ކޮވިޑް-19 ޖެހުމުން ޓީމާއި ދުރުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އެ ބަލިން ރަނގަޅުވެ ގައުމީ ޓީމު ގަތަރުގައި ކުރިޔަށްގެންދާ ކޭމްޕާއި ގުޅުމަށް މިއަދު އެ ގައުމަށް ފުރައިފިއެވެ.

ސުޒެއިންއަށް ކޮވިޑު ޖެހުނުކަން އެނގުނީ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ގަތަރަށް ފުރުމުގެ ކުރިން ޓީމުގެ ހުރިހާ ކުޅުންތެރިން ހެދި ޓެސްޓުތަކުންނެވެ. ޓީމު ގަތަރަށް ފުރާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. ސުޒެއިން ކޮވިޑަށް ފައްސިވިކަން އެނގުނީ އޭގެ އެއްދުވަސް ކުރިންނެވެ.

ސުޒެއިންގެ ބަދަލުގައި މިދިިޔަ ދުވަސްތަކުގައި ޓީމުގެ ޒިންމާ އަދާކޮށްފައިވަނީ އެސިސްޓަންޓް ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ) އެވެ. ސުޒެއިން ނުލާ ޓީމު ގަތަރުގައި ގިނަ ސެޝަންތަކެއް ވަނީ ކުރިޔަށްގެންގޮސްފައެވެ. ނަމަވެސް ސުޒެއިން ވަނީ ޓީމުގެ ކަންކަން އެސިސްޓަންޓް ކޯޗު މެދުވެރިކޮށް ވަރަށް ގާތުން ބަލާފައެވެ.

ގަތަރުގައި ރާއްޖޭގެ ގައުމީ ޓީމު މިހާރު ކުރިޔަށްގެންދާ ކޭމްޕުގެ ތެރެއިން އެ ގައުުމުގެ ދެ ކުލަބަކާއި ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މީގެކުރިން ގަތަރަށް ފުރުމުގެ ކުރިންވެސް ގައުމީ ކޯޗު ވަނީ އެ ގައުމުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅޭނެކަން ހާމަކޮށްފައެވެ. އެއީ ލަންކާގެ އިތުރުން އިތުރު ދެ ޓީމަކާއެކު އެވެ.

އަންގާރަ ދުވަހު ނުވަތަ މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ ގަތަރުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ލުސައިލް އެފްސީއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި މި މަހު 25 ވަނަ ދުވަހު ބައްދަލުކުރާނީ ގަތަރުގެ އެހެން ޓީމަކާއެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. ގަތަރުގައި ކޭމްޕުކުރުމަށްފަހު ދިވެހި ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހެވެ.

ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ކުރިޔަށްދާނީ އޮކްޓޯބަރު 1 އިން 16 ގެ ނިޔަލަށެވެ. ރާއްޖޭގެ އިތުރުން ހަތަރު ޓީމެއް ދެން މި މުބާރާތުގައި ވާދަކުރެއެވެ. ވާދަނުކުރަނީ ބޫޓާނާއި ޕާކިސްތާނެވެ.

މުބާރާތް ފެށެން ކުޑަތަންވެފައިވާއިރު މިއަހަރުގެ މުބާރާތުގެ ތީމް އެއްގެ ގޮތުގައި ހަމަޖަައްސާފައިވަނީ "މަގޭ މަހަލްދީބް" އެވެ. މި ނަމުގައި ޕްރޮމޯޝަންގެ ހަރަކާތްތައް ބާއްވާއިރު ސްލޯގަންގެ ގޮތުގައި ބޭނުންކުރާނީ "ތިންވަނަ ފަހަރު، މީ އެ ފަހަރު" އެވެ.

ލީގު އުސޫލުން ޖުމްލަ 5 ގައުމެއް މި މުބާރާތުގައި ވާދަކުރާއިރު ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޯބަރު 1 ގެ ރޭގަނޑު ބައްދަލުކުރާނީ ނޭޕާލް އާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މުޖުތަބާ

  ތިޔައީ ތެލާ ބެހޭ ވަޒީރުތަ. މުޅި މޫނުގަ ތެޔޮ ހާކައިގެން އައިސް ތިހުރީ..

  • ޢ

   މަޖާވިޔަސް ވަކި ކަހަަ ވާހަކަ ދައްކަން ވާނީ

 2. ބޯ ހަލާކު

  ކޮން އިރަކު ކޮންތާކުން ޓިކެޓު ވިއްކަނީ