އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހެވެ. ދުނިޔޭގައި ކޮވިޑުގެ ބަލިމަޑުކަން އޮތް ނަމަވެސް ރާއްޖެއަކަށް އޭގެ ބިރުވެރިކަމެއް ނެތެވެ. އާދައިގެ މަތިން ފަތުރުވެރިން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދެއެވެ. އާންމުގޮތެއްގައި ރާއްޖެ އަންނަ ދުނިޔޭގެ ފެންވަރުގެ އެތްލީޓުން އަންނަނީ ހަމައެކަނި ޗުއްޓީ ހޭދަކުރުމުގެ ވިސްނުމުގައެވެ. ނަމަވެސް ދުނިޔޭގައި މަގުބޫލުކަމެއް ހޯދަމުން އަންނަ "ބްރެޒީލިއަން ޖިޖިޓްސޫ" ގެ ޗެމްޕިއަން އެންޖެލް ސަންޗޭޒް އެފަހަރު ރާއްޖެ އައިސް ހަމައެކަނި ޗުއްޓީ ހޭދަކޮށްލުމުގެ ވިސްނުމެއް ނުގެންގުޅުނެވެ.

ސްޕެއިންގެ އައްސޭރިފަށުގެ ސަރަހައްދެއް ކަމުގައިވާ އިބިޒާއަށް ނިސްބަތްވާ އެންޖެލް ސަންޗޭޒް އަށް ރާއްޖެއާއި ސްޕެއިންގެ އިބިޒާ އާއި އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަވިއެވެ. އޭނާ އެ ކުޅިވަރަކަށް އެންމެ ލޯބިކުރާ "ބްރެޒީލިއަން ޖިޖިޓްސޫ" މި ކުޑަކުޑަ ރާއްޖޭގައި އޮތްގޮތެއް ބެލުމުގެ ޝައުގުވެރިކަން އުފެދުނީ އެހިސާބުންނެވެ. އެ ޝައުގުގައި ކުރި މަސައްކަތުން ރާއްޖޭގައި މާޝަލް އާޓްސްގައި ހަރަކާތްތެރިވާ ޒުވާނުންތަކަކާއި ދިމާވިއެވެ. އަދި ރާއްޖޭގައި މި ކުޅިވަރު އެއްވެސްގޮތަކަށް ނެތްކަން އެނގުނެވެ.

ރާއްޖެއަށް ބްރެޒިލިއަން ޖިޖިޓްސޫ ތައާރަފްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން

އިބިޒާ އެކޭ އެއްގޮތަށް އެކަހެރިވެފައިވާ ތަނެއްގައި ކަމެއް ކުރަން ގޮންޖެހުންތަކެއް ކުރިމަތިވާނެކަން އެނގެއެވެ. އެ ތަޖުރިބާގެ އަލީގައި އޭނާ އަޒުމް ކަނޑައެޅީ ރާއްޖޭގައި މި ކުޅިވަރު ތަރައްގީކުރުމަށެވެ. އަދި ރާއްޖެއަށް މި ކުޅިވަރު ތައާރަފްކުރުމަށް އަޒުމް ކަނޑައެޅިއެވެ.

"އަހަރެންް އެންމެ ފުރަތަމަ ވާހަކަދެއްކީ ރާއްޖޭގެ ޝާކްސް މާޝަލް އާޓްސް އެކަޑަމީއާ، އެމީހުން ކައިރި އެހިން ރާއްޖޭގައި ޖިޖިޓްސޫ އެއްވެސް ވަރަކަށް މިތަނުގަ ކުޅޭހެއްޔޭ، އެމީހުން ބުނި ނޫނެކޭ، އެހިސާބުން އަހަރެން ހުށައެޅިން ރާއްޖެއަށް ހާއްސަ ސެމިނާއެއް ބާއްވާނަމަ އެކަމަށް ޝައުގުވެރިވާނަންހޭ، އެކަމަށް އެއްބަސްވެ އަހަރެން އެންމެ ފުރަތަމަ ނެގީ ދެ ގަޑިއިރުގެ ސެމިނާއެއް" ރާއްޖެއަށް މި ކުޅިވަރު ތައާރަފްވި ގޮތާއި ގުޅޭގޮތުން "ވަގުތު" އަށް ދިން އެކްސްކްލޫސިވް އިންޓަވިއު އެއްގައި އެންޖެލް ސަންޗޭޒް ބުންޏެވެ.

