އަންނަ ހުކުރުދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު މިއަދު ވިއްކަން ފަށާއިރު މީހަކަށް ވިއްކާނީ އެންމެ ގިނަވެގެން ފަސް ޓިކެޓު ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

މިއަދު މެންދުރުފަހު މުބާރާތުގެ ޓިކެޓު ވިއްކަން ފަށާއިރު ދަނޑަށް ވަދެވޭނީ ވެކްސިން ކާޑާއި އައިޑީ ކާޑު އަދި ގަނެފައިވާ ޓިކެޓު ގެނައުމުންނެވެ. މިއީ ރައްކާތެރިކަމުގެ ގޮތުން އެފއޭއެމުން އެޅި ފިޔަވަޅެކެވެ.

މީގެއިތުރުން އެފްއޭއެމުން ވަނީ މެޗުގެ ހާފްޓައިމުގައި އެއްވެސް ސަޕޯޓަރަކަށް ބޭރަށް ނުދެވޭގޮތަށް ނިންމާފަައެވެ. މިއީވެސ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އެންމެ ފުރަތަމަ ވިއްކަން ހަމަޖެހިފައިވަނީ ކޮންމެ "މެޗްޑޭ" ނުވަތަ އެ ދުވަހެއްގައި ކުޅޭ މެޗުތަކަށް އެކަނި ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ބުދަ ދުވަހު ވިއްކަން ފަށަނީ އޮކްޓޯބަރު 1 ގައި ކުޅޭ މެޗުތަކުގެ ޓިކެޓުތަކެވެ. ނަމަވެސް މި ޓިކެޓުތައް ލިބޭނީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ. އެގޮތުން ދެ ޑޯޒު ޖެހިކަން ހާމަވާ ވެކްސިން ކާޑާއި އައިޑީ ކާޑު ހުށައަޅަންޖެހޭނެ ކަމަށް ޖަވާ ވިދާޅުވިއެވެ.

ފުރަތަމަ ޓިކެޓު ވިއްކާނީ ހުކުރު ދުވަހު ހަވީރު ސްރީލަންކާ އާއި ބަންގްލަދޭޝް ކުޅޭ މެޗާއި އެރޭ ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާ މެޗަށެވެ. ކޮންމެ މެޗެއްގެ ޓިކެޓް ވެސް ވިއްކާނީ ވަކި ކައުންޓަރަކުންނެވެ. އެ ގޮތުން ރާއްޖެ މެޗުގެ ޓިކެޓް ވިއްކާނީ އޮލިމްޕަސް ކައިރި ކައުންޓަރުންނެވެ. އަދި ލަންކާ އާއި ބަންގްލަދޭޝް މެޗުގެ ޓިކެޓް ވިއްކާނީ ސިޑިބަރި ކައުންޓަރުންނެވެ.

ދަނޑަށް ވަންނަ ޓިކެޓުތަކުގެ ތެރެއިން ގޮނޑިބަރީގެ ޓިކެޓެއް ވިއްކަނީ 100 ރުފިޔާއަށެވެ. އަދި ސިޑިބަރީގެ ޓިކެޓު އުޅެނީ 75 ރުފިޔާއަށެވެ. ޓިކެޓު ވިއްކަން ފަށާނީ މެންދުރުފަހު 14:00 އިން ރޭގަނޑު 23:00 އާއި ހަމައަށެވެ. މީގެއިތުރުން މާދަމާ ޓިކެޓު ވިއްކާނީ ހެނދުނު 10:00 އިން އިރުއޮއްްސި 18:00 އަށް އަަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަނީ

    އަހަރެން ނުދާނަން ދާމަތިން އަހަންނައް ފައިސާ ދިނަސް

  2. Anonymous

    ދެން ފާހަނާޔަކަށް ދާންޖެހޭ މީހާ ކިހިނެއްބާ ހަދަނީ؟ ތިޔަތާކު އާމުންނަށް ފާހާނާއެއް ނުހުރޭ! ތީ ބޮލުގެ އެއްޗެއް ކޮންމެ މީހަކު ލައްވާ 200 ރުފިޔާ ދީފާ 2 ޓީކެޓް ގަނެގެން އޭނަ ހާފްޓައިމްގައި ބޭރަށް ގޮސްފައި އަނެއްކާ އަނެއް ޓިކެޓަށް، މިފަހަރު ފެލާލާނެ.