މި އަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ފެނިފައިވާ އެންމެ ރަނގަޅު އެއް ޓީމަކީ ކްރޮއޭޝިއާ އެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ކްރޮއޭޝިޢާ ވަނީ މޮޅުވެފަ އެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ނުވަ ބަދަލު ގެނެސްގެން ކްރޮއޭޝިއާ ނިކުތް ނަމަވެސް، އައިސްލޭންޑް އަތުން ވެސް އެ ޓީމު ތިން ޕޮއިންޓް ހޯދި އެވެ.

ކްރޮއޭޝިއާ އަށް 1998 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުނުކުރެވެ އެވެ. އެކަމަކު މި ފަހަރު ކްރޮއޭޝިއާ ކުއާޓާ ފައިނަލުން ފެނުން ގާތް ކަމަށް ތަޖުރިބަކާރުން ބުނެ އެވެ.

ފްރާންސްގެ މިޑްފީލްޑަރު އީވާން ރަކިޓިޗް ބުނީ 1998 ވަނަ އަހަރު ކްރޮއޭޝިއާ އިން ހޯދި ކާމިޔާބަށްވުރެ ރަނގަޅު ކާމިޔާބެއް ހޯދަން މަސައްކަތްކުރަންޖެހޭ ކަމަށެވެ. ފްރާންސްގައި 1998 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ކްރޮއޭޝިއާ ދަތުރުކުރި އެވެ.

"1998 ވަނަ އަަހަރު ކްރޮޭޝިއާގެ ޓީމުން ހޯދީ ރަނގަޅު ކާމިޔާބެއް. އެކަމަކު އަހަރެމެން އެބަޖެހޭ އަހަރެމެން އަމިއްލަ އަށް ތާރީހުން ޖާގަ ހޯދަން. ކްރޮއޭޝިއާ އިްނ 1998 ވަނަ އަހަރު ހޯދި ކާމިޔާބީއާ އެއްވަރު، ނުވަތަ އެއަށްވުރެ ރަނގަޅު ކާމިޔާބެއް ހޯދުމަށް އެބަޖެހެ މަސައްކަތްކުރަން،" ރަކިޓިޗް ބުންޏެވެ.

ކްރޮއޭޝިއާއާއެކު، ޑެންމާކް ކޮޅަށް ވެސް މި ފަހަރުގެ މުބާރާތުގައި އޯޕަން ޕްލޭ އިން ލަނޑެއް ނުވަދެ އެވެ. އެކަމަކު ކްރޮއޭޝިއާއާ ހިލާފާށް، ޑެންމާކް ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުކޮށްގެނެވެ.
ޑެންމާކް ވެސް މީގެ ކުރިން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ވާދަކޮށްފައިވަނީ އެންމެ ފަހަރަކު އެވެ.

ކްރޮއޭޝިއާ:

ވޯލްޑް ކަޕްގައި ޔޫރަޕްގެ ޤައުމުތަކާ ދެކޮޅަަށް މިހާތަނާށް ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ކްރޮއޭޝިއާ ވަނީ މޮޅުވެފަ.

ވޯލްޑް ކަޕެއްގައި ޖެހިޖެހިގެން ތިން މެޗުން ކްރޮއޭޝިއާ މީގެ ކުރިން މޮޅެއް ނުވޭ.

ޑެންމާކް:

ޑެންމާކް ވަނީ މިހާރު ބަލިނުވެ 18 މެޗު ހަމަކޮށްފަ. މިއީ ޑެންމާކްގެ ޤައުމީ ރެކޯޑެއް.

ވޯލްޑް ކަޕެއްގެ ހަތަރު މެޗުން ޖެހިޖެހިގެން ޑެންމާކް މިހާތަނަށް މޮޅެއް ނުވޭ.

އެނގޭތަ؟

ބައިނަލްއަޤުވާމީ ބޮޑު މުބާރާތެއްގައި ކްރޮއޭޝިއާ – ޑެންމާކް މީގެ ކުރިން ބައްދަލުކުރީ އެންމެ ފަހަރަކު އެވެ. ޔޫރޯ 1996ގައި ކުޅުނު މެޗު 3-0 އިން ކާމިޔާބުކުރީ ކްރޮއޭޝިއާ އެވެ.