އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލް އަތުން އެއްވަރުވެ މުބާރާތުން ވަކިވާން ޖެހުނީ އިންސާފަކުން ނޫން ކަމަށާއި ބަންގްލަދޭޝް ޓީމަށް މިއީ ހިތްދަތި ވަގުތެއްކަމަށް ކޯޗު އޮސްކާ ބްރުޒޮން ބުނެފިއެވެ.

މުބާރާތުގައި ނޭޕާލް ބަލިކޮށްގެން ބަންގްލަދޭޝްއަށް ފައިނަލަށް ދެވެން އޮތެވެ. ބަންގްލަދޭޝް ލީޑުގައިވަނިކޮށް ނޭޕާލުން ނަތީޖާ ހަމަހަމަކޮށްފައި ވަނީ މެޗު ނިމެން ގާތްވެފައިވަނިކޮށެވެ.

ބަންގްލަދޭޝް އިން މި މެޗުގެ ފުރަތަމަ ހާފު ބޯޅަ ގިނަވަގުތު ހިފަހައްޓައިގެން ކުޅުނު ނަމަވެސް ނޭޕާލް ވަނީ ދެވަނަ ހާފުގައި ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކޮށް ނޭޕާލަށް ބާރުބޮޑުކޮށްފައެވެ. ނޭޕާލުން މެޗުގައި އަތްގަދަކުރަން ފެށީ މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅު ބަންގްލަދޭޝްގެ ކީޕަރަށް ރަތްކާޑު ދެއްކުމާއި ގުޅިގެންނެވެ. ބާކީބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ބަންގްލަދޭޝްއަށް މައްސަލަ ކުރިމަތިވިއެވެ.

މުބާރާތުން ކެޓުމުން ބަންގްލަދޭޝްގެ ކޯޗިން ސްޓާފުން ހިތާމަކުރަނީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މެޗަށްފަހު ބަންގްލަދޭޝް ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ރެފްރީ ވަށާލާފައެވެ. އަދި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ހާއްސަކޮށް ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮންގެ މޫނުމަތިން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރިތަން ފެނިގެންދިޔަ އެވެ.

ބަންގްލަދޭޝްގެ ކޯޗު ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މި މުބާރާތުގެ ރެފްރީންނަށް ނުސީދާކޮށް ފާޑުކިޔާފައެވެ. އަދި ކަންކަން ބަދަލުވީ ގޯސް ނިންމުންތަކުގެ ސަބަބުން ކަމަށް ފާހަގަކޮށްފައިވެއެވެ.

ބަންގްލަދޭޝް ގެ ކީޕަރަށް ރަތްކާޑު ދެއްކުމަށްފަހު--- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"އަހަރެމެންނަށް ލަނޑު ލިބުނީ ނަމުން "ޕްރޮފެޝަނަލް" ރެފްރީންގެ ގޯސް ނިންމުންތަކުގެ ސަބަބުން، އެކަމަކު ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސްކިޔަން، ކުޅުންތެރިންގެ އެއްވެސް މައްސަލައެއް ނެތް" އޮސްކާ ބުންޏެވެ.

މި މުބާރާތުގައި ބަންގްލަދޭޝް ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު އެއް މެޗުން ބަލިވިއިރު ދެ މެޗުން ވަނީ އެއްވަރުވެފައެވެ. ބަންގްލަދޭޝް ބަލިވީ ހަމައެކަނި ރާއްޖެ އަތުންނެވެ.