ޕޯޗުގަލުގެ ވިޔަ ރެއާލުގައި މިހާރު ކުރިއަށްދާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގެ ތިން ކެޓަގަރީއެއްގައި ވާދަކޮށް ރާއްޖޭގެ ތަރި ފާތިމަތު ދީމާ އަލީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ.

ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޔޫތު ކުޅުންތެރިން ވާދަކުރާ މުބާރާތުގައި އުމުރުން 15 އަހަރުގެ ދީމާ ވާދަކޮށްފައި ވަނީ 19 އަހަރުން ދަށުގެ ސިންގަލްސް އިވެންޓްގައެވެ.

އެ އިވެންޓްގެ ފުރަތަމަ ބުރުގައި ދީމާ ގްރޫޕް 10 ގައި ކުޅެފައިވާ އިރު، އެ ގްރޫޕްގައި ފުރަތަމަ ކުޅުނީ ޖަރުމަނުގެ ވަރުގަދަ ކުޅުންތެރިއެއް ކަމަށްވާ އެއިރީން ކަލައިޓްޒީޑޫއާ ދެކޮޅަށެވެ. އެ މެޗު 3-1 އިން ޖަރުމަނު ކުޅުންތެރިޔާ ކާމިޔާބު ކުރި ނަމަވެސް، ދެން ކުޅުނު މެޗުގައި ދީމާ ވަނީ ބްރެޒިލްގެ ލައުރާ ވަޓަނާބޭ ސީދާ ތިން ސެޓުން ބަލިކޮށްފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ދީމާ ބައްދަލުކުރީ ޖަރުމަންގެ އެއިރީން އާއެވެ. އޭނާ އަތުން ދީމާ ބަލިވީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު 11-1، 11-2 އިން ދީމާ ބަލިވިއިރު، ތިންވަނަ ސެޓު ދީމާ ހޯދީ 11-6 އިންނެވެ. ނަމަވެސް ފަހު ސެޓުން އޭނާ ވަނީ 6-11 އިން ބަލިވެފަ އެވެ. ގްރޫޕް ސްޓޭޖުގައި ދީމާ ބްރެޒިލްގެ ލައުރާ އަތުން މޮޅުވީ ސީދާ ތިން ސެޓުނެވެ. މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 12-10، 11-3 އަދި 13-11 އިންނެވެ

ސަތާރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް އިވެންޓުގެ ދެވަނަ ބުރުން ދީމާ ވަނީ ކަޓާފައެވެ. 19 އަހަރުން ދަށުގެ ބައިން ދީމާ ކެޓީ ގަދަ 16 އިންނެވެ. 19 އަހަރުން ދަށުގެ އަންހެން ސިންގަލްސްގެ ދެވަނަ ބުރުގައި ދީމާ ވާދަކުރީ ޔޫކްރެއިންގެ އެނަސްޓޭޝިއާ ބޮޑްނާ އެވެ. އޭނާ އަތުން ދީމާ މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު 11-9 އަދި 11-2 އިން ދީމާ ހޯދިއިރު، ތިންވަނަ ސެޓު އެނަސްޓޭޝިއާ ގެންދިޔައީ 6-11 އިންނެވެ. ފަހު ސެޓު 11-9 އިން ކާމިޔާބުކޮށް ދީމާ ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފަ އެވެ.

ދީމާ މިވަގުތު ތަމްރީނު ވަމުންދަނީ ފްރާންސްގައެވެ. އެއީ އޮލިމްޕިކް ސްކޯލާޝިޕެއްގެ ދަށުންނެވެ.

ދީމާ ވަނީ ވޯލްޑް ކޮންޓެންޑާ ސީރީސްގެ ބައެއް މުބާރާތްތަކުގައި މިދިޔަ އަހަރުވެސް ވާދަކޮށްފައެވެ. އޭގެ ތެރޭގައި އޮމާންގެ ވެރިރަށް މަސްކަޓުގައި އޮތް މުބާރާތުގެ 15 އަހަރުން ދަށުގެ ބައިގެ ކުއާޓާ ފައިނަލުން އޭނާ ޖާގަ ހޯދި އިރު، ޓިއުނީޝިއާގައި އޮތް މުބާރާތުގައިވެސް އޭނާ ވާދަކުރިއެވެ. ޕޯޗުގަލްގައި އޮތް މުބާރާތަށް މިދިޔަ އަހަރު އޭނާއަށް ނުދެވުނީ ވިސާ ހަމަނުޖެހުމުގެ ސަބަބުންނެވެ.