އޮމާންގެ ވެރިރަށް މުސްކެޓްގައި މިހާރު ކުރިޔަށްދާ ވޯލްޑް ޓޭބަލްޓެނިސް ޔޫތު ކޮންޓެންޑަރ މުބާރާތުގެ 15 އަހަރުންދަށުގެ ބައިން ކުއާޓާފައިނަލަށް ރާއްޖޭގެ އެންމެ އުއްމީދީ ތަރި ފާތިމަތު ދީމާ އަލީ ދަތުރުކޮށްފިއެވެ.

މުބާރާތުގައި ދީމާ ހިމެނުނު ގްރޫޕުގައި ހިމެނޭ ދެ ކުޅުންތެރިންވެސް ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. ދީމާ ހިމެނުނީ 15 އަހަރުންދަށުގެ އަންހެންކުދިންގެ ބައިން ގްރޫޕް ދޭއްގައެވެ.

މި ގްރޫޕުގައި ދީމާއާއެކު ހިމެނުނީ ޕާކިސްތާނުގެ އަންހެން ސިންގަލްސްގެ އެއްވަނަ ހޫރް ފަވާދު އާއި އުޒްބަކިސްތާނުގެ އަރަމުން އަންނަ ތަރި ދިޔޯރާ ޕުޝްޕަލަޓޮވާ އެވެ.

ފުރަތަމަ މެޗުގައި ދީމާ ބައްދަލުކުރީ ހޫރް ފަވާދު އާއެވެ. މި މެޗު ދީމާ ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 11-8 ، 11-9 އަދި 11-4 އިންނެވެ

ދެވަނަ މެޗުގައި ވާދަކުރީ އުޒްބަކިސްތާނުގެ ދިޔޯރާ އާއެވެ. މި މެޗުވެސް ދީމާ ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންްނެވެ. ފުރަތަމަ މެޗާއި ހިލާފަށް މި މެޗުގައި ވާދަކުރި ކުޅުންތެރިޔާ ވަރުގަދައެވެ. ނަމަވެސް ދީމާ ވަނީ އޭނާގެ ފެންވަރު ދައްކާލާފައެވެ. މި މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 12-10، 11-8 އަދި 11-5 އިންނެވެ.

މުބާރާތުގެ ކުއާޓަފައިނަލުގައި ދީމާ ވާދަކުރަންޖެހޭ ކުޅުންތެރިއެއް އެނގިގެންދާނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. މި ބުރުގައި ދީމާ ވާދަކުރަން ޖެހޭނީ އީރާންގެ ޔެކްތާ އަދި އުޒްބަކިސްތާނުގެ އަސެލް އާކަބެވާ ގެ ތެރެއިން މޮޅުވާ ކުޅުންތެރިއަކާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮނާ

    ވަރަށް ގަދަ // ފަޙުރުވެރިވެވޭ //

  2. Anonymous

    ސާބަހޭ ދިމާ ދަރިފުޅާ
    ހާދަ ރީތި ނަމެކޭ ރާއްޖެއަށް ތިޔަ ހޯދާދެނީ . ދިވެހި ން ފަޙްރުވެރިވާ ދަރިއެއް ތިޔައީ.
    ހިތްވަރާއި އެކު ކުރިއަށް.
    އިންޝާﷲ މޮޅުވާނެ . ހުރިހާ ދިވެހިން މިދަރިފުޅަށް ކާމިޔާބީއަށް އެދި ދުއާކޮށްދެމާ.
    މިޤައުމަށް ލިބޭ ރީތި ނަމެއް