ސަރަހައްދީ ފުޓުބޯޅައިގައި 2018 ގެ ސާފް ޗެމްޕިއަންޝިޕުގެ ކާމިޔާބީއަށްފަހު ރާއްޖޭގެ ފުޓުބޯޅަ ކުރިޔަށްވުރެ ވަރުގަދަވެފައިވާ ކަމަށް އިންޑިއާގެ ގައުމީ ކޯޗު އިގޯ ސްޓިމަކް ބުނެފިއެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗަކީ ދެ ޓީމަށްވެސް މުހިއްމު މެޗެކެވެ. މުބާރާތުގެ ފައިނަލަށް އިންޑިއާ އަށް ދެވެން އޮތީ ރާއްޖެ ބަލިކޮށްގެންނެވެ. ރާއްޖެއަށް އިންޑިއާ އާއި އެއްވަރުކޮށްލައިގެން ވިޔަސް ފައިނަލަށް ދެވެން އެބައޮތެވެ.

މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އިންޑިއާގެ ކޯޗު ބުނީ ސަރަހައްދީ ފުޓުބޯޅައިގައި ރާއްޖެ މިހާރު ފެންނަނީ ބޯޅަ ހިފަހައްޓައިގެން ވަރަށް ރަނގަޅު ޓީމު ގޭމެއް ކުޅޭ ޓީމެއްގެ ގޮތުގައިކަމަށެވެ.

"މިހާރު ރާއްޖެ ކުޅެނީ ވަރަށް ރީތި ޕާސިން ގޭމެއް، ލަނޑުޖަހާނެ ފުރުސަތު އެބަ ހޯދާ، މި ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ދުވަސްތައް އިސްރާފުނުކޮށް ކުޅުންތެރިން ބިނާކޮށް ރީތި ފުޓުބޯޅައެއް ކުޅުވަން މަސައްކަތްކޮށްފި، މިހާރު ރާއްޖެ ކުޅޭ ކުޅުމުން މި ފެންނަނީ ނަތީޖާ" އިންޑިއާ ކޯޗު ބުންޏެވެ.

ކޯޗު ބުނީ ރާއްޖޭގެ އެންމެ ވަރުގަދަ ހަތިޔާރަކީ ފޯވާޑް ލައިން ކަމަށާއި އެއީ އިންޑިއާއިން ހާއްސަ ސަމާލުކަމެއް ދޭނެ ކަމެއް ކަމަށެވެ. އަދި ލަނޑުޖަހަން ރާއްޖެ ޓީމުން ވަރަށް ރަނގަޅަށް ފުރުސަތު ތަނަވަސްކުރާ ކަމަށާއި މިއީ އިންޑިއާ އިން ހާއްސަ ސަމާލުކަމެއް ދޭނެކަމެއް ކަމަށެވެ. އަދި އަލީ އަޝްފާގު (ދަގަނޑޭ) ނޫނަސް ރާއްޖެ ޓީމުގައި ސަމާލުކަން ދޭންޖެހޭ ކުޅުންތެރިން ތިބިކަމަށް އިންޑިއާ ކޯޗު ބުންޏެވެ.

"ރާއްޖޭގެ ފޯވާޑް ލައިން ބަލާލުމުން އެބަފެނޭ މި މުބާރާތުގައި ތަފާތުކަން، އަހަރެމެންގެ ޑިފެންޑަރުންނަށް އިރުޝާދުދިން ގޮތަށް އަމަލުކޮށްފި ނަމަ މި މެޗުގައި ރާއްޖެ ޓީމަށް ލަނޑުޖަހަން އުނދަގޫވާނެ" އިންޑިއާ ކޯޗު ބުންޏެވެ.

"ރާއްޖޭގެ ޓީމު ވަރަށް މޮޅަށް އެބަކުޅޭ ކުރީގައި ގޯލު ޖަހަން ފުރުސަތު ވެސް އެބަހޯދާ. އެ މީހުންގެ މޫވްމަންޓް ވެސް ވަރަށް ރަނގަޅު. އަޝްފާގާ ދެން ތިބި ކުޅުންތެރިންގެ ގުޅުން ވެސް ރަނގަޅު. އަޝްފާގަށް ބޯޅަ ލިބުނީމަ ދެން ކުރާނެ ހުރިހާ ކަމެއް ކުޅުންތެރިންނަށް އެނގޭ. އަޝްފާގަށް އެ ކުޅުންތެރިން ހުރިތަނެއް ނުބަލައި ވެސް ބޯޅަ ދެވޭ. މިއީ އަހަރެމެން ވިސްނަން ޖެހޭ ކަމެއް،" ސްޓިމަކް ބުންޏެވެ.

ލަންކާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ކުޅުންތެރިން--ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އިންޑިއާ ކޯޗު ބުނީ ތާރީހަށް ބަލާއިރު އިންޑިއާއިން ރާއްޖެ ގިނަ މެޗުތަކުން ބަލިކޮށްފައި އޮތް ނަމަވެސް ތާރީހުން ކުރާނެ ފައިދާއެއް ނެތްކަމަށެވެ. ކޯޗު މިހެން ބުނެފައިވާއިރު ރާއްޖެ ވަނީ 2008 އަދި 2018 ގެ ސާފް ފައިނަލުގައި އިންޑިއާ ބަލިކޮށްފައެވެ.

"އެންމެފަހުން 2018 ގެ ފައިނަލުގައި ކުޅުނު ކުޅުންތެރިން މިހާރު އިންޑިއާ ޓީމުގައި އެބަތިބި، މިހާރު އެ ކުޅުންތެރިންނަކީ ވަރުގަދަ ތަޖުރިބާހުރި ކުޅުންތެރިން، އަދި އެހާމެ ތަފާތު މޮޅު، ތާރީހަަށް ބަލައިގެން ކުރާނެ އެއްވެސް ފައިދާއެއް ނެތް" ކޯޗު ބުންޏެވެ.

ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗު ފަށާނީ މާދަމާރޭ 21:00 ގައެވެ. މި މެޗަށް ދޫކުރަން ހަމަޖެހިފައިވާ ހުރިހާ ޓިކެޓެއް ވަނީ ވިކި ހުސްވެފައެވެ.