ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ހޯމް ސަޕޯޓު ޕްރެޝަރު ނުވަތަ އަމިއްލަ ދަނޑުގައި ކުޅޭއިރު އެ ސަޕޯޓަރުންގެ ތިބުމުން ކުރިމަތިވާނެ ޕްރެޝަރު ފެނުނު ކަމަށް ނޭޕާލްގެ ކޯޗު އަބްދުﷲ އަލްމުތައިރީ ބުނެފިއެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އަތުން ނޭޕާލް ބަލިވި މެޗަކީ އެ ޓީމުގެ ކޯޗުކަމުގައި އޭނާ ފެންނާނެ ފަހު މެޗުކަމަށް މީގެކުރިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެންމެފަހުން އޭނާ ބުނީ ރަނގަޅު އޮފާއެއް ލިބިއްޖެ ނަމަ އެނބުރި ނޭޕާލަށް ދިއުމުގެ ފުރުސަތު އޮތްކަމަށެވެ.

ރޭގެ މެޗުގައި ނޭޕާލް ކޯޗު އަބްދުﷲ އަލްމުތައިރީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ފައިނަލް މެޗަށްފަހު ވާހަކަދައްކަމުން ނޭޕާލްގެ ކޯޗު ވަނީ ދިވެހި ޓީމަށް މި މުބާރާތުގައި ކުރިމަތިވި ކަންކަމާއި ގުޅޭގޮތުން އޭނާގެ ހިޔާލު ހާމަކޮށްފައެވެ. ކޯޗު ބުނީ ރާއްޖެއަށް ކުރިމަތިވީ އަމިއްލަ ދަނޑުގައި ކުޅޭއިރު އެ ކުރިމަތިވާ ޕްރެޝަރު ކަމަށާއި ބައެއް ކުޅުންތެރިންގެ ފަރާތުން އެކަން އޭނާއަށް ފާހަގަވި ކަމަށެވެ.

ރާއްޖެއިން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓުނުކުރި ނަމަ ރާއްޖެއަށް މި މުބާރާތުގެ ޗެމްޕިއަންކަން ލިބުމަކީވެސް ހަމަ ވެދާނެކަމެއް ކަމަށްވެސް ނޭޕާލް ކޯޗު ބުންޏެވެ.

ރާއްޖެ އާއި ލަންކާ ބައްދަލުުކުރި މެޗުގެ ތެރެއިން:- ވަގުތު އިމޭޖަސް- އަބްދުالله އަބީދް

"އަމިއްލަ ދަނޑުގައި ކުޅޭޭއިރު ބައެއް އުނދަގޫތަކެއް ކުރިމަތިވާނެ، މިއީ އަހަރެންގެ ވިސްނުން ފަހަރުގަ މި މުބާރާތް އެހެން ގައުމެއްގަ ބޭއްވިނަމަ ރާއްޖެ ޗެމްޕިއަންކަން ވެސް ނެގުމަކީ ވެދާނެކަމެއް" ނޭޕާލް ކޯޗު ބުންޏެވެ.

ނޭޕާލް ކޯޗު ވަނީ ދިވެހި ޓީމަށް 2023 ގެ އޭޝިއަން ކަޕަށް ކޮލިފައިވެވިދާނެ ކަމަށް ބުނެފައެވެ. އަދި ދިވެހި ކުޅުންތެރިންނަށް އިތުރު މެޗުތަކެއް ބޭނުންވާނެކަން ގަބޫލުކުރާ ކަމަށްވެސް ބުންޏެވެ.

ރާއްޖެއިން މިހާރު މަސައްކަތްކުރަނީ އަންނަމަހު ސްރީލަންކާގައި ބާއްވާ ހަަތަރު ގައުމު ވާދަކުރާ މުބާރާތެއްގައި ވާދަކުރާށެވެ. މި މުބާރާތުގައި ވާދަކުރަނީ ރާއްޖެއާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސް އެވެ.

ނިިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކެޓީ އިންޑިއާ އަތުން ބަލިވެގެންނެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެއަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތެވެ. އެއާއެކު ރާއްޖެ މި މުބާރާތް ނިންމާލީ ތާވަލުގެ ތިންވަނަ މަގާމުގައި ހަ ޕޮައިންޓާއެކު އެވެ. ދެވަނަ ލިބެނީ ނޭޕާލަށެވެ. އެއީ ހަތް ޕޮއިންޓެވެ. އަދި މުބާރާތުގެ ޗެމްޕިއަންކަން ލިބުނީ އިންޑިއާ އަށެވެ.