ރާއްޖޭގައި ތިބި ކޯޗުންގެ ފެންވަރު ސާބިތުކުރުމަށް މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕަކީ ރަނުގެ ފުރުސަތެއް ކަމަށާއި ދިވެހި ކޯޗުންނަަށް އިތުބާެރު އުފެއްދުމަށް މި މުބާރާތް މުހިއްމު ކަމަށް ގައުމީ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ސައްތައިން ސައްތަ އެ ގައުމަކަށް ނިސްބަތްވާ ކޯޗިން ޓީމެއް އޮތީ ރާއްޖޭގައެވެ. ރާއްޖެ ޓީމުގެ ހެޑު ކޯޗެއްގެ ގޮތުގައި އަލީ ސުޒެއިން ހަރަކާތްތެރިވާ އިރު އެސިސްޓަންޓް ކޯޗުންގެ ގޮތުގައި އިސްމާޢީލް މަހްފޫޒް (އިންމަ) ކުރީގެ ގޯލްކީޕަރު އިމްރާން މުޙައްމަދު ހިމެނެއެވެ. މީގެއިތުރުން ގޯލްކީޕަރު ޓްރެއިނަރަކީ އަސްލަމް އަބްދުލް ރަހީމެވެ.

އަންނަ ހުކުރުދުވަހުގެ ރޭ ދިވެހިރާއްޖެ އާއި ނޭޕާލް ބައްަދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒެއިން ބުނީ ދިވެހި ކޯޗުންނަށް އިތުބާރުކުރުމުގެ ބައި ރާއްޖޭގައި އޮތީ ކޮންމެވެސް ވަރަކަށް ކުޑަކޮށް ކަމަށެވެ. އަދި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކުރެވިއްޖެނަމަ އެއީ ދިވެހި ކޯޗުންނަށް ބޮޑު އިތުބާރެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ސުޒެއިން ސިފަކުރި އެވެ.

ކޯޗު ބުނީ ނޭޕާލަށް މިހާތަނަށް ސާފް ޗެމްޕިއަންޝިޕެއް ކާމިޔާބުކުރެވިފައި ނެތް ނަމަވެސް އެއީ އަބަދުވެސް ސަމާލުވާން ޖެހޭ ޓީމެއް ކަމަށާއި ނޭޕާލަކީ ބޮޑު ކުރިއެރުންތަކެއް ހޯދަމުން އަންނަ ޓީމެއް ކަމަށް ސުޒެއިން ބުންޏެވެ.

ދިވެހި ކޯޗުންގެ އިތުރުން އެހެން ދިވެހި ކޯޗުންނަށް ވެސްބޭ ކުރިއަށް އޮތްތަނުގައި ވަރަށް ރަނގަޅު ކަމަކަށް ވާނެ މީގެއިން އަޅުގަނޑުމެންނަށް ކާމިޔާބަކާ ހަމައަށް ދެވިއްޖިއްޔާ" ސުޒެއިން ބުންޏެވެ.
ކޯޗު ސުޒެއިން ވަނީ ގަތަރަށް ގައުމީ ޓީމު ފުރުމުގެ ކުރިން ހެދި ޕީސީއާރު ޓެސްޓުތަކުން ކޮވިޑަށް ފައްސިވެ ޓީމާއި އެކަހެރިވެގެން ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ. އޭނާގެ ބަދަލުގައި ގަތަރު ކޭމްޕުގައި ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އިންމަ އެވެ.

ކޭމްޕުގައި ރާއްޖޭން ވަނީ އެކުވެރިކަމުގެ ދެ މެޗެއް ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެރޭ ގަތަރުގެ ދެވަނަ ޑިވިޝަނުގެ ލުސައިލް އެސްސީ އަތުން ރާއްޖެ މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ. އަދި ހޮނިހިރު ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުން ވަނީ ގަތަރުގެ އާމީ ނެޝަނަލް ޓީމާ ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ

ސުޒެެއިން ބުނީ ގަތަރު ކޭމްޕުގައި ހާސިލްކުރަން ބޭނުންވި ކަންކަން ވި ކަމަށާއި ލަންކާއާ ދެކޮޅަށް ކުޅެން އުޅުނު މެޗު ނުކުޅެވުމަކުން މާ ބޮޑު މައްސަލަތަކެއް ދިމާވެދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތާއެކު ރާއްޖެއާއި ނޭޕާލް މެޗު ފަށާނީ ރާއްޖެގަޑިން މާދަމާ ރޭ 21:00 ގައެވެ.