އެންމެ ފުރަތަމަ ސެޝަނުން ފެށިގެންވެސް ދިވެހިންނާއި އޭނާއާއި ދެމެދު އޮތް ގުޅުން ވަރަށް ބަދަހިވިއެވެ. ރާއްޖޭގައި މި ކުޅިވަރު ކުރިއެރުވިދާނެ ކަން އެންޖެލް ސަންޗޭސްއަށް އިހުސާސްވިއެވެ. އެއީ ދިވެހިން މި ކުޅިވަރަށް ބަހައްޓާ ޝައުގު ގާތުން ފެނުމުންނެވެ. އަދި ކުރިއަރަން ބޭނުންވާ ވަރު ދިވެހިންގެ ކިބައިން ފެންނަން ފެށުމުންނެވެ.

ކުރު ޗުއްޓީއަކަށް އެ ބުރު ރާއްޖެ އައި ނަމަވެސް އެއީ އެންޖެލް ސަންޗޭޒް އަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ ދަތުރެކެވެ. ގައުމެއްގައި އޭނާ އެންމެ ލޯބިވާ ކުޅިވަރު ތައާރަފްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުންނެވެ. އަދި ދެވަނަ ފަހަރަށްވެސް ރާއްޖެ އަންނަން އަޒުމް ކަނޑައެޅިއެވެ. އެފަހަރު ރާއްޖެ ފުރައިގެން ދިޔައީ ރާއްޖޭގައި ތިބި އެ ކުޅިވަރަށް ލޯބިކުރާ ގިނަ ބަޔަކާއި ރަނގަޅު ގުޅުމެއް ބާއްވާފައެވެ.

ރާއްޖެއަށް ބްރެޒިލިއަން ޖިޖިޓްސޫ ތައާރަފްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން-- ވަގުތު އިމޭޖަސް: އަޝްހާދު

ކަން ދިމާކުރި ގޮތުން ކޮވިޑް-19 ގެ ބޯ ވިލާތަށް ރާއްޖެ ވަށާލިއެވެ. އަދި ބޯޑަރު ބަންދުކޮށް އޭރު އެންޖެލް ސަންޗޭޒްގެ ޕްލޭންއަށް ކުޑަ މަޑުޖެހުމެއް ގެންނަން ޖެހުނެވެ. ނަމަވެސް އޭރުވެސް އޭނާ ދިޔައީ ރާއްޖޭގައި ތިބި މާޝަލް އާޓްސް ކޮމިއުނިޓީ އާ ބަރާބަރަށް ވާހަކަދައްކާ ހިޔާލު ބަދަލުކުރަމުންނެވެ.

އޭގެފަހުން ދެން އޭނާ ރާއްޖެ އައީ މިއަހަރުގެ މާރޗް މަހުގެ ފަހުކޮޅުގައެވެ. އެފަހަރު ވެސް އޭނާ ރާއްޖެ އައީ ޗުއްޓީއަކަށެވެ. މިފަހަރުވެސް ޗުއްޓީއަށްވުރެ ބޮޑަށް އޭނާގެ ސިކުނޑި ތައްޔާރުވެގެން އައީ ރާއްޖޭގައި "ބްރެޒިލިއަން ޖިޖިޓްސޫ" ތައާރަފްކުރުމަށް ކުރާނެ ކަންކަން ރާވައިގެންނެވެ. އެ ވިސްނުމުގެ ދަށުން ރާއްޖޭގައި ހޭދަކުރި މުއްދަތުގައި ރާއްޖޭގެ މާޝަލް އާޓްސް ކޮމިއުނިޓީއާ އެކު ކުރިޔަށްވުރެ ބޮޑަށް މި މަސައްކަތް ކުރިޔަށްގެންވޭނެ ގޮތްތަކެއް މަޝްވަރާކުރިއެވެ.

