އަންނަ މަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި މިހާރު ކޭމްޕުކުރަމުންދާ ގައުމީ ފުޓުބޯޅަ ޓީމު ގަތަރުގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް ލުސައިލް އެފްސީއާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.

ގަތަރުގެ ދެވަނަ ޑިވިޝަނުގައި ވަރުގަދަ މި ޓީމާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ މޮޅުވެފައިވަނީ 4-3 ގެ ނަތީޖާއަކުންނެވެ. މިއީ ކޭމްޕުގައި ގައުމީ ޓީމު ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ ދެ މެޗުގެ ތެރެއިން އެއް މެޗެވެ.

މެޗުގެ 24 ވަނަ މިނިޓުގައި ލީޑު ނެގީ ގަތަރުގެ އަލް ލުސެއިލް އެވެ. އަދި އޭގެ ދެ މިނިޓު ފަހުން ލުސައިލް އިން ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ނުރައްކާތެރި ހަމަލާއެއް ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ.

ރާއްޖެއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 28 ވަނަ މިނިޓުގައެވެ. މެޗުގެ ނަތީޖާ ހަމަހަމަކޮށް ދިނީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖޭން ލީޑު ނެގި ލަނޑު ކާމިޔާބުކުރީ އަލީ ހައިޝަމް (ޗުމްޕު) އެވެ. މެޗުގެ 58 ވަނަ މިނިޓުގައި ޗުމްޕު އަށް ލުސައިލްގެ ކުޅުންތެރިއެއް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ރާއްޖެ އަށް ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

މެޗުގެ 64 ވަނަ މިނިޓުގައި ކޯނަރަކުން ދަގަނޑޭ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ޗުމްޕު ވަނީ ރާއްޖޭގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. މެޗުގެ 69 ވަނަ މިނިޓުގައ ލުސައިލް އިން ވަނީ ލަނޑެއް ޖަހައި، 4-2 އަށް ނަތީޖާ ބަދަލުކޮށްފަ އެވެ. އަދި 86 ވަނަ މިނިޓުގައި އެ ޓީމުން އިތުރު ލަނޑެއް ޖެހިއެވެ. ނަމަވެސް ރާއްޖޭގެ މައްޗަށް ލީޑެއް ނުނެގެއެވެ.