އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ނޭޕާލް ކޮޅަށް ޖެހި ތިން ލަނޑާއެކު 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް އިންޑިއާއިން ސަރަހައްދީ މުބާރާތުގެ ރަސްކަން އަނެއްކާވެސް ހޯދައިފިއެވެ.

މިއީ ސަރަހައްދުގެ ގަދަބާރު އިންޑިއާއިން މި މުބާރާތް ކާމިިޔާބުކުރި 8 ވަނަ ފަހަރެވެ. އެންމެފަހުން އެ ޓީމު މި މުބާރާތް ކާމިޔާބުކުރީ 2015 ވަނަ އަހަރު އެ ގައުމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ އަފްގާނިސްތާން ބަލިކޮށްގެންނެވެ. އޭގެފަހުން 2018 ގައި ޗެމްޕިއަންކަން ރާއްޖެ ހޯދީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ. އިންޑިއާ އަކީ މި މުބާރާޔުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމެވެ.

މި މެޗަށް ނޭޕާލް އަދި އިންޑިއާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައެވެ. ހާޢްސަކޮށް މީގެކުރިން ނުފެންނަ ވަރަށް މި މެޗުގައި ދެ ޓީމުގެ ސަޕޯޓަރުންވެސް ދަނޑަށް ވަދެފައިވެއެވެ.

މެޗު ފެށިއިރު ވާރޭ ނުވެހުން ނަމަވެސް ވަރަށް ބާރަށް ވައިޖެހުނެވެ. އަދި މެޗުގެ ވަކި ހިސާބަކުން ފެށިގެން ބޯކޮށް ވާރޭ ވެހުމާއި އެކު މެޗުގެ ފުރަތަމަ ހާފު އެއްކޮށް ނިންމާލީ ބޯ ވާރޭގެ ތެރޭގައެވެ.

އިންޑިއާގެ ކީޕަރު ނޭޕާލުގެ ހަމަލާއެއް ހުއްޓުވަނީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މި މެޗާއި އިންޑިއާއިން ކުރިމަތިލީ އަނިޔާ އަދި ސަސްޕެންޝަނުގެ ސަބަބުން ބައެއް ކުޅުންތެރިން ނުލައެވެ. މީގެތެރޭގައި އެންމެފަހުން ރާއްޖެއާއި ދެކޮޅަށް ކުޅުނު މެޗުގައިި ރަތްކާޑު ދެއްކި ސުބަހަޝިޝް ބޯސް އާއި އަނިޔާގެ ސަބަބުން ކުޅުމާއި ދުރަށްދާން ޖެހުނު ފާރޫގް ޗައުދަރީ ހިމެނެއެވެ. އަދި އިންޑިއާގެ ކޯޗުވެސް ވަނީ ރާއްޖެ މެޗުގައި ދެއްކި ރަތްކާޑާއެކު ފައިނަލް މެޗަށް ސަސްޕެންޑުވެފައެވެ.

މެޗު ފަށައިގެން އިންޑިއާއިން މަސައްކަތްކުރީ ރާޢްޖެއާއި ދެކޮޅަށް ކުޅުނު ގޮތަށް އިދިކޮޅު ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެ އަރިމަތިން އުފައްދާ ހަމަލާތަކުން ލަނޑު ޖެހުމަށެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ އިންޑިއާ އަށް އެކަން ކާމިޔާބުނުވެއެވެ. ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުންވެސް ތަނަވަސްކުރި އެވެ.

އިންޑިއާ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން--- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ފުރަތަމަ ހާފުގައި ނޭޕާލުން ވަނީ ލަނޑުޖަހާނެ ވަރަށް ރަނގަޅު ތިން ފުރުސަތެއް ތަނަވަސްކޮށްފައެވެ. އިންޑިއާގެ ބަލިފައި ކަމަށް ބަލާ ޑިފެންސްލައިނަށް އޭރިއަށް ތެރެއަށް މަތިން އައި ދެ ބޯޅައެއް ނޭޕާލު ކުުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކުރި އެވެ. މި ދެ ބޯޅައިގެ ތެރެއިން އެއް ބޯޅަ ރަނގަޅަށް ފޮނުވާނުލެވުނު އިރު އަނެއް ބޯޅަ އިންޑިއާގެ ކީޕަރު ގުރްޕްރީތް ސިންގް ވަނީ ދިފާއުކޮށްފައެވެ. ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެވެ.

ދެވަނަ ހާފަށް ދެ ޓީމުންވެސް ކުރިމަތިލީ އެއްވެސް ބަދަލެއް ނެތިއެވެ. ފުރަތަމަ ހާފުގައި ފެނިގެންދިޔަ ކުޅުންތެރިން މި ހާފުންވެސް ފެނުނުއިރު ދެވަނަ ހާފުވެސް ކުރިޔަށްދިޔައީ ބޯ ވާރޭގެ ތެރެއިންނެވެ. މި ހާފު ފެށިތާ މާގިނައިރުތަކެއް ނުވެ އިންޑިއާއިން ވަނީ ފުލުފުލުގައި ދެ ލަނޑުޖަހާ ހަމަޖެހިލާފައި އެވެ.

އިންޑިއާއިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

އިންޑިއާއިން ދެ ލަނޑުގެ ލީޑެއް ނެގީ ދެ މިނެޓުގެ ތެރޭގައެވެ ފުރަތަމަ ލަނޑު 49 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސުނިލް ޗެތްރީ އެވެ. މިއީ ޕްރިތަމް ކޮޓާލް ނަގައިދިން ހުރަހަކުން ޗެތްރީ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއެކު ގައުމީ ޓީމަށް ޗެތްރީ ޖެހި ލަނޑުތަކުގެ އަދަދު ވަނީ 80 އަށް އަރާފައެވެ. އެއާއެކު އޭނާ ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއި އަރާ ހަމަކޮށްފައެވެ.

މި ލަނޑު ޖަހައިގެން ނޭޕާލަށް ހަމަނޭވާ ނުލެވި އުޅެނިކޮށް އިންޑިއާއިން ވަނީ 50 ވަނަ މިނެޓުގައި ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ސުރޭޝް ސިންގް ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ރީތި ހަމަލާއަކުންނެވެ.

މި ލަނޑަށްފަހު ނޭޕާލުން ގިނަ ބަދަލުތަކެއް ގެނައެވެ. އެގޮތުން ރާއްޖެ މެޗުގައިި ލަނޑުޖެހި މަނީޝް ޑަންގީ އާއި ރާއީ އަދި އަޔޫޝް ގަލަންގް ކުޅެން އެރުމާއެކު ނޭޕާލުން އަނެއްކާވެސް އެ ޓީމުގެ ޑޮމިނަންޓް ފުޓުބޯޅަ ކުޅެން ފެށިއެވެ. ނަމަވެސް ނޭޕާލުގެ ފަހަތުން އިންޑިއާއިން ގިނަ ޖާގަތަކެއް ހޯދަން ފެށިއެވެ.

ދެވަނަ ހާފުގައި ނޭޕާލުން އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކީ މަނީޝް ޑަންގީ އެވެ. ރާއްޖެ ކޮޅަށް ލަނޑުޖެހި މި ކުޅުންތެރިޔާ ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރާ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް އިންޑިއާއިން ވަނީ މެޗު ނިމެން ގާތްވެފައި ވަނިކޮށް ތިންވަނަ ލަނޑެއް ޖަހާފައެވެ.

މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސަހަލް އަބްދުލް ސަމަދު އެވެ. މިއީ ނޭޕާލުގެ ޑިފެންސްލައިން ފޫއަޅުވާލުމަށް ފަހު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.