މި ކާމިޔާބު މަޝްވަރާތަކަށްފަހު މިދިޔަ އޯގަސްޓް މަހުގެ 24 ވަނަ ދުވަހު އަނެއްކާވެސް ރާއްޖެ އައެވެ. ނަމަވެސް މިފަހަރު ޗުއްޓީއަކަށް ނޫނެވެ. މި ކުޅިވަރު ރާއްޖެއަށް ތައާރަފްކުރުމަށް "ކިކް ސްޓާޓް" ކުރުމުގެ ގޮތުންނެވެ. ރާއްޖޭގެ މާޝަލް އާޓްސްގައި އުޅޭ މި ކުޅިވަރަށް ޝައުގު ހުންނަ ބަޔަކާއެކު ދުވާލަކު ތިން ސެޝަން ބޭއްވިއެވެ. މާޝާލް އާޓްސްގެ ވައްޓަފާޅި ހުރުމުން މި ކުޅިވަރު ކިޔައިދިނުމުގައި އޭނާއަަށް މާ ބޮޑު އުނދަގުލަކަށް ނުވިއެވެ.

ދެން އޮތީ އެ ކުރި މަސައްކަތްތަކުގެ ފޮނި ނިމުމެވެ. ސެޕްޓެމްބަރ 17 ވީ ހުކުދުވަހު ހުޅުމާލޭގައި ބޭއްވި ރާއްްޖޭގެ ފުރަތަމަ ޖިޖިޓްސޫ މުބާރާތަކީ އެ ކުރި މަސައްކަތްތައް ފެށުމުގެ ކޮޅުމަތިއެވެ. އާންމުންނަށް ހުޅުވާލައިގެން ބޭއްވި އެ މުބާރާތް ނިންމާލީ ކާމިޔާބުކަމާއެކު އެވެ. މިއީ އަދި ނިމުމެއް ކަމަށް އޭނާ ގަބޫލެއްނުކުރެއެވެ. މިއީ އަދި ކުރަންޖެހޭ ގިނަ މަސައްކަތްތަކުގެ ފެށުމެވެ. ރާއްޖޭގައި ބްރެޒިލިއަން ޖިޖިޓްސޫގެ ފުރަތަމަ އެކަަޑަމީ ހުޅުވުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިޔަށެވެ. މިހާރު ކުރިޔަށްދަނީ އެކަޑަމީ ތައާރަފްކުރުމުގެ އެންމެ ފަހުގެ މަރުހަލާތަކެވެ.

ހުކުރުދުވަހު ހުޅުމާލޭގައި ކުރިޔަށްދިޔަ ރާއްޖޭގެ ފުރަތަމަ ބްރެޒިލިއަން ޖިޖިޓްސޫ މުބާރާތުގެ ތެރެއިން އެންޖެލް މެޗެއް އިންސާފުކުރަނީ-- ވަގުތު އިމޭޖަސް: އަޝްހާދު

ރާއްޖެއިން އުފެދުނީ އާއިލާއެއް، ކުޅިވަރު ރާއްޖެއަށް ތައާރަފްކުރުމަކީ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބު

ޖިޖިޓްސޫގައި ފާއިތުވި 15 އަހަރު މަސައްކަތްކޮށް މިހާރު އޭނާއަކީ ބްލެކް ބެލްޓް ނުވަތަ އެންމެ މަތީ ފަންތީގައި ގުނާލެވޭ އެކަކެވެ. ހަ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އެންޖެލް ސަންޗޭޒް އަކީ ބްރައުން ބެލްޓް ނުވަތަ ދެވަނަ ފަންތީގެ އެއްވަނައެވެ. އެއީވެސް ބޮޑު ތަފާތަކުންނެވެ. މިހާރު ބްލެކް ބެލްޓް ހޯދާފައިވާއިރު މިހާރު އޭނާގެ އަމާޒަކީ ފުރަތަމަ ޑިވިޝަނުގެ އެންމެ މަތީ ފަންތީގައި ފައިތިލަ ސާބިތުކުރުމެވެ.

އުމުރުން 44 އަހަރުގެ އެންޖެލް ސަންޗޭޒްގެ މި ކުޅިވަރުގައި މިހާތަނަށް 150 މުބާރާތެއްގައި ވާދަކޮށް 500 އަށްވުރެ ގިނަ ފައިޓް ނުވަތަ ތެޅުމުގައި ބައިވެރިވިކަން ރެކޯޑުތަކުން ދައްކައެވެ. މިކްސް މާޝަލް އާޓްސްގެ ތެރެއިންވެސް ބްރެޒީލިއަން ޖިޖިޓްސޫ އަކީ ޔޫރަޕާއި އޭޝިއާ ބައްރުގައި ވެސް އެންމެ ކުރިއަރަމުން އަންނަ އެއް ވައްތަރެވެ.

