ސޯޝަލް ސެންޓަރަކީ ރާއްޖޭގެ އެތަކެއް ކުޅިވަރުތަކެއްގެ މުބާރާތްތައް ކުޅެން ބޭނުންކުރަމުން އަންނަ ތަނެވެ. ކޮވިޑް-19 އާއި ގުޅިގެން ބޮޑު މުބާރާތެއް އެތަނުގައި ނުކުޅޭތާ ދެ އަަހަރު މި ވަނީ ގާތްވެފައެވެ. ކަމާބެހޭ އިދާރާތަކުން ސޯޝަލް ސެންޓަރު ވެކްސިން ޖެހުމުގެ ސެންޓަރަކަށް ބަދަލުކުރި އިރު އެތަން ބޭނުންކުރަމުން އަންނަ ކުޅިވަރު އެސޯސިއޭޝަންތައް ތިބީ ކުޅޭނެ ތަނެއް ނެތި މަގުމަތިވެފައެވެ.

މިކަންކަމަށް ހައްްލެއް ހޯދައިިދިނުމުގެ ބޭނުމުގައި ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ އިންޑޯ ކޯޓު ބޭނުންކުރުމުގެ ފުރުސަތު ދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސޯލިހް އާއި އެކަން ހިއްސާކޮށްފައެވެ.

އިންޑޯ ވޮލީ ކޯޓު ބޭނުންކުރަމުން އަންނަ އެސޯސިއޭޝަންތަކުގެ ތެރޭގައި ބާސްކެޓްބޯޅަ، ވޮލީބޯޅަ އަދި ނެޓްބޯޅަ ހިމެނެއެވެ. މި ހުރިހާ ތަނެއް ސޯޝަލް ސެންޓަރުގެ އިންޑޯ ވޮލީކޯޓުގައި ކުޅޭއިރު، އެތަން ނުލިބިގެން އުޅެނީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެތަން ކޮވިޑުގެ ވެކްސިން މަރުކަޒެއްގެ ގޮތުގައި ބޭނުންކުރާތީ އެވެ.

މި ތިން ކުޅިވަރުގެ އެސޯސިއޭޝަން ކަމަށްވާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އަދި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް) އިން ކަމާބެހޭ ފަރާތްތަކާއި ބައްދަލުކޮށްފައިވެއެވެ. ނިމުނު އޯގަސްޓް މަހުގެ 18 ވަނަ ދުވަހު ޖަވާބުގައި ސަރުކާރުން ބުނީ ސިއްހަތާބެހޭ ވުޒާރާގެ ކިބައިން އެތަން ހުސްކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

މި ސިޓީ ފޮނުވިތާ ގިނަދުވަސްތަކަކަށް ފަހު ޖަވާބު ލިބިފައިވަނީ މިމަހުގެ 8 ގައެވެ. ޖަވާބުގައި ސިއްހަތާބެހޭ ވުޒާރާއިން ބުނީ މި ދަނޑިވަޅުގައި ވެކްސިން ޖެހުމުގެ ގައުމީ ހަރަކާތް އިންޑޯ ކޯޓުގައި ކުރިއަށްދާތީ މި ވަގުތުން އެ ތަން ހުސްކުރެވެން ނެތް ކަމަށެވެ. ނަމަވެސް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ކޯޓު ހުސްކުރެވޭތޯ ބަލާނެ ކަމަށް އެ ސިޓީގައިވެއެވެ.

މި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ގޮތުން މި ތިން އެސޯސިއޭޝަން ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ބޭއްވިފައިނުވާ ކަމަށާއި، އެކަމަކު މިހާރު ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލާފައިވުމާ ގުޅިގެން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ބޭއްވުމަށްޓަކައި ތާވަލުކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

ގައުމީ ފެންވަރުގެ މުބާރާތްތައް ބާއްވަމުން އައީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކަމަށާއި، އެކަމަކު ކޮވިޑުގެ ހާލަތާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ވެކްސިން ޖެހުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެ ތަން ބޭނުންކުރެވެމުންދާތީ އެ އެސޯސިއޭޝަންތަކުން ގޮތްހުސްވެ، ފަރިތަކުރުންތައް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށްގެންދަން ދަތިވެފައިވާ ކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ.

މިކަމަށް ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތް މިއަދާ ހަމައަށް އައިރުވެސް ކާމިޔާބުވެފައި ނުވާ ކަމަށާއި، އެހެންކަމުން ގައުމީ ޓީމުތަކުގެ ފަރިތަކުރުންތައް ކުރިއަށްގެންދިޔުމަށް ހުރި ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެ އެސޯސިއޭޝަންތަކުން ވަނީ ރައީސްގެ އަރިހުގައި އެދިފައެވެ.

ގައުމީ ބާސްކެޓްބޯޅަ ޓީމުން އަންނަނީ އަންނަ އޮކްޓޯބަރު ބާއްވާ ސާބާ ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންނެވެ. އެ މުބާރާތަށް ޓީމުން ތައްޔާރުވަމުން އަންނަނީ ދަތި އުނދަގުލުގައެވެ. ފަރިތަކުރަނީ އައުޓްޑޯ ކޯޓުގައެވެ. މީގެއިތުރުން އޭވީސީ ސެންޓްރަލް ޒޯނުގެ އަންހެން މުބާރާތް އަންނަ ޑިސެމްބަރު މަހު ބާއްވާއިރު އަދިވެސް ޓީމަށް ފަރިތަކުރުންތައް ފެށޭގޮތެއް ނުވެއެވެ.

އަންނަ އަހަރުގެ މާޗު މަހު ތައިލެންޑުގައި ބާއްވާ އޭޝިއާގެ އިންޑޯ މުބާރާތުގައި ގައުމީ ނެޓްބޯޅަ ޓީމު ވާދަކުރާގޮތަށް އެބައޮތެވެ. އެހެންކަމުން މި ހުރިހާ ކުޅިވަރެއްގައި ރާއްޖެއިން ތައްޔާރުވެވޭނީ އެކަށީގެންވާ ތަނެއްގައި ފަރިތަކުރެވިގެން ކަމަށް އެ އެސޯސިއޭޝަންތަކުން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައޮފްބެ

    މި ދެން ކިހާދެރަކަމެއް ހަމަ އެކަނި ކުޅެލަން އޮތް އިންޑޯ ހެލްތު މިނިސްޓްރީއިން ހިސާރު ކޮށްފައި...ދެން ތިކަން ކުރާނެ އެހެންތަނެއް ނެތީތަ!!!

    1
    1