ސާފް ޗެމްޕިއަންޝިޕްގައި މިރޭ އިންޑިއާ އާއި ނޭޕާލް ބައްދަލުކުރި މެޗުން ނޭޕާލް ބަލިވުމުން ފަސް ޓީމް ބައިވެރިވާ މުބާރާތުގެ ޕްއިންޓް ތާވަލްގެ އެއްވަނަ އަށް ރާއްޖެ އަރައިފިއެވެ.

ރާއްޖެ ގްރޫޕްގެ އެއްވަނަ އަށް އެރީ ކުޅުނު ތިން މެޗުން 6 ޕޮއިންޓާއި ފައިދާ ދެގޯލް ހޯދައިގެންނެވެ. މިރޭ އިންޑިއާ އަތުން ބަލިވި ނޭޕާލް އަށް 6 ޕޮއިންޓް ލިބިފައި އޮތް ނަމަވެސް ފައިދާ މިހާރު އޮތީ އެއްގޯލެވެ.

ނޭޕާލް މިރޭ އިންޑިއާ އަތުން ބަލިވީ 1-0 އިންނެވެ.

ސާފް ޗެމްޕިއަންޝިޕް މިއަހަރު ކުރިއަށް ގެންދަނީ ލީގް އުސޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ ދެޓީމް ފައިނަލަށް ދާގޮތަށެވެ. ރާއްޖެ އަށް ކުރިއަށް އޮތް އިންޑިއާ މެޗް އެއްވަރު ކޮށްލައިގެން ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު މިހާރު އެބައޮތެވެ. ނަމަވެސް އިންޑިއާ އަށް ފައިނަލަށް ދެވެން އޮތީ ރާއްޖެ އާއި ބައްދަލުކުރާ މެޗް ކާމިޔާބު ކޮށްގެންނެވެ.

ނޭޕާލާއި ބަންގްލަދޭޝް އަށް ވެސް މުބާރާތުގެ ފައިނަލަށް ދިއުމުގެ މަގު ބަންދެއް ނުވެއެވެ. އެދެޓީމް ބައްދަލުކުރާ މެޗް ކާމިޔާބު ކުރާ ޓީމެއް ފައިނަލަށް ދަތުރު ކުރާނެއެވެ.

ބަންގްލަދޭޝް އާއި ނޭޕާލް ބައްދަލުކުރާ މެޗް އޮންނާނީ އަންނަ ބުދަ ދުވަހުގެ ހަވީރުއެވެ. ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗް އޮންނާނީ ބުދަ ދުވަހުގެ ރޭ 21:00 ގައެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗް ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ 21:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަންނަނުދަންނަ

    މިއީ ތެދު ހަބަރެއް ނޫން. ސާފް ޗެމްޕިއަންޝިޕްގެ މިފަހަރުގެ މުބާރާތް ކުޅެވެނީ ލީގު އުސޫލުން ކަމުގައި ވާތީ ދެ ޓީމެއްގެ ޕޮއިންޓް އެއްވަރުވާ ހާލަތެއްގައި ތާވަލު އަތުރާލުމުގައި ރިޢާޔަތް ކުރެވެނީ ހެޑް ޓު ހެޑް އުސޫލުން ކުރި ހޯދާފައިވާ ޓީމައް!

    11
    2
  2. ޙަސަނާ

    2 ޓީމެއް ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ މި މުބާރާތުގައި ފުރަތަމަ ބަލަން ހަމަޖައްސާފައިވަނީ އެ 2 ޓީމު ކުޅުނު މެޗުގެ ނަތީޖާއަަށް. ނޭޕާލްއާއި ރާއްޖެ ކުޅުނު މެޗުން ނޭޕާލް މޮޅުވެފައިވާތީ ތާވަލުގެ 1 ވަނައިގައި މިހާރު އޮތީ ނޭޕާލް. ގޯލަށް ބަލާގޮތަށް އޮތީ 2 ޓީމު ކުޅުނު މެޗު އެއްވަރުވެއްޖެނަމަ. 2 ޓީމަށްވުރެ ގިނަ ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ ބަލާނީ ގޯލަށް. މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައިވެސް ޢަމަލުކުރަމުން އަންނަ އުސޫލު. ކަންތައްތައް ހަމަޖައްސާފައި އޮންނަގޮތް އޮޅުންފިލުވައިގެން އެއްޗެހި ލިޔެބަލަ.

  3. ރައްދެ

    ކިތައް ގުރޫޕު ތަ އޮތީ މިމުބާރާތުގަ؟