އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު ރާއްޖެއާއި ސްރީލަންކާ ބައްދަލުކުރާއިރު ލަންކާގައި މިވަގުތު އޮތީ ކުރިން ނުދެކޭވަރުގެ ވަރުގަދަ ސްކޮޑެއް ކަމަށް ރާއްޖޭގެ ގައުމީ ކެޕްޓަން އަކްރަމް އަބްދުލްޢަނީ ބުނެފިއެވެ.

ރާއްޖެއާއި ލަންކާއަކީ ސަރަހައްދީ ފުޓުބޯޅައިގައި މީގެކުރިން ވާދަވެރި ދެ ގައުމެވެ. ލަންކާއަަށް އެންމެފަހުން ރާއްޖޭގެ މައްޗަށް ކުރިހޯދުނީ 2002 ވަނަ އަހަރުގައެވެ. އެފަހަރު ލަންކާ މޮޅުވީ 1-0 އިންނެވެ. އެންމެފަހުން މި ދެ ޓީމު ބައްދަލުކުރީ 2018 ގައެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ލަންކާ މެޗުގެކުރިން ވާހަކަދައްކަމުން ގައުމީ ކެޕްޓަން ބުނީ މިފަހަރުގެ ލަންކާ ޓީމަކީ ވޯކްރޭޓު ވަރުގަދަ އަދި އެގްރެސިވްކޮށް ނުވަތަ ވަރުގަދަކޮށް ކުޅޭ ކުޅުންތެރިންތަކެއް ކަމަށެވެ. އަދި މީގެކުރިން މިހާ ވޯކްރޭޓު ވަރުގަދަ ލަންކާ ޓީމެއް ނުފެންނަ ކަމަށްވެސް އަކްރަމް އަބްދުލްޢަނީ ބުންޏެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ލަންކާއަށް ވަނީ އިންގްލޭންޑަށް އުފަން ދެ ކުޅުންތެރިން ގެނެސްފައެވެ. އެއީ އިންގްލޭންޑައި މިހާރުވެސް ދަށް ޑިވިޝަންތަކުގައި ކުޅޭ މާވިން ހެމިލްޓަން އާއި އިނގިރޭސި ކްލަބް ކިއުޕީއާރުގެ 19 އަހަރުންދަށުގެ ޓީމަށް ކުޅޭ ޑިިލިއަން ޑި ސިލްވާ ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ތަޖުރިބާހުރި ކުޅުންތެރިންތަކެއް ވެސް ލަންކާގައި އެބަތިއްބެވެ. އެގޮތތުން ފަސް އަހަރު ރާއްޖޭގެ ކުލަބް އީގަލްސްގެ ގޯލްކީޕަރުކަން ކޮށް ޓީމުގެ ކެޕްޓަންކަން ވެސް ކުރި ކީޕަރު ސުޖަން ޕެރޭރާ އާއި މިދިޔަ ސީޒަނުގައި ޓީސީއަށް ކުޅުނު ޑަކްސަލް ފާހަގަކޮށްލެވެއެވެ. މި ކުޅުންތެރިންނަކީ ދިވެހި ކުޅުންތެރިންގެ ވައްޓަފާޅި ދަންނަ ދެ ކުޅުންތެރިންނެވެ.

މެޗުގެކުރިން ވާހަކަދައްކަމުން އަކްރަމް ބުނީ މިއަދުގެ މެޗުން މޮޅުވުމަށް ކުރަން ޖެހޭ މަސައްކަަތަށް ހުރިހާ ކުޅުންތެރިން ތައްޔާރު ކަމަށެވެ.