މިކްސްޑް މަރޝަލް އާޓްސް ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖިމެއް މާލޭގައި މިކްސްޑް މާރޝަލް އާރޓްސް (އެމްއެމްއޭ) ދިވެހިރާއްޖޭގައި ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި ސްރީލަންކާގެ މާރޝަލް އާރޓްސް އެކަޑެމީ، ފައިޓް ސޯލްއިން މާލޭގައި ޖިމެއް ހުޅުވައިފިއެވެ.

ރޭ ހުޅުވި މި ޖިމަކީ މަރޝަލް އާޓްސް ފައިޓަރުންނަށް ރާއްޖެއާއި ލަންކާގެ ޤައުމީ މުބާރާތްތަކުގައި އަދި ބައިންލައަގުވާމީ މުބާރާތްތަކުގައި ބައިވެރިވުމަށް ތަމްރީން ކުރުމާއި އެފަދަ މުބާރާތްތަކުގައި ބައިވެރިވުމަށް ދިވެހި ފައިޓަރުންނަށް ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ހުޅުވާފައިވާ ޖިމެކެވެ.

ރާއްޖޭގެ ފައިޓަރުންނަށް މަރޝަލް އާޓްސް ދަސްކޮށްދިނުމަށް ހަތަރު ބަޔަކާއި އެކު ވަނީ ސޮއި ކޮށްފައެވެ. އެގޮތުން ފައިޓް ސޯލް މޯލްޑީވްސް އެކަޑެމީގައި މިއަދު ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ރާއްޖޭގެ އެކަޑެމީގެ ފަރާތުން ސޮއިކުރެއްވީ އެ އެކަޑެމީގެ އޯނަރު އަބްދުﷲ ފިރުޝާން އެވެ. އަދި ލަންކާގެ ފައިޓް ސޯލް އެކަޑެމީގެ ފަރާތުން ސޮއި ކުރެއްވީ އެ އެކަޑެމީގެ ސީއީއޯ ރޮޝާން އަމަރަސިންގް އެވެ

ފައޓް ސޯލް އެކަޑަމީ މާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

.

ފައިޓް ސޯލް މޯލްޑިވްސްގެ އޯނަރު އަބްދުﷲ ފިރުޝާން ވިދާޅުވީ، ފައިޓް ސޯލް ސްރީލަންކާ އަކީ އެ އެކަޑެމީގެ ފްރަންޗައިޒްގެ ދަށުން އެހެންގައުމެއްގައި އެ އެކަޑެމީގެ ބްރާންޗެއް ގާއިމުކުރި ފުރަތަމަ ސްރީލަންކާގެ މާރޝަލް އާރޓްސް އެކަޑެމީއެއް ކަމަށާއި ފައިޓް ސޯލް މޯލްޑިވްސް އަކީ އެ އެކަޑެމީގެ ރާއްޖޭގެ ބްރާންޗު ކަމަށެވެ.

އެހެންކަމުން ލަންކާގެ ފައިޓް ސޯލްގެ ފަރާތުން ރާއްޖޭގައި މިކްސްޑް މާރޝަލް އާރޓްސްގެ ހުނަރު އިތުރުކުރުމަށްޓަކައި ގިނަގުނަ ތަމްރީނުތަކާއި ތަޖްރިބާ ހިއްސާކުރުމުގެ ސެޝަންތައް ކުރިއަށްދާނެ ކަމަށް ފިރުޝާން ވިދާޅުވިއެވެ. ފައިޓް ސޯލް ސްރީލަންކާއަކީ އެގައުމުގެ މިކްސްޑް މާރޝަލް އާރޓްސްގެ ޗެމްޕިއަނުން ހިންގާ އެކަޑެމީއެވެ. މި އެކަޑެމީން ވަނީ އަލްޓިމޭޓް ފައިޓިންގ ޗެމްޕިއަންޝިޕް (ޔޫއެފްސީ) ގެ ކުރީގެ މެމްބަރެއް ކަމަށްވާ ވިލް ޗޯޕޭ އާއި އެކު ޕާރޓްނާރޝިޕެއް އެކުލަވައިލައިފައެވެ.

ދަ ކިލް ޓީމްގެ ގޮތުގައި މަޝްހޫރުވި ވިލް ޗޯޕޭ އަކީ އޭޝިއާ ބައްރުގެ އެންމެ އެކްޓިވް މިކްސްޑް މާރޝަލް އާރޓްސް ފައިޓަރެވެ. އެހެންކަމުން ވިލް ޗޯޕޭގެ އެހީތެރިކަން ރާއްޖޭގެ ފައިޓަރުންނަށް ލިބުމަކީ ރާއްޖޭގެ މާރޝަލް އާރޓްސްގެ ފަންނު ކުރިއަށް ދާނެ ކަމެކެވެ

ފައޓް ސޯލް އެކަޑަމީ މާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

.

