ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ކުޅެމުން އަންނަ މެޗުގައި އިންޑިއާގެ ކޯޗު، އިގޯ ސްޓިމަކް އަށް ރަތް ކާޑެއް ދައްކައިފިއެވެ.

ގަލޮޅު ދަނޑުގައި މިރޭ 21:00 ގައި ފެށި މި މެޗު ނިމެން ކާރިވެފައި ވަނިކޮށް، އިންޑިއާގެ ކޯޗަށް ރަތް ކާޑެއް ދައްކާފައިވަނީ ދެ ރީނދޫ ކާޑު ހަމަވެގެންނެވެ.

މިމެޗުގެ ތެރެއިން އިންޑިއާގެ ކޯޗަށް ރަތް ކާޑެއް ދައްކާފައިވާއިރު، އޭނާއަށް ކާޑު ދައްކާފައިވަނީ ކޮން ސަބަބަކާއި ހުރެ ކަމެއް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް އާއްމު ގޮތެއްގައި ކޯޗަށް ކާޑު ދައްކާނީ ރެފްރީންގެ އެންގުންތަކަށް ތަބާ ނުވެގެންނެވެ.

އިގޯ ސްޓިމަކްގެ އިތުރުން އެޓީމުގެ ކުޅުންތެރިއަކަށް ވެސް ވަނީ ރަތް ކާޑެއް ދައްކާފައެވެ. އަދި ޓީމުގެ އެސިސްޓެންޓް ކޯޗަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

އިގޯ ސްޓިމަކް އަށް ރަތް ކާޑެއް ދައްކާފައިވާއިރު، އިންޑިއާ އޮތީ 3-1 ގެ ނަތީޖާއަކުން މުބާރާތުގެ ފައިނަލަށް ދިއުމަށް އުއްމީދު އާ ކޮށްފައެވެ.

މިމެޗުގައި އިންޑިއާއަށް ގޯލު ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ ކުރިއަށް ކުޅޭ ޖާޒީ ނަމްބަރު 9، މަންވީރު ސިންގް އާއި އެޓީމުގެ އެންމެ ވަރުގަދަ ކުޅުންތެރިޔާ ސުނިލް ޗެތްރީ އެވެ. މިމެޗުގައި ޗެތްރީ ވަނީ ދެ ގޯލު އިންޑިއާއަށް ކާމިޔާބު ކޮށްދީފައެވެ.

މިމެޗުގައި ރާއްޖެއަށް ގޯލެއް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ޖާޒީ ނަމްބަރު 7، އަލީ އަޝްފާގެވެ.