ރާއްޖޭގައި ބާއްވާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް ރަސްމީކޮށް އިއްޔެ ލޯންޗުކޮށްފިއެވެ.

މި މަހުގެ 14 އިން 22 އަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ފިރިހެން އިންވިޓޭޝަނަލް މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ޕާކިސްތާނެވެ. އޭގެތެރެއިން ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާންގެ ޓީމު އަންގާރަ ދުވަހު ރާއްޖެ އަންނާނެއެވެ. ޕާކިސްތާން ޓީމު އައުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ.

ހޯމަ ދުވަހު ހެންވޭރު ބޯޅަގޭގައި މުބާރާތް ލޯންޗުކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް، ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް، ގައުމީ ޓީމުގެ ހެޑް ކޯޗު ނޭމަންޔާ ޖެޑޯވްގެ އިތުރުން ކޯޗު މުހައްމަދު ޒިލާލް އަދި ކެޕްޓަން އަހުމަދު ޒަބީރު ބައިވެރިވިއެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް) ވިދާޅުވީ ފެބުރުވަރީ މަހުން ފެށިގެން މި މުބާރާތް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، މުބާރާތުގައި ބައިވެރިކުރާނެ ޓީމުތައް ފައިނަލް ކުރުމާ، ރާއްޖޭގެ ޓީމު މި މުބާރާތައް ތައްޔާރުވުމަށް ބިދޭސީ ކޯޗެއް ގެނެސް ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ބާއްވާ މި މުބާރާތައް ސަރަހައްދީ ޤައުމުތަކުން ހަތަރު ރެފްރީ އަދި ސަރަހައްދުން ބޭރުން ތިން ރެފްރީ އަންނާނެއެވެ. އަދި މި މުބާރާތުގައި ވާދަކުރާ ޕާކިސްތާނުގެ ގައުމީ ޓީމުން އަށް އަހަރުގެ މެދު ކެނޑުމަކަށްފަހު މި ސަރައްދުގެ މުބާރާތެއްގައި ބައިވެރިވާ މިއީ ފުރަތަމަ ފަހަރުއެވެ.

މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ވަނީ އިންޑިއާގެ ޕަޑުކޯން ރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި 14 ދުވަހުގެ ކޭމްޕެއް ކުރިޔަށް ގެންގޮސްފައެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ނިކުންނާނީ ބަންގްލަދޭޝްއާއި ދެކޮޅަށެވެ.