މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ އެއްވަނަ ކީޕަރު މުހައްމަދު ފައިސަލްއަށް އަނިޔާވުމުގެ ސަބަބުން އޭނާގެ ބަދަލުގައި ކުޅެން އެރި ބަދަލު ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ގެ ފަރާތުން ފެނުނު ކޮންފިޑެންސް ރަނގަޅު ކަމަށް ބުނެ ކޯޗު ސުޒެއިން ތައުރީފުކޮށްފި އެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ސްރީލަންކާ އަތުން 1-0 ގެ ނަތީޖާއަކުން ރާއްޖެ މޮޅުވި މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައިި ކީޕަރު ފައިސަލްއަށް އަނިޔާވުމުގެ ސަބަބުން ބަދަލުގައި ކުޅެން އެރީ ވ.ކެޔޮދޫއަށް ނިސްބަތްވާ 33 އަހަރުގެ ކީޕަރު ޗެކް އެވެ.

މިއީ ގައުމީ ސީނިއާ ފުޓުބޯޅަ ޓީމަށް އޭނާ ކުޅުނު ފުރަތަމަ މެޗެވެ. މެޗަށްފަހު ގައުމީ ކޯޗު އަލީ ސުޒެއިން ވަނީ އެ ދަނޑިވަޅުގައި ޗެކް ގެ ފަރާތުން ފެނުނު ކޮންފިޑެންސް އަށް ތައުރީފުކޮށްފައެވެ.

ލަންކާ އާއި ރާއްޖެ ބައްދަލުކުރި މެޗުގައި ކީޕަރު ޝަފީއު-- ވަގުުތު އިމޭޖަސް: އަބްދުﷲ އަބީދު

"ޓީމު ކޮންމެވެސް ވަރަކަށް ބެކްފުޓަށް ގޮސްފައި އޮތްއިރުގައި އޭނަ މުޅި މެޗު ނިންމާލިއިރު އޭނަގެ ފަރާތުން އެއްވެސް ކަހަލަ ހާސްކަމެއް ނުފެންނަކަން ފާހަގަކޮށްލާނަން" މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ސުޒެއިން ބުންޏެވެ.

ސްރީލަންކާއާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗަކީ ކޮންމެހެން މޮޅުވާން މަޖުބޫރު މެޗެކެވެ. ރާއްޖެ ލީޑުގައި އޮއްވާ ކީޕަރު ފައިސަލްއަށް އަނިޔާވެގެން ބަދަލުކުރިތާ ކުރީކޮޅު ޓީމު ކުޑަކޮށް ޕްރެޝަރަށް ދިޔަތަން ފެނުނެވެ. ނަމަވެސް ކީޕަރު ޗެކްގެ ފަރާތުން ފެނުނު ކޮންފިޑެންސް އާއެކު ޓީމުގެ ކުޅުން ރަނގަޅުވިއެވެ.

ޗެކް ވަނީ މިދިޔަ ސީޒަނުގައި ކުލަބް ވެލެންސިއާގެ ގޯލު ބަލަހައްޓާފައެވެ. އެއީ އޭރު ކީޕަރު ފައިސަލް އަނިޔާއިން އެއްކޮށް ރަނގަޅުނުވާތީ އެވެ. ވެލެންސިއާގެ ގޯލުގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ޖުމްލަކޮށް ދައްކާފަައެވެ. ދެ ފަހަރެއްގެ މަތިން އޭނާ ވަނީ ކީޕަރު ފައިސަލްގެ ބަދަލުގައި ވެެެލެންސިއާގެ ގޯލު ބަލަހައްޓާފައެވެ.

ލަންކާ އާއި ރާއްޖެ ބައްދަލުކުރި މެޗުގައި ކީޕަރު ޝަފީއު-- ވަގުުތު އިމޭޖަސް: އަބްދުﷲ އަބީދު

ލަންކާއާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހު 20 މިނެޓަކީ ރާއްޖެ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިގެންދިޔަ ދަނޑިވަޅެކެވެ. ލަންކާއަށް ލަނޑުޖަހަން ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްވިއެވެ. ނަމަވެސް ކީޕަރު ޗެކް އެ ވަގުތުކޮޅު ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ރާއްޖެއަށް ކުރިޔަށްއޮތީ ބޮޑު މެޗެކެވެ. ސަރަހައްދުގެ ގަދަބާރު އިންޑިއާ އާއި ވާދަކުރާ މި މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެއަށް ފައިނަލުގެ ޖާގައެއް ލިބެން އެބައޮތެވެ. މި މެޗުގައި ކީޕަރު ފައިސަލް ފެންނާނެތޯ ކުރާ ސުވާލަށް ސުޒެއިން ބުނީ އެކަން މިއަދުގެ ވަގުތެއްގައި މީޑިއާއަށް ހިއްސާކުރާނެ ކަމަށެވެ.