ވޯލްޑް ޖިޖިޓްސޫ މުބާރާތުގެ ނޯ ގީ ކެޓަގަރީން ރަންމެޑަލް ހޯދުމަށްފަހު އެންޖެލް ސަންޗޭޒް

އެންޖެލް ސަންޗޭޒް ދެކޭގޮތުގައި އޭނާއަށް ރާއްޖެއިން ދިމާވީ އާއިލާއެކެވެ. ކުޅިވަރު ކުރިއަރުވަން ބޭނުންވާ މިތުރުންތަކެކެވެ. މިއީ އޭނާގެ ހަޔާތުގައި ކުރެވުނު އެންމެ ރަނގަޅު އެއް ތަޖުރިބާއެވެ. ރާއްޖޭގެ މާޝަލް އާޓްސް ކޮމިއުނިޓީން އެންޖެލް ސަންޗޭޒް އަށް މުހާތަބުކުރަނީ "ޕްރޮފެސަރ" ގެ ނަމުންނެވެ. އެއީ ބްރެޒިލިއަން ޖިޖިޓްސޫގެ ބްލެކް ބެލްޓް ހޯދާފައިވާ މީހުންނަށް މުޅި ދުނިޔެއިން ވެސް މުހާތަބުކުރާ ގޮތެވެ. އާންމުގޮތެއްގައި ކެރިއަރުގެ މިހާހިސާބަށް އަންނަން 10 ނުވަތަ 15 އަހަރު ނަގައެވެ.

ޔޫރަޕުގެ ޖިޖިޓްސޫ މުބާރާތުގެ ރަންމެޑަލް ހޯދުމަށްފަހު

"އަހަރެންގެ އާއިލާއެއް ރާއްޖޭގައި އޮވޭ، އެއީ މި ކުޅިވަރުގެ ތެރެއިން އަހަންނާ އޮތް ގާތްކަމުން އުފެދުނު އާއިލާއެއް، ކޮންމެ މީހެއްވެސް އަހަންނަށް ވަރަށް އިހްތިރާމުކުރޭ، މި ރާއްޖޭގެ މާޝަލް އާޓްސް ކޮމިއުނިޓީ އެންމެންވެސް އަހަންނާ ވަރަށް ގާތް، އެއީ މި ކުޅިވަރު މިހާހިސާބަށް ގެންދެވުމުގެ އެންމެ ބޮޑު ސިއްރަކީ" އެންޖެލް ސަންޗޭޒް ބުންޏެވެ.

ރާއްޖެއަށް ބްރެޒިލިއަން ޖިޖިޓްސޫ ތައާރަފްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން

ކެރިއަރުގައި އެތަކެއް ރަން މެޑަލްއެއް އޭނާއަށް ލިބިއްޖެއެވެ. ދުނިޔޭގެ ފެންވަރުގައި ފައިތިލަ ސާބިތުކޮށް ވަރުގަދަ އެތަކެއް ބަޔަކު ބަލިކުރެވިއްޖެއެވެ. އަދި ގައުމަށްވެސް ރީތި ނަން ހޯދައިދެވިއްޖެ އެވެ. ނަމަވެސް އެންޖެލް ސަންޗޭޒްއަށް އެ ހުރިހާ އުފަލަކަށްވުރެ ބޮޑަށް އުފާވީ ރާއްޖެއަށް މި ކުޅިވަރު ތައާރަފްކުރެވުމުންނެވެ.

"ވޯލްޑް ޗެމްޕިއަންކަން ހޯދިއްޖެ، އެތަކެއް ކާމިޔާބީތަކެއް އަހަރެންގެ ކެރިއަރުގައި މިހާތަނަށް ހާސިލްކުރެވިއްޖެ، އެ ހުރިހާ ކާމިޔާބީތަކަށްވުރެ އަހަންނަށް މި ކުޅިވަރު މުޅިން އާ ގައުމެއްގައި ތައާރަފްކޮށްދިނުމުގެ ޝަރަފު ލިބުމަކީ އެއީ ކެރިއަރުގައި ވެސް އަހަންނަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބު" އެންޖެލް ސަންޗޭޒް ބުންޏެވެ.

