ސައުދީ އަރަބިއްޔާއިން ނިއުކާސަލް ޔުނައިޓެޑު ގަތްފަހުން އެ ކުލަބުގެ ސަޕޯޓާރުން މެޗުތަކުގައި "ސަގާފީ އަރަބި ފޭރާން ނުވަތަ މެދުއިރުމަތީގެ ހެދުން" ލައިގެން ދަނޑަށް ނުވަންނަން އެ ކުލަބުން އަންގައިފިއެވެ.

ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ޔުނައިޓެޑް ގަންނަން ވަނީ ޖުމްލަ 408 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ.

ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ އޮތް ޕީއައެފްގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ ދުނިޔޭގައި މިވަގުތު އޮތް އެންމެ މުއްސަނދި ކުލަބުތަކުގެ ޖުމްލަ އާމްދަނީ އަދި ކުލަބުގެ ވެރިންގެ މިލްކިއްޔާތަށްވުރެ އެތައް ގުނައެއް ބޮޑު އަދަދެކެވެ. އެއާއެކު ނިއުކާސަލް ވެފައިވަނީ މިވަގުތު ދުނިޔޭގެ އެންމެ މުއްސަނދި ކުލަބަށެވެ.

އަރަބި ހެދުމުގައި ނިއުކާސަލް ސަޕޯޓަރުން

ނިއުކާސަލްގެ ވެރިން ބަދަލުވި ފަހުން ފުރަތަމަ ކުޅުނު މެޗުގައި ވަނީ ޓޮޓެންހަމް އަތުން 3-2 އިން ބަލިވެފައެވެ. މި މެޗުގައި ނިއުކާސަލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބީ އަރަބި ޖުއްބާ ނުވަތަ އަރަބި ހެދުން ލައިގެންނެވެ. އަދި ސައުދީން އެ ކުލަބު ގަތްފަހުން އުފާފާޅުކުރުމަށް ބޭއްވި ހަރަކާތްތަކުގައި ވެސް ފެނިގެންދިޔައީ އަރަބި ހެދުމެވެ.

މިކަމާއި ގުޅިގެން ނިއުކާސަލްގެ އާ އަރަބިވެރިންގެ ދިފާއުގައި ވަނީ ބޮޑު ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި އެ ކުލަބުގެ ވެރިންނަށް އަމާޒުކޮށް މިފަދަ ކަންކަން ނުކުރަން ވަނީ ނަސޭހަތްތެރިވެފައެވެ.

"ނިއުކާސަލް ޔުނައިޓެޑުގެ ސަޕޯޓަރުންގެ ކިބައިން އޯގާތެރިކަމާއެކު އެދެނީ އަރަބި ފޭރާން ނުވަތަ މެދުއިރުމަތިން ފެންނަ ގޮތަށް ބޮލުގެ އިސްތަށިގަނޑު ނިވާނުކުރުމަށް، އަދި ކުލަބުގެ އިސްވެރިންނަށް އިހްތިރާމުކުރުމަށް" ބަޔާނުގައިވެއެވެ.

އަރަބި ހެދުމުގައި ނިއުކާސަލް ސަޕޯޓަރުން

މީގެއިތުރުން ކޮންމެ ގައުމެއްގެ ބަޔަކު ކަމުގައިވިއަސް ނިއުކާސަލްއަށް އަންނަ ބަޔަކީ އަބަދުވެސް އެ ކުލަބުން އިހްތިރާމުކުރަން ޖެހޭ ބައެއްގެ ގޮތުގައި މި ބަޔާނުގައި ބުނެފައިވެއެވެ.

"ކްލަބަށް ޒިޔާރަތްކުރާ ހުރިހާ މެހުމާނުންނަކީވެސް، އަބަދުވެސް އޮންނަ ފަދައިން، އަމިއްލަ ސަގާފަތެއް ނުވަތަ ދީނެއްގެ އާދަކާދައެއް އޮންނަ ކޮންމެ އެއްޗެއް އަޅައިގެން އުޅޭ ބައެއް، އެ ކްލަބަކުން ފަޚުރުވެރިކަމާއެކު އެ ކްލަބެއްގެ ތާއީދު ދަމައިގަންނަ، ފުޅާ އަދި މުއްސަނދި މަލްޓިކަލްޗަރަލް ކޮމިއުނިޓީތަކާއި ގްރޫޕްތައް ދައްކުވައިދޭ ގޮތަށް ކުރިއަށް ދިއުމަށް ހިތްވަރުދޭ ބައެއް." ބަޔާނުގައިވެއެވެ.

ކުލަބުގެ އާ ވެރިން އައިތާ މާގިނަ ދުވަސްތަކެއް ނުވެ އެ ކުލަބުގެ ކޯޗުކަމުގެ މަގާމުން ސްޓީވް ބްރޫސް ވަނީ ވަކިވެފައެވެ. އޭނާ ވަކިވީ ދެފަރާތުން އެއްބަސްވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފް

    ބަރަހަނާ ހެދުމުގަ ވަނީމަ ބަރާބަރު ދޯ.ލަދު ކޮބާ؟؟

    7
    1
  2. މުޙައްމަދު

    އަރަބި ހެދުމަކީ ހަމައެކަނި ބޮލުގައި އަޅާފައި އެ އޮންނަ ބޮޑުރުމާތަ. ޖޯޒީއާ ސޯޓުބުރި ލާފަ ވެސް ފޮތިގަނޑު އެޅީމާ ތި ބުނަނީ އަރަބި ހެދުމޭ.

    1
    1