މިއަހަރުގެ ޑިސެމްބަރު މަހު ޕޯޗުގަލްގައި ބާއްވާ ވޯލްޑް ޖޫނިއާ ޓޭބަލްޓެނިސް ޗެމްޕިއަންޝިޕަށް ކޮލިފައިވި ފުރަތަމަ ދިވެއްސަކަށް ރާއްޖޭގެ އުއްމީދީ ތަރި ފާތިމަތު ދީމާ އަލީ ވެ ރާއްޖޭގެ ކުޅިވަރުގެ ތާރީހުން ޖާގަ ހޯދައިފިއެވެ.

ވޯލްޑް ޗެމްޕިއަންޝިޕަށް ދީމާ ކޮލިފަައިވެފައިވަނީ 15 އަހަރުންދަށުގެ ސިންގަލްސް ބައިންނެވެ. މިއީ ދިވެހި ކުޅުންތެރިއަކު ވޯލްޑް ޖޫނިއާ ޓީޓީ ޗެމްޕިއަންޝިޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

މި އުމުރުފުރާގައި ޖުމްލަ 24 ކުޅުންތެރިން ވާދަކުރެއެވެ. ދީމާ އާއެކު ދެން ހިމެނެނީ ދުނިިޔޭގެ ޓޭބަލްޓެނިސްގައި ވަރުގަދަ ގައުމުތަކުގެ އެންމެ އަރަމުން އަންނަ ޓޭބަލްޓެނިސް ކުޅުންތެރިންނެވެ. މި ކުޅުންތެރިންވެސް މުބާރާތަށް ކޮލިފައިވީ ކޮލިފައިން ބުރުގައި ވާދަކޮށްގެންނެވެ.

ޕޯޗުގަލްގެ ވިލަނޯވާގައި މި މުބާރާތް ކުރިޔަށްދާނީ ޑިސެމްބަރު 2 އިން 8 ގެ ނިޔަލަށެވެ. މިއީ ޖޫނިއާ ލެވެލްގެ ޓޭބަލްޓެނިސް މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު މުބާރާތެވެ.

ދީމާ މި މުބާރާތަށް ކޮލިފައިވުމާއި އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދީމާ މި ހޯދި ކާމިޔާބީ ފާހަގަކޮށް މަރުހަބާ ވިދާޅުވެފައެވެ. އަދި މި މުބާރާތުގައި ކާމިޔާބީއަށް އެދޭކަމަށާއި ދީމާ މުޅި ގައުމު ފަހުރުވެރިކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވޯލްޑް ރޭންކިންގައި ރަނގަޅު މަގާމެއް ހޯދުމުގެ ގޮތުން ދީމާ ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސީރީސް މުބާރާތްތަކުގައި ދީމާ ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރޭ ދީމާ މިވަގުތު އޮތީ ދުނިޔޭގެ ރޭންކިންގެ 15 އަހަރުން ދަށުގެ ބައިން ތާވަލުގެ 20 ވަނައިގައެވެ.

އޮމާންގައި ދާދިފަހުން ކުރިޔަށްދިޔަ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގެ 15 އަހަރުންދަށުގެ އަންހެން ބައިން ދީމާ ވަނީ ކުއާޓާފައިނަލަށް ދަތުރުކޮށްފައެވެ. ކުއާޓާގައި ދީމާ ބަލިވީ އީރާންގެ ކުޅުންތެރިއެއްގެ އަތުންނެވެ.