މާލޭ ލީގު ކޮލިފައިންގެ ދެ ވަނަ ލެގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ބައްދަލުކުރި މެޗުން މޮޅު ނުވެވި ވެލެންސިއާ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެއްޖެއެވެ.

ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓްރީ މިއަދު ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން ކަމަށްވާއިރު ވެލެންސިޔާ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ އެގްރިގޭޓް ނަތީޖާ އިން ޔުނައިޓެޑް ވިކްޓްރީ ކުރި ހޯދުމާ ގުޅިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޔުނައިޓަޑް ވިކްޓްރީން ކާމިޔާބު ކުރީ 0-2 އިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ދެ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް ވެލެންސިއާ އިންނެވެ. މި ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި އަންސަރު އިބްރާހިމްއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ސެމިއުލް ކޯޑެލް އާއި ރަފީނިއާގެ ގޯލުތަކުން ޔުނައިޓެޑް ވިކްޓްރީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

އެގްރިގޭޓް ނަތީޖާ އިން ވެލެންސިއާގެ މައްޗަށް ޔުނައިޓެޑް ވިކްޓްރިން ކުރި ހޯދިއިރު އެޓީމަށް ވަނީ އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން ޖާގައެއް ކަށަވަރުވެފައެވެ.

ފުރަތަމަ ޑިވިޝަނުގައި ޔުނައިޓެޑް ވިކްޓްރީގެ އިތުރުން ދެން ވާދަކުރާނީ އާއި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ދަ ގޭންގާއި މާލޭ ލީގުގެ ގަދަ ހަ ޓީމު ކަމަށްވާ ނިއުރޭޑިއަންޓާއި މާޒިޔާ އާއި ޓީސީ އާއި އީގަލްސް އާއި ވިކްޓްރީގެ އިތުރުން ގްރީން ސްޓްރީޓްސްއެވެ.

ދެވަނަ ޑިވިޝަނަށް ވެލެންސިއާ ރެލިގޭޓްވިއިރު އެޓީމަކީ ރާއްޖޭގައި އޮތް އެންމެ ކާމިޔާބު އެއް ކްލަބެވެ.