އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގައި ބޭނުންކުރާނެ ކުޅުންތެރިންނަށް މާ ބޮޑެތި ބަދަލުތަކެއް ނުގެންނާނެ ކަމަށާއި އެއީ ފުރަތަމަ މެޗުގައި ނޭޕާލާއި ދެކޮޅަށް ދިވެހި ޓީމު ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭތީ ކަމަށް ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެރޭ 21:00 ގައެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ހިތްދަތިކޮށް 1-0 އިން ބަލިވެފައި ވުމުން މިއީ ރާއްޖެ މޮޅުވާންޖެހޭ މެޗެކެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ސުޒެއިން ބުނީ ބަންގްލަދޭޝް މެޗާއި ކުރިމަތިލާއިރު ޓީމުގައި އަނިޔާގެ މައްސަލަތަކެއް އުޅޭތީ، ދެތިން ބަދަލެއް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެެވެ. ނަމަވެސް އެއީ މާ ބޮޑު އަނިޔާގެ މައްސަލަތަަކެއް ނޫން ކަމަށާއި އެހެންކަމުން މާ ބޮޑު ބަދަލެއް ޓީމަށް ނާންނާނެ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕް ގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ނޭޕާލާއި ދެކޮޅަށް ކުޅުނު މެޗުގައި ވަރަށް ގިނަ ރަނގަޅު ކަންކަން ފާހަގަވި ކަމަށާއި މައްސަލައަކަށް ވީ ލަނޑުޖެހުމުގެ މައްސަލަަ ކަމަށް ސުޒެއިން ބުންޏެވެ. އަދި އެކަން ހައްލުކުރަން ކުޅުންތެރިން ވަރަށް ރަނގަޅަަށް ފަރިތަކުރުންތަކުގައި މަސައްކަތްކޮށްފައިވާ ކަމަށާއި ކުޅުންތެރިންގެ ރޫހަށް ބަލާއިރު މިއީ ރަނގަޅު ނަތީޖާއެއް ނެރެވިދާނެ މެޗެއް ކަމަށް ސުޒެއިން ބުންޏެވެ.

ސުޒެއިން ވަނީ ބަންގްލަދޭޝް އިން މި މުބާރާތުގައި މިހާތަނަށް ނެރުނު ނަތީޖާތަކާއި އެ ޓީމުގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ހާއްސަކޮށް މިހާރުގެ ބަންގްލަދޭޝް ޓީމަކީ މީގެކުރިން ރާއްޖެ ބައްދަލުކުރި ބަންގްލަދޭޝް ޓީމާއި އަޅާބަލާއިރު ވަރުގަދަ ޓީމެއް ކަމަށާއި ކޯޗު އޮސްކާ ބްރުޒޮން އާއެކު ބަންގްލަދޭޝް ފެންނަނީ ތަފާތުކޮށް ކަމަށް ސުޒެއިން ބުންޏެެވެ.

ރާއްޖެއާއި ބަންގްލަދޭޝް އަކީ މި ސަރަހައްދުގައި ވާދަވެރި ދެ ގައުމެވެ. 2003 ގެ ފަހުން ބަންގްލަދޭޝް އަށް މިހާތަނަށް ރާއްޖޭގެ މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ.