފޮނި ބޮޑާ މީހާގެ ވެސް ނިމުން.

    5
    19
  2. ރަދީފްއޮފިޝިއަލް

    ވަރަށް ފުރިހަމަ ލިޔުމެއް.މިފަދަ އެނެލިސިސްތައް ރާއްޖޭގެ އެންމެ މަޝްހޫރުކަމަށް ދައުވާ ކުރާ ނޫސްތަކުން ނުފެނުން އެއީ ދެރަކަމެއް.''ވަގުތުއެމްވީ'' ގެ ހިތްވަރަށް ސާބަސް.ގުޑް ލަކް އިސްމާޢީލް ޝާހް.ވ.ވެދުން

    19
    2
  3. ސަމަރޭބުރި

    އާ ސޯހެއް ނުވޭ، އޭނަ ޖުވެންޓަސް އާ އެތަން މިތާ ތެޅިފަ، 36 އަހަރުން ދިޔާއިމަ ކޮން އާސޯހެއް !؟!؟

    ހައިރާންކޮއްލި ޓްރާންސްފާ އަކީ މެސީ ޕީއެއްޖީއައް ދިއުން

    4
    8