ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ޅ. އަތޮޅުގެ މަޝްހޫރު ރިސޯޓެއް ކަމަށްވާ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޓީމާއެކު ހާއްސަ މެޗެއް ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.
ކުރެއްދޫ ރިސޯޓުގައި އަންނަ ހުކުރުދުވަހު ކުޅޭ މި މެޗަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ (އުއްޗު) ދެއްވި ދައުވަތަކަށް ކުޅެވިގެންދާ މެޗެކެވެ.
އަންނަ ހުކުރު ދުވަހުގެ ހަވީރު 16:00 ގައި ކުރެއްދޫ އައިލޭންޑް ރިސޯޓުގެ ޓީމާއި ދެކޮޅަށް ކުޅޭ މި މެޗުން މޮޅުވާ ޓީމަކަށް އުއްޗު ހާއްސަ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖެޓީވީން ވަނީ ބުނެފައެވެ. މި މެޗު ރާއްޖެޓީވީން ވަގުތުން ގެނެސްދޭއިރު ރާއްޖެ އެމްވީން މެޗު ލައިވްސްޓްރީމް ކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިޔަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ގައުމީ ފުޓުބޯޅަ ޓީމު ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ކުޅުދުއްފުށީގެ އާ ފުޓުބޯޅަ ޓާރފް ދަނޑު ހުޅުވުމުގެ ގޮތުން ހާއްސަ މެޗެއް ކުޅެފައެވެ. މި މެޗު ގައުމީ ޓީމު މޮޅުވެފައިވަނީ 6-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގައުމީ ޓީމާއި ދެކޮޅަށް ކުޅެފައިވަނީ ކުޅުދުއްފުށިން ހޮވާލެވުނު ޓީމަކާއެވެ.
ކުޅުދުއްފުށީގައި ކުޅުނު މި މެޗުގައި ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފުވެސް ވަނީ ކުޅެފައެވެ. މިއީ ދާދިފަހުން މާލޭގައި ނިމުނު ސާފް ޗެމްޕިއަންޝިޕަށްފަހު ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.
ގައުމީ ފުޓުބޯޅަ ޓީމަށް ކުރިޔަށް ދެން އޮތީ އަންނަ މަހު ސްރީލަންކާގައި ބާއްވާ މަންދަ ރާޖަޕަކްސަ ޓްރޮފީ އެވެ. ރާއްޖެ ހިމެނޭގޮތަށް ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގައި ރާއްޖެއާއެކު ވާދަކުރާ ގައުމުތަކަކީ ސީޝެލްސް އާއި ސްރީލަންކާގެ އިތުރުން ބަންގްލަދޭޝް އެވެ.
ޖައްސާލަ ބަ ލ އަށް
ބފެންވަރު ބަލާލަން
ގައުމީ ޓީމު ކުޅުންތެރިން އަނގައިން ފެންބޮނީ...