ފައިޓް ސޯލް މޯލްޑިވްސްގެ އެންމެ ބޮޑު އަމާޒަކީ މިކްސްޑް މާރޝަލް އާރޓްސްގެ ފަންނު ރާއްޖޭގައި ބައިނަލް އަގްވާމީ މައިދާނުގައި ރައްޖެއްށް ރީތިނަން ހޯދައިދިނުމެވެ. އަދި ރާއްޖޭގައި ކުޅިވަރުގެ މައިދާނުގައި މިކްސްޑް މާރޝަލް އާރޓްސް އަކީ މީހުން ބަލައިގަންނަ އިތުބާރުކުރާ ކުޅިވަރަކަށް ހެދުމަކީވެސް ފައިޓް ސޯލް މޯލްޑިވްސްގެ އަމާޒެކެވެ.

:އެގޮތުން ފައިޓް ސޯލް މޯލްޑީވްސް އިން ރާއްޖޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާހަރަކާތްތަކުގެ ތެރޭގައި

1. ކިކް ބޮކްސިންގ ޓްރެއިނިންގ (ކުޑަކުދީންނާއި ބޮޑެތި މީހުންނަށް)

2. ޝޫޓޯކަން ކަރާޓޭ (ކުޑަކުދީންނާއި ބޮޑެތި މީހުންނަށް)

3. ބަރުދަން ލުއިކުރުމުގެ ޕްރޮގްރާމް

4. ނޮން ކޮމްބެޓް ކިކްބޮކްސިންގ ޕްރޮގްރާމް (ސެލްފް ޑިފެންސް)

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު "ވަގުތާއި" ވާހަކަ ދައްކަވަމުން ފައިޓް ސޯލްގެ ސީއީއޯ ރޮޝާން އަމަރަސިން ވިދާޅުވީ، ރާއްޖެ އައި ހިސާބުން އެކި ކަހަލަ ހުނަރު ހުރި ދިވެހިން ފެނުނު ކަމަށާއި ދިވެހިންނަށް މަރޝަލް އާޓްސް ދަސްކޮށްދީގެން ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރި ކުރުވައި ވަނަތައް ހޯދުމަކީ އުއްމީދެއް ކަމަށެވެ. އެހެން ކަމުން މިހާރުން ފެށިގެން ދިވެހިންނަށް މަރޝަލް އާޓްސް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ދާނެ ކަމަށް ރޮޝާން ވިދާޅުވިއެވެ.

އަދި ވިލް ޗޯޕޭގެ އެހީތެރިކަމާއި އެކީ ދިވެހި ފައިޓަރުންނަށް ތަމްރީން ލިބުމަކީ ރާއްޖޭގައި މި ކުޅިވަރު ކުރިއަރައިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިކްސްޑް މާރޝަލް އާރޓްސްއަށް ޝައުގުވެރިކަން ހުންނަ ކޮންމެ ފަރާތކަށްވެސް ފައިޓް ސޯލް މޯލްޑިވްސްގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރަސަތު ވަނީ ހުޅުވިފައެވެ. ސެލްފް ޑިފެންސް އުކުޅުތަކާއި އަދި ފަސޭހައިންބަރުދަން ލުއިކުރަން ފައިޓް ސޯލް މޯލްޑިވްސް ގެ ޕްރޮގްރާމްތަކަކީ ރަނުގެ ފުރުސަތުތަކެކެވެ

ފައޓް ސޯލް އެކަޑަމީ މާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

.

ފައިޓް ސޯލް އިން މައުލޫމާތު ދޭ ގޮތުގައި މިހާރު ވެސް 20 އަށްވުރެ ގިނަ ދަރިވަރުން ވަނީ މަރޝަލް އާޓްސް ދަސްކުރުމަށް އެ ޖިމްއާއި ގުޅިފައެވެ. ދިވެހި ރާއްޖޭގައި މިކްސްޑް މާރޝަލް އާރޓްސް ކުރިއެރުވުމުގެ ބޭނުމުގައި ކުރިއަށް އޮތް ދޮޅުއަހަރެއް ތެރޭގައި މާރޝަލް އާރޓްސް އަށް ޙާއްސަ މުބާރާތެއް އިންތިޒާމުކުރުމުގެ މަސަކަތްވެސް ފައިޓް ސޯލް މޯލްޑިވްސްގެ ފަރާތުން ކުރަމަށް ވަނީ ހަމަ ޖެހިފައެވެ.