ޕޯޗުގަލްގައި މިހާރު ކުރިޔަށްދާ ވޯލްޑް ޖޫނިއާ ޓީޓީ ޗެމްޕިއަންޝިޕުގެ މިކްސް ޑަބަލްސްގައި ޗެކް ރިޕަބްލިކްގެ ކުޅުންތެރިޔާ އާއި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކުޅުނު ޕެއާ ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.

ޕޯޗްގަލްގެ ވިލަ ނޮވާ ޑި ގަޔާގައި ކުރިޔަށްދާ މި މުބާރާތުގެ މިކްސް ޑަބަލްސް ކެޓަގަރީގައި ކުޅުނު މި މެޗު ދީމާ އާއި ޗެކް ރިޕަބްލިކްގެ މާޓިން ސިޕްގެ ޕެއާ ކާމިޔާބުކޮށްފައިވަނީ މުބާރާތުގެ 15 އަހަރުންދަށުގެ ބައިން އޮސްޓްރޭލިއާގެ ޕެއާ ބަލިކޮށްގެންނެވެ.

އޮސްޓްރޭލިއާގެ ސަހޯޖިއޮސް އާއި ޗުލޯންގެ ޕެއާ ދީމާއާއި ޗެކް ރިޕަބްލިކްގެ ޕެއާ ބަލިކޮށްފައިވަނީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު 7-11 އިން ދީމާ ކާމިޔާބުކުރި އިރު ދެވަނަ ސެޓު 7-11 އަދި ތިންވަނަ ސެޓު 3-11 އިން ދީމާގެ ޕެއާ ކާމިޔާބުކޮށްފައިވެއެވެ.

އެއާއެކު ދީމާ ވަނީ ދިވެހި ކުޅިވަރުގެ ތާރީހުގައި ވޯލްޑް ޗެމްޕިއަންޝިޕުގެ މެޗަކުން މޮޅުވި ފުރަތަމަ ދިވެހި ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ. އަދި މި މޮޅާއެކު ދީމާ ވަނީ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދާފައެވެ.

މުބާރާތުގެ ގަދަ 16 ގައި ދީމާ އާއި ޗެކް ރިޕަބްލިކްގެ ކުޅުންތެރިޔާ މާޓިން ސިޕްގެ ޕެއާ ބައްދަލުކުރަން ޖެހެނީ ރޫމޭނިއާގެ ރިޗްޓާ ހޫލިއާން އާއި ބިއަންކާ މަރޮސޫއާ އާއި ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެގަޑިން 21:00 ގައެވެ.

ރާއްޖޭގެ ދީމާ އާއި ކޯޗު ޝިއުރީ (ކަޅު) އަދި ޗެކް ރިޕަބްލިކްގެ ކުޅުންތެރިޔާ އަދި ކޯޗާއެކު-- ފޮޓޯ: ޓީޓީއޭއެމް

ރާއްޖޭގެ ޓޭބަލްޓެނިހުގެ ތާރީހުގައި އަލަށް ކުޅުންތެރިއަކު ވޯލްޑް ކަޕަށް ކޮލިފައިވިއިރު ދީމާ މި ޝަރަފު ހޯދާފައިވަނީ 15 އަހަރުންދަށުގެ ދުނިޔޭގެ ރޭންކިންގެ 18 ވަނައިގައި ހިމެނިގެން ވޯލްޑް ޗެމްޕިއަންޝިޕުގެ ގިންތިތަކަށް ފެތުމުންނެވެ.

ދީމާ ވަނީ އެންމެފަހުން ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށް ދިވެހި ޓީމަށް ފުރަތަމަ ފަހަރަށް ޓޭބަލްޓެނިހުން މެޑަލް ހޯދުމުގެ އިތުރުން އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ވެސް ދިވެހި ޓީމަށް މެޑަލް ހޯދައިދީފައެވެ.