ތައިލޭންޑްގައި ހެދި ތަމްރީންތަކަށްފަހު ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ ރާއްޖެ އައިސްފިއެވެ.

ދީމާ މިއަދު ރާއްޖެ އައިސްފައިވާއިރު، އޭނާ ވަނީ ތިން މަސް ދުވަސް ވަންދެން ތައިލޭންޑްގައި ތަމްރީންތައް ފުރިހަމަކޮށްފައެވެ.

ދީމާ ތައިލޭންޑްގައި ތަމްރީން ހަދަމުން އައީ ޔޫތު މިނިސްޓްރީ އާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގުޅިގެން ހޯދައިދިން ފުރުސަތެއްގައެވެ.

މި ތަމްރީން ޕްރޮގްރާމުގެ ތެރެއިން ލިބުނު ފުރުސަތެއްގައި ދީމާ ވަނީ ތައިލެންޑުގައި ބާއްވާ އެންމެ ބޮޑު ޓޭބަލް ޓެނިސް މުބާރާތް ކަމަށްވާ "އޯލް ތައިލެންޑް ޓީޓީ ޗެމްޕިއަންޝިޕް" ގައި ވާދަކޮށް، 15 އަހަރުން ދަށުގެ ޑަބަލްސްގެ ޗެމްޕިއަންކަން ހޯދާފައެވެ.

މި މުބާރާތުގެ ޑަބަލްސްގައި ތައިލެންޑުގެ ފަންގްއާއެކު ތަށި ކާމިޔާބުކުރިއިރު ދީމާ ވަނީ އަންހެން ސިންގަލްސްގެ 17 އަހަރުން ދަށުގެ ކުއާޓާ ފައިނަލަށްވެސް ދަތުރުކޮށްފައެވެ. ނަމަވެސް އޭނާ ވަނީ ކުއާޓާގައި ތިން ސެޓް އެއް ސެޓުން ބަލިވެފައެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ، މި ތަމްރީންތަކާއެކު އަންނަ މެއި މަހުގެ 9 އިން 12 އަށް ރާއްޖޭގައި އޮންނަ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ދީމާގެ ހުނަރުތައް ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ސޯޝަލް ސެންޓަރުގައި އޮންނަ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ސްރީލަންކާ، ޕާކިސްތާން، އަދި ނޭޕާލްއެވެ.