މާކުއިއެމްވީގެ ފަރާތުން ރާއްޖޭގެ ފުޓުބޯޅަ ތާރީހުގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އަށް ހާއްސަކޮށްފައިވާ ބޫޓެއް އޭނާއަށް ހަދިޔާކޮށްފިއެވެ.

ކުޅިވަރާއި ގުޅުންހުރި ސާމާނު ވިއްކުމުގައި ފާހަގަކޮށްލެވޭ މާކުއި އެމްވީން މި ބޫޓު ދަގަނޑޭ ހަވާލުވިކަން އަންގާ އޭނާ ވަނީ ފޭސްބުކްގައި އެކަން ހާމަކޮށްފައެވެ.

އުމުރުން 36 އަހަރުގެ ދަގަނޑޭ ދަނީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ ރާއްޖެ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗެއްގައި ލަނޑު ޖަހާފައެވެ. ލަނޑު ޖަހާފައިވަނީ ބަންގްލަދޭޝް އާއި ސްރީލަންކާ ކޮޅަށެވެ.

ދަގަނޑޭއަށް ހަވާލުކުރި މި ބޫޓަކީ ނައިކީ ބްރޭންޑުގެ ބޫޓެކެވެ. މިއީ ދަގަނޑޭއަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ބޫޓެއްކަމަށް މާކުއި އެމްވީން މައުލޫމާތުދެއެވެ. މި ބޫޓު ލިބުމާއެކު ދަގަނޑޭ ވަނީ މާކުއި އެމްވީއަށް ޝުކުރުއަދާކޮށްފައެވެ.

ދަގަނޑޭ ވަނީ މާލޭގައި މިހާރު ކުރިޔަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. މިއީ ދަގަނޑޭގެ ހަޔާތުގައި އޭނާގެ ހަތްވަނަ ސާފް ޗެމްޕިއަންޝިޕެވެ.

މީގެއިތުރުން ދަގަނޑޭއަކީ މި މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާ އެވެ. ދަގަނޑޭ ވަނީ މުބާރާތުގައި ކުޅުނު 29 މެޗުން ޖުމްލަ 22 ލަނޑު ޖަހާފައެވެ.