ރާއްޖޭގައި ފަސޭހައިން ކުރިއެރުވިދާނެ ކުޅިވަރެެއް، އަމިއްލަ ދިރިއުޅުމަށްވެސް ފައިދާ ކުރާނެ ކުޅިވަރެއް

މިހާތަނަށް އައި އިރު ރާއްޖޭގައި ކުޅޭ ކުޅިވަރުތަކުގެ އަދަދު ނިސްބަތުން ގިނައެވެ. އަދި އެ ކުޅިވަރުތަކުގެ ތެރޭގައި ހަރަކާތްތެރިވާ މީހުންގެ އަދަދުވެސް ކުރިޔާ އަޅާބަލާއިރު ގިނައެވެ. މި ކުޅިވަރަކީ ރާއްޖެއަށް އާ ކުޅިވަރެކެވެ. ނަމަވެސް އެންޖެލް ސަންޗޭޒް ގަބޫލުކުރާ ގޮތުގައި މިއީ ދިވެހިންގެ އަމިއްްލަ ދިރިއުޅުމަަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކުޅިވަރެކެވެ. މީގެތެރޭގައި އަމިއްލަ ސެލްފް ޑިފެންސް ކުރެވޭނެ ގޮތްގޮތާއި އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ބޮޑުވުމުގެ އިތުރުން އެތައް ގޮތަކުން މީހާއަށް ފައިދާތަކެއް ކުރާނެއެވެ.

އެންޖެލް ސަންޗޭޒް ވަގުތު އަށް އިންޓަވިއު ދެނީ-- ވަގުތު އިމޭޖަސް: އަޝްހާދު

"މި ކުޅިވަރަކީ މި ރާއްޖެއަށް ވަރަށް އެކަށޭނެ ކުޅިވަރެއް، ހަމައެކަނި ވިސްނައިގެން ނުވާނެ ޖިސްމާނީ ގޮތުން ވަރުގަދަ މީހުންނަށޭ މި ކުޅެވޭނީ، މި ކުޅިވަރުގައި އުޅޭ ވަރަަކަށް މީހާގެ ޖިސްމާނީ ދުޅަހެޔޮކަން އިތުރުވާނެ، އިތުރަށް ކުރިޔަށްދާން ގިނަ ދޮރުތަކެއް ކޮށައިދޭނެ" އެންޖެލް ސަންޗޭޒް ބުންޏެވެ.

މި ކުޅިވަރުގެ ދަންމަރު ރާއްޖޭގައި ރޯކުރެވިއްޖެ އެވެ. ދެން އޮތީ ކުޅިވަރު ރާއްޖޭގައި ޑިވެލޮޕްކުރުމެވެ. ނުވަތަ އާލާކުރުމެވެ. މި ކުޅިވަރު އިތުރަށް އާލާވާނީ މީގެތެރޭގައި ހަރަކާތްތެރިވާ މީހުން ގިނަވެގެންނެވެ. ޖޫނިއާ ލެވެލްއިން ފެށިގެން ތަމްރީނުކުރެވެން ފެށުމުންނެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ބްލެކް ބެލްޓާއެކު ދިވެހި އެތްލީޓެއް ރަން މެޑަލް ހޯދުމަކީ ނުވާނެކަމެއް ނޫނެވެ. އެންޖެލް ސަންޗޭޒް މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ އެއީ އެވެ. ހިތުގައި ކަނޑައެޅި އަޒުމް ހާސިލުވުމުގެ ބޮޑު އުއްމީދެއް ލިބިއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަތުރު

    ރާއްޖޭގައި އަލަކަށް ނޫން ޖިޖިޓްސޫ ކިޔަވަ ދޭން ފެށީއެއް! ޞައްޙަ މަޢުލޫމާތު ހިއްސާ ކުރަން ގޮވާލަން!

    2
    4
  2. ޖަންގިޔަ ބޮންގ

    ކަތުރުމެން ކަހަލަ ހިތް ފެޅޭ ކުދިން އުޅޭނެ އަބަދުވެސް. އަޅާލާއެއްޗެއް ނޫން.

    2
    2
    • ކަތުރު

      ހަހަހަހަ! ހިތް ފެޅޭ މީހުން ފެނޭ! މަ ހިތަށް ނާރަ ކަހަރު ވަކެކޭ ވެސް!

      2
      1