ޕްރިމިއާ ލީގުގައި 0-1 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، ލިވަޕޫލްއިން އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ނިއުކާސަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ގޮސްފައިވަނީ ލިވަޕޫލްއިންނެވެ. އެގޮތުން އެޓީމުން ދިޔައީ ނިއުކާސަލްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ނިއުކާސަލްގެ ޑިފެންސާއެކު އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ލިވަޕޫލްއިން މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކުރީ 16 ވަނަ މިނެޓުގައެވެ. މި ލަނޑު ޑިއެގޯ ޖޮޓާގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ނަބީ ކެއިޓާއެވެ.

މި މެޗުގައި ލިވަޕޫލްއިން 11 ޝޮޓް އޮފް ޓާގެޓަށް ފޮނުވާލާފައިވާއިރު، އޮން ޓާގެޓަށް 10 ޝޮޓް ވަނީ ފޮނުވާލާފައެވެ. މިގޮތުން މުޅި މެޗުގައިވެސް ލިވަޕޫލްއަށް ވަނީ ލީޑު ފުޅާކުރަން ގިނަ ފުރުސަތު ލިބިފައިކަން ފާހަގަކުރެވެއެވެ.

މި މެޗުގައި ޑިފެންސިވްކޮށް ފެނިގެންދިޔަ ނިއުކާސަލްއަށް ރަނގަޅު އެޓޭކެއް ކުރެވިފައެއް ނުވެއެވެ. އެގޮތުން އެޓީމުން އޮން ޓާގެޓަށް ދެ ޝޮޓް ފޮނުވާލިއިރު، އޮފް ޓާގެޓަށް އެއް ޝޮޓް ވަނީ ފޮނުވާލާފައެވެ. އަދި ނިއުކާސަލްގެ ކީޕަރު ވަނީ މެޗުގައި ނުވަ ސޭވް ކޮށްފައެވެ.

މި ނަތީޖާއާއެކު ލިވަޕޫލް ވަނީ 34 މެޗުން 82 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލަުގެ އެއްވަނައަށް ޖެހިލާފައެވެ. ނަމަވެސް މިރޭ ސިޓީ އަދި ލީޑްސް ބައްދަލުކުރާ މެޗުން ސިޓީ މޮޅުވެއްޖެނަމަ، އެއް ޕޮއިންޓްގެ ފަރަގަކުން ސިޓީ އެއްވަނައަށް ޖެހިލާނެއެވެ.